ޖަމާއަތުގެ ފުލުހުން އުފެއްދުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ދިވެހިރާއްޖޭގައި ލާމަރުކަޒީ އުސޫލުން ހަރަކާތްތެރިވާ ޖަމާއަތުގެ ފުލުހުން އުފެއްދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ އާރޓިފިޝަލް ބީޗްގައި ރޭބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން މިހާރުގެ ފުލުހުންގެ މުވައްސަސާއަކީ ރަޔަޓް ޕޮލިސްގެ ގޮތުގައި ތަމްރީންވެފައިވާ، ރައްޔިތުން ބިރުގަންނަވަންއޮތް ފުލުހުންގެ މުވައްސަސާއެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން އެދެނީ އެފަދަ އަނިޔާވެރި ފުލުހުންގެ މުވައްސަސާއެއްނޫންކަމަށާއި ރައްޔިތުން އެދެނީ އެރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮންނަ މުވައްސަސާއެއް އޮތުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަމުގައި ގައުމީ ފުލުހުންނާއި ގައުމީ ސިފައިނަށް އަމާޒުކުރައްވައި “އަޅުގަނޑު ގައުމީ ފުލުހުންނާއި ގައުމީ ސިފައިން ކިބައިން އެދެނީ އިހްލާސްތެރިކާއެކު ތިއްބެވުމަށް” ކަމަށް ރައީސް ނަޝީދު ވިދާޅުވެ “ރާއްޖޭގެ ރައްޔިތުންނަށް ބިރު ދައްކައިގެން ރާއްޖޭގެ ރައްޔިތުން އޮބަހައްޓައިގެން ރާއްޖޭގެ ރައްޔިތުން ހައްޔަރުކޮށްގެން ރާއްޖެއަށް ތަރައްގީ” އެއް ނުލިބޭނެ ކަމަށާއި އެއީ ބާޣީ ސަރުކާރަށް ކުރެވޭ ކުށްހީއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.