ރައީސް ނަޝީދުގެ އެތައް ސަޕޯޓަރުންނަށް އަނިޔާކޮށް ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 89
ތާރީޚް: 2 އޮގަސްޓް 2012 (ބުރާސްފަތި)

ރައީސް ނަޝީދުގެ އެތައް ސަޕޯޓަރުންނަށް އަނިޔާކޮށް ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކުރުން

މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ފުލުސް އޮފީހަށް މިއަދު 2 ޖެހިއިރު ގެންދިއުމާ ގުޅިގެން އެމަނިކުފާނާ އެކު އެމްޑީޕީގެ ހުރިހާ ސަޕޯޓަރުން ތިބިކަން ހާމަކުރުމަށް، ޖުމްހޫރީ މައިދާނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ސުލްހަވެރިކަމާއެކު އިހުތިޖާޖުކުރަމުންދަނިކޮށް މި ޕާޓީގެ ގިނަ އަދަދެއްގެ ބަޔަކު އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ އެންމެން ވަގުތުން ދޫކޮށްލުމަށް މި ޕާޓީން ގޮވާލަމެވެ.

މިއަދު އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކުރުމުގައި ވެސް ވަކި ބަޔަކަށް އަމާޒުކޮށްގެން، އެ ފަރާތްތައް ހައްޔަރުކޮށްފައިވާ ކަން މި ޕާޓީން ފާހަގަކުރަމެވެ. މީގެ ތެރޭގައި ރައީސް ނަޝީދުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުން ފެންވަރުން ފެށިގެން އެމްޑީޕީއަށް ވާގިވެރިވާ ފަރާތްތަކާއި، އެމްޑީޕީގެ އާންމު އެތައް މެންބަރުންނެއް “ޖަންގަލީގެ އުސޫލުން” ހަމައެއް ލަމައެއް، އިންސާފެއް ނެތި އެތައް އަނިޔާއެއްކޮށް، ހައްޔަރުކޮށްފައިވާކަން މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ބެރިކޭޑް ކައިރިން ފުލުހުންގެ މީހަކު ރައީސް ނަޝީދުގެ ގައިކޮޅުގައި (ކަށިމަތީގައި) ޖަހާފައިވާ ކަމަށް އެމްޑީޕީގެ އިސް މެންބަރުން ބުނަމުންދާއިރު، ފުލުހުންގެ މައި އިދާރާ ކައިރިއަށް އެއްވެފައިވާ އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއަށް އެ އިދާރާ ހުންނަ އިމާރާތުގެ މަތިން ކުޅުޖަހާފައިވާ ކަމަށް އެމްޑީޕީގެ މެންބަރުން ބުނަމުންދިއުމުގެ އިތުރުން މީޑިއާގައި ވެސް ވަނީ އެކަން ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ފުލުހުން ވަނީ އެމްޑީޕީ ސަޕޯޓަރުންގެ ބުރަކަށީގައާއި، ގައިގެ އެތަން މިތަނުގައި މުގުރުންނާއި ބޫޓުންތަޅައި، ނޫސްވެރިއެއްގެ ބޮލުގައި ޖަހައި ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެހެންކަމުން ފުލުހުންގެ ފަރާތުން ތަކުރާރުކޮށް ފެންނަމުންދާ މިފަދަ ނާތަހުޒީބު އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް