ރައީސް ނަޝީދު ފުލުހަށް ހާޒިރުވެވަޑައިގެންފި

17.40 ރައީސް ނަޝީދު ފުލުހުންގެ މަރުކަޒުގައި ގާތްގަނޑަކަށް 2 ގަޑިއިރު ހޭދަކުރެއްވުމަށް ފަހު މިހާރު އެމަނިކުފާނުގެ ގެކޮޅަށް ވަޑައިގެންފި. އެމަނިކުފާނާ އެކު ވަރަށް ގިނަ ސަޕޯޓަރުން ވެސް އެ ގެ ކޮޅު ކައިރިއަށް ދިޔަ

16.30 އިސްލާމީ މަރުކަޒުގެ ގޯތިތެރެއިން ވެސް މީހުން ހައްޔަރުކުރަމުން އެބަދޭ. އަދި ރާއްޖެ ޑޮޓް އެމްވީ ގެ ނޫސް ވެރިއެއްގެ ބޮލުގައި މުގުރުން ޖަހައި ދުޅަކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބޭ.

16.05 އިތުރު ބަޔަކު ހައްޔަރުކޮށްފި. އޭގެ ތެރޭގައި އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހީމް ވަހީދު (އެންސްޕާ އިބުރޭ) ވެސް ހިމެނޭ .މިހާރު ބަންޑާރަ މިސްކިތް ކައިރީތިބި މީހުން އެމިސްކިތުގެ ގޯޅި ދޮރާހަމަޔަށް ފަހަތަށް ޖައްސައިފައިވާއިރު، ހައްޔަރުކުރާ މީހުންނާ ފުލުހުން މުހާތަބްކުރަނީ އެކަށީގެން ނުވާ، ބޭއަދަބީ، ވަރަށް ހުތުރު ބަހުރުވައިން ކަމަށް މައުލޫމާތު ލިބޭ

15.50 މީހެއްގެ ބޯ ފަޅާލައިފި. ބޯފަޅައިގެން ދިޔައީ ކޮއްޓަފަރު ދޮންތުގެ ކަމަށް ވެސް މައުލޫމާތު ލިބޭ. އަދި އޭނާ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ

15.40 ރައީސް ނަޝީދުގެ ކަށިމަތީގައި ފުލުހުންގެ މީހަކު ވަރަށް ބާރަށް ޖެހި ކަމުގެ މައުލޫމާތު އެމްޑީޕީއަށް ވަނީ ލިބިފައި

15.35 ރީފްސައިޑް ކަންމަތީގައި ތިބި ބާޣީ ސިފައިންނާއި އާންމުންނާއި ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގަމުން އެބަދޭ. އެމްޑީޕީގެ ބައެއް ސަޕޯޓަރުންނަށް އަނިޔާވެ އެކަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މައުލުމާތުލިބޭ

15.30 ރައީސް ނަޝީދު އަދިވެސް ހުންނެވީ ފުލުހުންގެ އިދާރާގެ ތެރޭގައި. މީހުން ފަހަތަށް ޖައްސަމުން ދިޔަ ވަގުތު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބޭ

15.20 ރާއްޖެ ޓީވީ ނޫސްވެރިން އަނެއްކާ ވެސް ދުރަށް ފޮނުވާލައިފި

15.14އީސް ނަޝީދުގެ އަރިހުގައި ފުލުސް އޮފީސް ދޮށަށް ވަޑައިގެންނެވި ފަރާތްތަކަށް ރަޔަޓް ގިޔަރުގައި ތިބި ފުލުހުން އިންޒާރުދީ ފަހަތަށް ޖައްސަމުންދާ ކަމަށާއި މިހާރު ބީއެމްއެލް އާ ހަމައަށް ފަހަތަށް ޖައްސާފައިވާ ކަމަށް މައުލޫމާތު ލިބޭ

15.03 ފުލުސް އޮފީސް ތެރެއަށް ވަތް ނޫސްވެރިން ބޭރަށް ނެރެފި. އަދި ޕޮލިސް ބިލްޑިން މަތިން އެއްވެ ތިބި މީހުންގެ ތެރެއަށް ކުޅު ޖަހައިފައިވާ ކަމަށް ވެސް އެ ސަރަހައްދުގައި ތިބި ރިޕޯޓަރުން ބުނޭ

14.50 ރައީސް ނަޝީދު ފުލުހުންގެ މައި މަރުކަޒަށް ވަދެވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފުލުސް އޮފީހަށް ވަޑައިގެންފި. އެ މަނިކުފާނު ފުލުސް އޮފީހަށް ވަޑައިގެންނެވި އިރު ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެމަނިކުފާނު އަރިހުގައި ދިޔަ ނަމަވެސް ޖުމްހޫރީ މައިދާން ސަރަހައްދުން ފުލުހުން ވަނީ އާންމުން ހުއްޓުވައި، ބެރިކޭޑުގެ ފަހަތަށް ޖައްސާފައި

ރައީސް ނަޝީދު ފުލުސް އޮފީހަށް ވަދެވަޑައިގަތީ، ފުލުހުން ރާއްޖެ ޓީވީ ހުއްޓުވުމާ ގުޅިގެން ހުރިހާ މީޑިއާ އަކަށް ހަމަހަމަ ފުރުސަތު ދިނުމުން ނޫނީ ވަޑައިނުގަންނަވާނޭ ކަމަށް ވިދާޅުވެ، ޖުމްހޫރީ މައިދާނުގައި މަޑުކުރެއްވުމަށް ފަހު

ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިއަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެއްޖެއެވެ.

ކެނެރީގޭ ދޮށަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު މެންދުރުފަހު ފުލުސް އޮފީހަށް ހާޒިރުކުރާތީ އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުންނެވެ.

ރައީސް ނަޝީދު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ނިންމާފައި ވަނީ މިއަދު މެންދުރުފަހު 2 ޖަހާއިރުއެވެ.