ޕޮލިސްއިންޓެގްރިޓީ ކޮމިޝަނުގެ ބަޔާން ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 88
ތާރީޚް: 1 އޮގަސްޓް 2012 (ބުދަ)

ޕޮލިސްއިންޓެގްރިޓީ ކޮމިޝަނުގެ ބަޔާން ކުށްވެރިކުރުން

އަވަސް އިންތިޚާބަކަށް ގޮވާލައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެތެރެއިން މިއަހަރުގެ ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ބާއްވަމުންގެންދިއަ މުޒާހަރާތަކަށް ނިސްބަތްކޮށް އެ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއް ނޫންކަން ދޭހަވާގޮތަށާއި އަދި އެ މުޒާހަރާތައް ކޮންޓްރޯލްކުރުމުގައި ހަރަކާތްތެރިވާ ފުލުހުން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާތަން ނުފެންނަން ކަމަށާއި، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވާ އެއްވެސް ފުލުހަކު މުޒާހަރާގެ ބައިވެރިންނާއި ނުރަނގަޅު ގޮތެއްގައި މުއާމަލާތްކުރާތަން ނުފެންނަ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާތީ އެގޮތަށް ބުނެފައިވާ ބުނުމާމެދު އެމް.ޑީ.ޕީ އިން ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީ އިން އަބަދުވެސް ކުރަމުންގެންދަނީ މަޢުލޫއޮތް ކަންކަމުގައި މައުނަވީ އަދި ސުލްޙަވެރި މުޒާހަރާތަކާއި އިޙްތިޖާޖުތަކެވެ. މިގޮތުން ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ވެސް މިޕާރޓީން ކުރަމުންގެންގޮސްފައިވާނީ އެފަދަ ސުލްޙަވެރި މުޒާހަރާތަކެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން އެމް.ޑީ.ޕީގެ މުޒާހަރާތަކާމެދު އެފަދައިން ބަޔާންނެރުނުއިރު، އަބަދުވެސް އެންމެ ފުރަތަމަ ފާހަގަކުރަންޖެހޭ އެއްކަމަކީ އެ ކޮމިޝަނުން ކަމަކަށް އެޓެންޑްވެ، މައްސަލައެއް ބެލުމުގެ މާކުރިން ބައިނަލް އަޤްވާމީ ފަރާތްތަކުންނާއި އ.ދ. އިން އެކަމަކަށް ސަމާލުކަންދީ އެކަމުގައި ޙަޤީޤަތް ހާމަކޮށް ކަންބޮޑުވުން ފާޅުކުރާކުރުމެވެ. އަދި އެކޮމިޝަން އެކުލެވިގެންވާގޮތާއި އެ ކޮމިޝަނުގެ މިނިވަންކަމާމެދުއާއި އެކޮމިޝަނުން ފުލުހުންގެ މައްޗަށް މިހާތަނަށް ފިޔަވަޅު އަޅާފައިވާ މިންވަރުގެ މަދުކަމާމެދު އ.ދ އިން ވަނީ ވަރަށް ބޮޑަށް ސުވާލުއުފައްދައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަމައެހެންމެ ކަންކަމުގެ ބުރަދަން ވަޒަންކުރާގޮތާއި ހަމަހަމަކަމުގެ މިންއަޅާގޮތް އާންމު ވިސްނުމުގެ ހަމަތަކާ އެއްގޮތް ނޫންގޮތަކަށް އެކޮމިޝަނުން ކުރާތަން ފާހަގަކުރެވެއެވެ.

މިގޮތުން ފާހަގަކޮށްލެވޭ ބައެއްކަންކަމަކީ، 7 އަދި 8 ފެބްރުއަރީ 2012 ވަނަ ދުވަހު އެންމެންގެ ލޯކުރިމަތިން ފުލުހުން ބައިވެރިވި ބަޣާވާތެއްކޮށް، ސުލްހަވެރި ރައްޔިތުންތަކަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއްކޮށް، ޣައިރުޤާނޫނީ ހައްޔަރުތައް ކޮށްފައިވާއިރު، 6 މަސް ފާއިތުވެދާއިރު ވެސް އެ ކޮމިޝަނުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާގޮތަށް އެކަންކަން ފެނުމުގައާއި އެ ފުލުހުންނާމެދު ފިޔަވަޅު އެޅުމުގައި ނުކުޅެދިފައިވާވުމެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ޖުލައި މަހުގެތެރޭގައި އެމް.ޑީ.ޕީ އިން ކުރި ސުލްހަވެރި މުޒާހަރާއެއްގައި ހުންނަވަނިކޮށް، ފުލުހުން އެމަނިކުފާނު ހުރިތަން ހޯދައި އެމަނިކުފާނަށް ސީދާ އަމާޒުކޮށް އެމަނިކުފާނުގެ ދެލޯފުޅަށް ޕެޕަރ ސްޕްރޭ ޖަހާފައިވާކަން ވީޑިއޯ ކުރެވިފައިވާއިރު ވެސް މުޒާހަރާ އޮބްޒާރވް ކުރަމުންދިއަ އެ ކޮމިޝަނަށް އެކަން ފެނިފައިނުވާތީއާއި އެމައްސަލަ ވެސް ތަޙްޤީޤްކުރުމަށް ޒަމާންތަކެއް ނަގަމުންދާތީ އެކަން ފާހަގަކުރެވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކުކަމުގައި ވީނަމަވެސް ނުވަތަ އެ މަޤާމުން ވަކިވެވަޑައިގެން ހުންނެވި ބޭފުޅަކުކަމުގައި ވީނަމަވެސް އެ ބޭފުޅަކީ، އެބޭފުޅަކަށް ވަކި ޚާއްޞަ ޤާނޫނަކުން ރައްކާތެރިކަން ދިނުމަށް ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ބޭފުޅެކެވެ.

އަދި ރައްޔިތުން ވޯޓަކުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީ ގެ މެމްބަރުންގެ ގައިގާ ފުލުހުން މިނިކާ އެއްޗެތި ފަދައިން ދަތްއަޅައި، މެމްބަރުންނާމެދު މުޖުރިމުންގެ ގޮތުގައި ދެކެ، މަޖިލީހުގެ ޤަވާޢިދާ ވެސް ޚިލާފަށް ތަކުރާރުކޮށް ހިފާ ހައްޔަރުކޮށް، އަނިޔާކޮށް، ގޯނާކުރަމުންދާއިރުއާއި، އަދި މަޖިލީހުގެ ޤަވާޢިދަށް ބެލުމެއް ވެސް ނެތި މެމްބަރުން ހިފާ ހައްޔަރުކުރާނޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ބުނެ ގޮންޖަހާފައިވާއިރު، މިކަމަކީ ކިހާވަރެއްގެ ކަމެއްކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ނުފެންނަކަން ފާހަގަކުރެވެއެވެ.

އަދި ސުލްޙަވެރި މުޒާހަރާކުރަމުންދާއިރު ފުލުހުން މުޒާހަރާތަކަށް ހުރަސްއެޅުމަށްޓަކައި ގްރީން ޒޯން ނޫން ސަރަޙައްދުތައް ބަންދުކޮށް ބެރެކޭޑް ޖަހަމުންދާކަމާއި، އަދި ބެރެކޭޑް ޖެހުމަށްފަހު ބެރެކޭޑުން ބޭރުގައި މުޒާހަރާކުރާ މީހުންގެ ތެރެއަށް ފުލުހުން ވަދެގަނެ، އަދި ފުލުހުންގެ ވެހިކަލްތައް ވެސް ބާރު ސްޕީޑްގައި ވައްދާ ފުލުހުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާއިރު އެތަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ނުފެންނަކަން ފާހަގަކުރެވެއެވެ.

އަދި މުޒާހަރާއިން މީހުން ހައްޔަރުކުރުމަށްފަހު ހައްޔަރުކުރި ސަބަބު އަންގާލިޔުމުގައި ބަޔާންކޮށްފައި ނުވާ ކަންކަމާ ގުޅުވައިގެން ޔޫރިން ޓެސްޓްކުރުމަށް މަޖުބޫރުކުރުވުމާއި މޯބައިލް ފޯނު އަތުލައި އެ ފޯނު އަނބުރާ ހަވާލުނުކުރުން ފަދަ ކަންކަން ތަކުރާރުކޮށް ފުލުހުން ކުރަމުންދާއިރު، އެކަންކަން ފެނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ނުކުޅެދިފައިވާކަން ފާހަގަކުރެވެއެވެ.

އަދި އުސްފަސްގަނޑު ރޫޅާލުމުގެ ކޯޓު އަމުރެއް ވެސް ނެތި ފުލުހުންނާއި ސިފައިން އެތަން ރޫޅާލި ރޫޅާލުން ފެނުމަށް ވެސް އެ ކޮމިޝަން ނުކުޅެދިފައިވާކަން ފާހަގަކުރެވެއެވެ.

އަދި ބައެއްފަހަރު ފުލުހުން މުޒާހަރާކުރާ މީހުންގެ ތެރެއަށް އޮއްގާ އުކުމާއި، ކަޅުތުއްކޮލާ ކޮށީތެރެއިން މުޒާހަރާކުރާ މީހުންގެ ތެރެއަށް އެއްޗެތި އުކާފައިވާއިރު، އެކަން އެކޮމިޝަނަށް ނުފެނިވާކަން ފާހަގަކުރެވެއެވެ.

އަދި ފުލުހުންގެ ޤާނޫނުގައި ލާޒިމުކުރާފަދައިން ފުލުހެއްކަން އަންގައިދޭ ގޮތަށް މޭމަތީގައި އެމީހެއްގެ ނަން ލިޔެފައި އޮންނަންޖެހޭއިރު މުޒާހަރާތަކަށް ފޮނުވާ ފުލުހުންގެ ނަން ލިޔެފައި ނޯންނަކަން އެކޮމިޝަނަށް ނުފެންނަކަން ފާހަގަކުރެވެއެވެ.

އަދި ފުލުހުން ބަގުރަލަށް ޓެސްޓްކުރެވޭއިރު އެގޮތުން ޓެސްޓްހަދަނީ ހަމަ ފުލުހުންގެ މުވައްސަސާއިން ފުލުހުންކަމަށްވާތީ އެކަމަކީ އެ ޓެސްޓްގެ އިތުބާރުކުޑަވާކަމެއްކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ނުދެކޭކަން ފާހަގަކުރެވެއެވެ.

މި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ މީޑިއާތަކަށް ފުލުހުން ބިރުދައްކައި، ނޫސްވެރިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކޮށް، ގޯނާކޮށް ފުރައްސާރަކޮށް، ނޫސްވެރިންގެ ގަޔަށް ޕެޕަރސްޕްރޭ ޖަހައި، ހައްޔަރުކޮށް، ރާއްޖެޓީވީ އަށް ހިމާޔަތް ނުދޭނޭ ކަމަށް ފުލުހުން އާންމުކޮށް އިއުލާންކޮށްފައިވާ އިރު މިކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ނުފެންނަކަން ފާހަގަކުރެވެއެވެ.

މިހެން މިކަން ހުރުމާއެކު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަށްވުރެ ޒިންމާދާރުގޮތެއްގައި މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ
ސްޕޯކްސްޕާސަން
7777852