ފުލުހުންނަކީ އަނިޔާވެރި ބައެއްކަމަށާއި، އެފަދަ އަނިޔާވެރި ބައެއްގެ އަތްމައްޗަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ދޫނުކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން އުސްފަސް ގަނޑުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، ރައީސް ނަޝީދު ފުލުސް އޮފީހަށް ދާންނުޖެހޭނެ ކަމަށެވެ. ސަބަބެއްކަމައް މޫސަ ވިދާޅުވީ މިހާރު ސަލާމަތީ ބާރުތަކާމެދު އިތުބާރު ނެތްކަމަށާއި، ބަޣާވާތްކުރި މީހުންނާ ދެކޮޅައް ފިޔަވަޅު އެޅިފައި ނުވާކަމަށެވެ.
މީގެ އިތުރުން މޫސަވިދާޅުވީ އެމްޑީޕީން އެކި މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ އިސްލާމީ ޝަރީއަތާއި ޚިލާފްނުވާ ގޮތަށް ކަމަށާއި، އެހެން ނަމަވެސް އިސްލާމް ދީނާ ފުށުއަރާ މުއާހަދާއެއްގައި 2006 ވަނަ އަހަރު، ކުރީގެ ޚުދުމުޚްތާރުވެރިޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސޮއިކޮށްފައިވާ ކަމަށާއި، ނަމަވެސް މިކަން އެމްޑީޕީގެ ބޮލުގައި އަޅުވަން، އެކަން ކުރި ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ވިދާޅުވީ ޤާނޫނާއި ޤާނޫނު އަސާސީއާ ހިލާފަށް ހިންގާ ކަންތައްތަކާ ދެކޮޅު ހައްދަވާނޭ ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ސިފައިންނާއި ފުލުހުންނަށް ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ނާޒިމް ގޮވާލެއްވިއެވެ.
“މިހާރު ކުރަން މިއުޅޭ ކަމަކީ އާސަންދަ ހުއްޓާލުމަށްފަހު، އެބޭފުޅުންނަށް ތާއީދުކުރާ ރައްޔިތުންގެ ލޮލުގައިވެސް އަނދުން އެޅުވުމަށްޓަކައި ރައީސް ނަޝީދު ފުލުހުންގެ މަރުކަޒަށް ގެންދަނީ. ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހެވާއިލާބައަށް ކަމައްވާތީ ބަޣާވާތުގެ އަހުލުވެރިން އެމަނިކުފާނަށް އަނިޔާކުރަން ބޭނުންވަނީ.” ނާޒިމް ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީން ބެލީ ކުރީގައި ރައީސްކަން ކުރި މީހުންނާވެސް އެކީ، ތަހުޒީބާއި އެކީގައި، ހިތްތިރި ކަމާއި އެކު ކުރިޔަށް ދިއުމަށް ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ކުރިން އިންތިހާބުވީ މެންބަރުންވެސް، މައުމޫނު ބޭނުންފުޅުނުވާ ގޮތަށް ވާހަކަ ދެއްކުމުން އެ މެންބަރުން، މެންބަރުކަމުން ވަކިކޮށް ފޮނުވާލަނީ ކަމަށެވެ. އެގޮތުން “ރައީސް ނަޝީދަކީވެސް އެގޮތަށް މެންބަރުކަމުން ވަކިކޮށްފައިވާ ފަރާތެއް” ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް ނަޝީދާ މެދު ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މާރިޔާ ވިދާޅުވީ، ރައީސް ނަޝީދަކީ އެއްވެސް ބޭފުޅަކަށް އަނިޔާއެއްދެއްވަން ބޭނުންފުޅުވާނެ ބޭފުޅެއްނޫން ކަމަށެވެ. މިކަމަށް ހެކި ދައްކަވަމުން މާރިޔާ ވިދާޅުވީ ފެބްރުއަރީ 7 ވަނަދުވަހުވެސް “ރައީސް ނަޝީދު ގޮވާލައްވަމުން ގެންދެވީ ރައްޔިތުން ސަލާމަތް ކުރާށޭ. ވެރިކަން ދިފާއުކުރަން އަންނާކަށް ނޫން.” ކަމަށެވެ.