އައިމަގުން ދެވޭތޯ އުޅުން މިއަދު މާ ބުއްދިވެރި ވާނެ

ފުނަމާ

ދިވެހިރައްޔިތުން އިންތިޚާބުކުޅަ ގާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލި ޚާއިނުން މިގައުމަށް ވެރިވުމަށްފަހު އެމީހުން ދެކޭގޮތުގައި އެމީހުންނަކީ މިދުނިޔޭގެ އެންމެހައި ބާރުތަކެއް އެމީހުން އެނބުރި އަތަކަށް އެނބުރޭނެ ވަރުގެ އާރާއި ބާރުހުރި ބައެކެވެ. މިގައުމަކީ ހުރިހައި ވަސީލަތެއް ގައުމުގެ އެތެރޭން ލިބޭންހުރި، ފައިސާއާއި ތަނަވަސްކަމުގައި މުޅިދުނިޔެއަށް ގޮންޖަހާލެވޭނެ ގައުމެއް ކަމުގައި އެމީހުން ދެކެއެވެ. މިމީހުންގެ އަޑަކީ ދުނިޔޭގައި އެންމެ ބާރުގަދަ އަޑުކަމުގައި އެމީހުން ދެކެއެވެ. ބާޣީ ސަރުކާރުގެ ވެރިޔާއަކީ އެއްދުވަސް ވަރެއްގައި މުޅިދުނިޔެއަށް ބަލާވެރި ކަމެއް ކަމުގައިވި ހެޓިލަރަށްވުރެވެސް މަލްޢޫނު އެހާމެ ޖައްބާރު ވެރިއެއް ކަމުގައި އެމީހުން ހީކުރެއެވެ.

ދިވެހިރާއްޖެއަކީ ދުފާލާނެ ފޯއްފޮއްޗެއް، ދަތްކޮއްޓާ އިލޮށިކޮޅުވެސް އިންޕޯޓު ކުރާންޖެހޭ ގައުމެއްކަން ހަނދާން ނެތިފައި ތިބިބަޔަކު މިގައުމުގެ ވެރިކަމަށް އެރުމުން މިއަދު ގައުމަށް މިވަމުންދާ ގޮތާއި މިމިސްރާބުގައި ދަތުރުކުރާނަމަ އާޚިރުގައި ރައްޔިތުންނަށް ޖެހިދާނެ ނިކަމެތި ޙާލުއޮތީ ހީކޮށްލުމެވެ. އެންމެ ފުރަތަމަ މިބާޣީ ސަރުކާރުން އަޅައިގަނެގެން އުޅުނީ ކޮމަންވެލްތުގައެވެ. އެންމެ ފަހުން މިމީހުންނަށް ދެންގޮތެއް ނެތިގެން ކޮމަންވެލްތުން ވަކިވާންވެސް ނިންމައި ފިސާރި ނަގޫނަގައިގެން ދުވުނުތަންވެސް ފެނުނެވެ. އެކަމަކު އެއަކީ އެއްހަމަ ކަމެއް ނޫންކަން އެނގުނީ މާފަހުންނެވެ. އެކަމަކު އަދިވެސް ގޮތެއް ދުލެއް ނުކުރިއެވެ. އެންމެފަހުން ކޮމަންވެލްތުން ހަރުކަށި ދެތިންބަސް ބުނެލާއިރަށް އިންކުއަރީ ކޮމިޝަންވެސް ބަދަލުކުރާން މަޖުބޫރުވެ ރޭރުވީއެވެ. އަތަށް ގޮވީއެވެ.

މިއަދު އދ އިން މިގައުމުގެ ސަރުކާރަށް ނުރުހުމުގެ ބަސްތަކެއް ރައްދުކުރުމުން މިހާރު އެއުޅެނީ އެޖަމާއަތާ އަޅައި ގަނެގެންނެވެ. ރައްޔިތުން ހައްލާން ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ނުކުމެ މިހާރު އެގޮވަނީ އދ އާ، އީޔޫއާއި، ކޮމަންވެލްތަކީ ރައީސް ނަޝީދު ވިދާޅުވާ ގޮތަކަށް ކަންކުރާ ބައެއް ކަމުގައެވެ. މިކިޔެނީ ކޮންއެއްޗެއްކަންވެސް އެމީހުންނަށް އެބައެނގޭބާވައެވެ. އިއްޔެ އެމީހުން ރައްޔިތުންގާތު ބުނަމުން ގެންދިޔައީ ދުނިޔޭގެ ހުރިހައި ގައުމުތަކަކުންނާއި އދގެ ޖަމިއްޔާތަކުން މިބާޣީންނަށް ފުރިހަމަޔަށް އެއްބާރުލުންދީ މިފަޑުއްކަ ސަރުކާރު ގަބޫލުކުރާކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅު ތަކަށް ދުނިޔެއިން ބީރުކަންފަތެއް ދީފައިވާ ކަމުގައެވެ. އެހެންނަމަ މިއަދު ދެން އެކިޔަނީ ކީކޭހެއްޔެވެ؟ އދ އާއި ދުނިޔޭގެ ގައުމުތަކުން މިއަދު އެތިބަ ބުނާއެއްޗެއް އަހަރެމެންނަށްވެސް އަޑުއިވެއެވެ. މިގައުމުގައި މިތިބީކީ ހައްތަހާ މިބާޣީ ސަރުކާރުގައި ތިބިކަހަލަ ބީތާ، ގަމާރުންނެއް ނޫނެވެ.

އދ ގެ އިންސާނީ ޙައްގުތަކާއި ބެހޭ ކޮމިޝަންއަށް ޖަވާބުދާރީ ވުމަށް މިބާޣީ ސަރުކާރު ހާޟިރު ކުރުމުން ފުރަތަމަ ބުނީ އެއީ މުޅީން އެހެން ކަމެއް ކަމުގައެވެ. އެކޮމިޝަނުންވެސް މިބާޣީ ޚާއިނުންނަށް ތާރީފުކޮށް ހެދިކަމަށާ ރައީސް ނަޝީދުގެ ބަސްފުޅުތައް އެކޮމިޝަނުންވެސް ގަބޫލުނުކުރާ ކަމުގައި ގޮވައި ނެގިއެވެ. އެކަމަކު ހަގީގަތް އެނގުނުއިރު އެތަނަށްދިޔަ ކަލޭގެ ޖަހައި ކޮށި އިނގިރޭސި ބަހުން ވާހަކަދައްކަން ފެށުމުން އެކޮމިޓީގައި ތިބިއެންމެންވެސް ކުރީ މަލާމާތެވެ. އެއްވެސް ހުއްޖަތެއް ނުދެއްކި އެންމެފަހުން އެކުގައި ގެންދިޔަ ޖަޑިބު މަންޖެ އާއި ދެމީހުންވެސް ޒުވާބުކޮށްފައި އެނބުރިއައީ ބޮލާފޮށާ އެޅިގެންނެވެ.

އެންމެފަހުން ބާޣީ ތަރުޖަމާނުކަލޭގެ އަރައި އޭނާގެ ޒީލަގަދަކަން އޮއްބައިގެން އިނދެ މިހާރު ބުނަނީ އދ އިން އެބުނާ ރިޕޯޓެއް ނެރުނީ ދެހާސް ދިހަޔަކާއި އެގާރައިގައި ރައީސް ނަޝީދު ހުށައެޅުއްވި ބަޔާންތަކަކާއި ގުޅިގެން އެޖަމާއަތަށް މުޅީން އޮޅިގެން ކަމުގައެވެ. މިހީކުރަނީ އދ. ގައި އެތިބީ މިކަހަލަ ބައިހަންޖޯރުން ކަމުގައެވެ. އދ އިން އުޅެނީ މިގައުމުގެ ދީނާކުޅޭން ކަމުގައި ލަދެއްނެތި އެގޮވަނީ މިގައުމުގެ ކޮންބަޔަކު މަގުފުރައްދަން ހެއްޔެވެ؟ މިގައުމުގައި އިސްލާމީ ޝަރީއަތް ހިންގައިގެން ނުވާނެ ކަމުގައި އދ އިން ބުނީ ކޮންއިރަކުތޯ ނިކަން އެކަލޭގެއާއި ސުވާލުކޮށްބަލާށެވެ. ވަނީ އެހެންނެއް ނޫނެވެ. ދުނިޔޭގެ ކުށްވެރީންނާއި ބެހޭ އެންމެބޮޑު ކޯޓަށް މިވެރީން މިހާރުދެން ޙާޟިރު ކުރާ ހިސާބަށް ހިނގައްޖެކަން މިމީހުންނަށް އެނގި ކަށަވަރުވީއެވެ. އަވަސް އިންތިޚާބަކަށް ނުގޮސް ދެންނުތިބެވޭނެކަން އެނގި ކަށަވަރުވީއެވެ.

އިންތިޚާބަކަށް ނުކުމެއްޖެނަމަ އުނަގަނޑުގައި ރޮދިފަށެއްނެތި ބާޣީން މަގުމައްޗަށް ނުކުމު އެހެންމީހުން ލަދުގަންނާން ޖެހޭނެކަން އެނގޭތީ ގަންނާ ކުރައްވާ ބިރުން މިގައުމުގެ ރައްޔިތުންގެ ދެބައިކުޅަ އެއްބައި މީހުންގެ ރުހުން މިއަދުވެސް ލިބިފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަވަހަށް ހައްޔަރުކޮށް މިގައުމުގެ ގާނޫނުއަސާސީގެ ތެރެއިން އެމަނިކުފާނަށް ވެރިކަމަށް ކުރިމަތި ނުލެވޭނެ ބަހަނާއެއް އޮތްތޯ މިހާރުދެން އެގެންދަނީ މަރުފަލި ޖަހަމުންނެވެ. މީގެކުރީން އަދި، މިއަދުވެސް މިގައުމުގައި ހުރި އެންމެ ނުލަފާ ޚަސީލަތުގެ ވެރިމީހާ މިގައުމުގައި ބަނޑުއަޅައިގެން އޮތްއިރުވެސް ރައީސް ނަޝީދަށް މިގައުމުގެ ވެރިކަން ލިބޭނެ ކަން އެނގޭތީވެ މިކަހަލަ ގޮތަކަށް ޝަރީއަތަށް ފޮނުވައި އެންމެ ފަހުން ވަގުބަދުނާމު އަޅުވައި ބައްސާވެސް ލިއެވެ. އެކަމަކު ތަގުދީރުގެ ނިންމުން ނިކަން ދެކެބަލާށެވެ. އާޚިރުގައި އެކަލޭގެ އިސްކުޅަ ފަނޑިޔާރުން ތިބެގެން ސްޕްރީމް ކޯޓުން ރައީސް ނަޝީދު އެކުށުން ބަރީއަކޮށް ވެރިކަމަށް ކުފޫހަމަވާ ކަމުގައި ނިންމާން މަޖުބޫރުވެސް ކުރުވީއެވެ. ތިމާގެ އަމިއްލަ ވެރިކަމުގައި ފުރިހަމަ އާރާއި ބާރުވެސް ލިބިއޮއްވައެވެ. މިހިރީ ޢިބުރަތް ލިބިގަންނާންޖެހޭނެ ކަންކަން ކަމުގައި ވިޔަސް މިބާޣީންނަކަށް އަދިވެސް އޮކެއް ނުފިލައެވެ. ވާނީވެސް އެހެންނެވެ. ތިމާމެން ހިތުހުރި ގޮތެއް ހެދޭނެ ކަމުގައި ހީކުރި ކަންކަން މިދަނީ މިއަދު އުނގަށް ގޮވަމުންނެވެ. މިއަދު ކަޅުކާޅާއި އޭނާގެ ލަޝްކަރު އެތިބީ ދުނިޔޭގެ ކުރިމަތީގައި ބަރަހަނާވެ ހަފުސްވެފައެވެ.
އެކަމަކު މިއަދުވެސް ރައްޔިތުން ހައްލާންވެގެން މިތިބަގެން ނުކުމެ ތިބެ ގޮވަނީ އެކަކު އަނެކަކަށް ” އަކަޔަނބޯ މަވާމޮޅީމޭ ” އެވެ.

ދުނިޔޭގެ ހުރިހައި ގައުމަކާއި ބައިނަލް އަގުވާމީ ދުނިޔެ މިހާ ތާރީފުކުރާ ގައުމެއްގެ ވެރީންގެ ގޮތުގައި ތިބި ބަޔަކަށް އަމުދުން ޔޫރަޕަށް ނޭރޭނެ ކަމުގެ އިންޒާރާއި އެމީހުންގެ މުދާތައް ހިފަހައްޓާނެ ކަމުގެ އިންޒާރުތައް ދެމުންދާއިރު ލަދެއް ހަޔާތެއް ނެތި މީހުންގެ ކުރިމަށްޗަށް ނުކުންނަން ކެރޭކަމާމެދުވެސް ސަހަރޯ ހީވެއެވެ. މިގައުމުގައި އިސްލާމްދީން ހަލާކުކުރާން އަރައި އެތިބީ މިބާޣީންނެވެ. ފައްޅިތަކުގައި އަޅުކަން ކުރަނީވެސް އެމީހުންނެވެ. އދ އަކުން މިގައުމުގެ ދީނާއި ކުޅޭކަށް ނޫޅެއެވެ. އަކަޔަނބޯ ހެދިގެން ނޫޅެ އަވަހަށް އައިމަގުން ދެވޭތޯ އުޅުން މިއަދު މާ ބުއްދިވެރި ވާނެއެވެ.