ރައީސް ނަޝީދު ފުލުސް އޮފީހަށް ނުގެންދެވޭނޭ ކަމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ނިންމައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް ފުލުހަށް ހާޒިރުވުމަށް ފުލުސް އޮފީހުން ސިޓީއެއް ފޮނުވާފައި ވީ ނަމަވެސް އެމަނިކުފާނު ފުލުސް އޮފީހަށް ނުގެންދެވޭނޭ ކަމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ނިންމައިފިއެވެ.

“މިއަދު ރާއްޖޭގައި އިންތިޚާބެއް ބޭއްވި ނަމަވެސް ރައީސް ނަޝީދު އެ އިންތިޚާބެއް ކާމިޔާބުކުރައްވާނެކަން އެނގޭތީ، މިހާރު މި އޮތް ބާޣީ ސަރުކާރާއި، އަދި އެ ސަރުކާރާއި ގުޅިފައިވާ ފަރާތްތަކުން ކަންބޮޑުވާ ކަމަށް ހާމަކޮށްފައިވާތީ، ބާޣީ ސަރުކާރުގެ ވިސްނުމަކަށް ވާނީ ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ޖިނާއީ ކުށެއް އަޅުވައި އިންތިޚާބަކުން ޑިސްކޮލިފައި ކުރުން ކަމަށާއި، މިހާތަނަށް ވެސް ދެ ފަހަރުމަތިން ފާޅުގައި ރައީސް ނަޝީދަށް އަނިޔާވެރި 2 ހަމަލާއެއް (ފެބްރުއަރީ 8 ވަނަ ދުވަހު ދިން ހަމަލާ އާއި، އަދި ޕެޕަރސްޕްރޭގެ ހަމަލާ) ދީފައިވާ އަނިޔާވެރި، ފުލުހުންގެ މަރުކަޒު ތެރެއަށް ގެންގޮސް ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންދިނުން ކަމަށް”، އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމުގައި ބަޔާންކޮށްފައި ވެއެވެ.

އެހެން ކަމުން އެއްވެސް ހާލެއްގައި ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުމެއް ލިބޭނޭ ފަދަ ކަމަކަށް ފުރުސަތުދީގެން ނުވާނޭ ކަމަށާއި، ރައީސް ނަޝީދު ފުލުސް އޮފީހަށް ވަޑައިގަތުމަކީ ފެންނަކަމެއް ނޫން ކަމަށް އެ ކޮމިޓީން މިއަދު ވަނީ އިއްތިފާގުވެފައެވެ.

ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ފުލުސް އޮފީހުން އެދިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު 10 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވެ ވަޑައިގަތުމަށެވެ.