ރާއްޖެއިން މިހާރު ފެންނަމުން މިދަނީ ވައުދެއްނުވެ، އިންތިޚާބަކާ ނުލައި ބަޔަކު ވެރިކަމަށް އައުމުގެ ނަތީޖާ – އީވާ

ރާއްޖެއިން މިހާރު ފެންނަމުން މިދަނީ ވައުދެއްނުވެ، އިންތިޚާބަކާ ނުލައި ބަޔަކު ވެރިކަމަށް އައުމުގެ ނަތީޖާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި އީވާ ވިދާޅުވީ އިންތިޚާބަކާ ނުލައި އަމިއްލަ އަށް ވެރިކަމާ ހަވާލުވެގެން ތިބި ފަރާތްތަކުން ހުއްޓާލަން އުޅެނީ ހަމައެކަނި އާސަންދަ ނޫން ކަމަށާއި، ވެށިފަހިމާލެ ޕްރޮގްރާމް ވެސް އޮތީ ހުއްޓިފައި ކަމަށާއި، އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަން ކަމެއް ނެތް ކަމަށެވެ. މީގެ އިތުރުން އެންމެ ރަށެއްގެ ބަނަދަރު ހެދިފައިނުވާއިރު، އެންމެ ބަނދަރެއްގެ މަސައްކަތް ވެސް އިތުރަށް ފަށާފައިނުވާ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކުރުމަކީ ވަރަށް އިންގިލާބީ ކަމެއް ކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް ހިލޭ ބޭސްފަރުވާގެ ނިޒާމަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުން ނިޒާމެއް ކަމަށެވެ. އަދި އާސަންދައަށް ހޭދަކުރާނޭ ފައިސާ ނެތް ކަމަށް ބުނާއިރު، ބަޣާވާތް “ފޫބެއްދުމަށް” ސިފައިންނާއި ފުލުހުންނަށް ވަރަށް ގިނަ ހޭދަކުރަމުންދާ ކަމަށެވެ. އަދި ހިލޭ ބޭސްފަރުވާގެ ނިޒާމް ނިގުޅައިގަތީމާ ދެން އަނެއްކާ ވެސް ޖެހޭނީ އާސަންދައިގެ ބަދަލުގައި އާދޭސްކުރަން ކަމަށް އީވާ ވިދާޅުވިއެވެ.

މި ނޫސް ކޮންފަރެންސް ގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޫސަ ވިދާޅުވީ އާސަންދައަށް ހަރަދުނުކޮށް، ސިފައިންނާއި ފުލުހުންގެ ތެރެއަށް މީހުން އިތުރުކުރުމާއި، އެ މީހުންނަށް އިނާޔަތްދިނުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އާސަންދަ ވަނީ “ވަޅުލާ ހިސާބުގައި” ކަމަށާއި، އާސަންދައިގެ ހިދުމަތަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލިސްގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކުރެވޭނޭ ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ބަޣާވާތުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޯނާކޮށް ފުރައްސާރަކޮށް، މަޖިލީހުގެ ގަވައިދަށް ގޮންޖަހަމުންދާ ނަމަ، އެ ފަރާތްތައް 24 ގަޑިއިރު ވަންދެން ކޮމިޓީތަކުގައި ބައިތިއްބަން ޖެހިދާނޭ ކަމަށް ވިދާޅުވިއެވެ.