ނޫސްބަޔާން: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން (13)

ޖުލައި 30ވަނަ ދުވަހު ހަވީރު ރައްޔިތުން އަވަސްއިންތިހާބަކަށް ގޮވާލައި ބޭއްވި ސައިކަލުބުރަށް ފުލުންގެ ބަޔަކު ހުރަސްއަޅައި، އެހަރަކާތުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ނ ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު އީސާ އާއި ރައްޔިތުން މަޖިލީހުގެ ތިނަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހަންމަދު ގަސަމް އަދި މާފަންނު ދެކުނުދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހީމް ރަޝީދަށް މަގުމަތިން ގަސްތުގައި ހުރަސްއަޅައި، އަނިޔާކޮށް، ގާނޫނުއަސާސީންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުތަކުން މެމްބަރުންނަށް ލިބިފައިވާ އިމްތިޔާޒްތަކަށް އަރައިގަނެ ފުލުހުންގެ މުއައްސަސާއިން ގާނޫނުއަސާސީގެ ބާރު ކަނޑުވާލި މައްސަލަ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލީގެ ގަވާއިދުގައި ބުނާގޮތުން މަޖިލީހުގެ މެމްބަރަކު ހައްޔަރުކުރެވޭނީ، ވަކި ހަމަތަކެއްގެ މަތީން މަޖިލީހުގެ ރައީސަށް އެންގުމަށް ފަހު ކަމުގައި ކަމަށް ވީނަމަވެސް، ޕޮލިސް ކޮމިޝަނަރުގެ މަގާމާއި އަމިއްލައަށް ހަވާލުވެ ހުރި އަބުދުﷲ ރިޔާޒް މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ނުޖެހޭކަމަށް ބުނުމުން ފުލުހުންގެ މުއައްސަސާއާއި މިވަގުތު ހަވާލުވެ ތިބި ފަރާތްތަކަކީ ގަވައިދުތަކާއި ގާނޫނުތައް ބޮލާލައި ޖަހައި ޚުދުމުޚްތާރު އުސޫލުން ކަންކަން ނިންމުމަށް އާދަވެފައިވާ ބައެއްކަން އިތުރަށް ހާމަވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ނަންއިއްވައި، މެމްބަރަކު ނުނިކުމެއްޖެ ނަމަ މެމްބަރަކަށް އަނިޔާނުވާ އުސޫލަކުން މަޖިލީހުން އެ މެމްބަރަކު ނެރެން މަސަތްކަތްކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ގަވާއިދުގެ ބޭނުންކުރާން ލިބޭ ކޮންމެފުރުސަތެއްގެ ބޭނުންހިފައި، އަނިޔާކޮށްގެންވެސް މެމްބަރުން ނެރޭހިނދު، މަގުމަތިން މަޖިލީސް މެމްބަރުން ހައްޔަރުކުރާއިރު މަޖިލީހުގެ ރައީސަށް އަންގަން ނުޖެހޭނެ ކަމަށް ބުނުމުން ޕޮލިސްކޮމިޝަނަރުގެ މަގާމުގައި ހުރީ ފަރާތުގެ ތާކުންތާކު ނުޖެހޭކަން ހާމަވެއެވެ. އަދި މާފަންނު ދެކުނުދާއިރާގެ މެމްބަރު އިބުރާހިމް ރަޝީދުގެ އިމްތިޔާޒަށް އަރައިގަނެ ބުރަކަށީގައި ކަކުލުން ތަޅައި ހައްޔަރު ކުރި ކުރުމުގައި ފުލުހުންގެ މީހަކު އިބުރާހީމް ރަޝީދުގެ ބުރަކަށީގައި ދަތްއެޅުމަކީ ފުލުހުންގެ ބަޔަކު “ކުލައުޑްނައިން”، ކެނަބިލިޒަމް މަސްތުވާ ޑުރަގު ބޭނުންކުރާކަމާމެދު ޝައްކުއުފެދޭ ކަމެއްކަމުގައިވެސް ދެކެމެވެ .އަދި މިޑުރަގު ބޭނުންކުރި ބަޔަކު ބޭރުގައުމެއްގައި ވަނީ އިންސާނުންގައިގައި ދަތްއަޅައި، މިނިކައިފައި ކަމުން ދަތްއެޅި ފުލުސްމީހާ ޓެސްޓުކޮށް މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިނިވަން ކޮމިޝަނެއް ހަދައިގެން ކަމާބެހޭފަރާތުން ތަހުގީކުރުމަށްވެސް ގޮވާލަމެވެ.

މީގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ 23 ޑިސެމްބަރުގެ އިއްތިހާދޭ ކިއުނު ޢައިރު ގާނޫނީ ޖަމާއަތުން ފުލުހުންގެ މުއައްސަސާގެ ބޭނުން ރައްޔިތުންނަށް އަނިޔާކޮށް ބިރުދައްކާ ސިޔާސީހަތިޔާރެއްގެ ގޮތުގައި ނުހިފުމަށް ތަކުރާރުކޮށް ގޮވާލަމެވެ.


ބަޔާން ނެރުނީ: މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
:މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
:މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
:މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ)
: މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ)
:އަލީ ރިޒާ (މިލަންދޫ ދާއިރާގެ މެންބަރ)