ކޯނީގެ ނިންމުން ގަބޫލުނުކުރައްވާނޭ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެފައިވާތީ އެކަން ކުށްވެރިކުރުން

ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 87
ތާރީޚް: 31 ޖުލައި 2012 (އަންގާރަ)

ކޯނީގެ ނިންމުން ގަބޫލުނުކުރައްވާނޭ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެފައިވާތީ އެކަން ކުށްވެރިކުރުން

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ކޮމިޝަން އޮފް ނެޝަނަލް އިންކްއެރީ (ކޯނި) އަށް މަޢުލޫމާތު ދެއްވުމަށްފަހު ބޭއްވެވި ނޫސްކޮންފަރެންސެއްގައި، އެކޮމިޝަނުގެ ނިންމުން ޤަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކަމާ ނުހަނު ކަންބޮޑުވުން ފާޅުކުރާހިނދު އެކަންކުށްވެރިކުރަމެވެ.

ދިވެހިރައްޔިތުން އިންތިޚާބުކުރި އެމްޑީޕީގެ ވެރިކަން 7 ފެބްރުއަރީ 2012 ވަނަދުވަހު ބަދަލުކޮށްފައިވަނީ ބަޣާވާތަކުންކަމަށް ގިނަ ރައްޔިތުން ބުނަމުންދާހިނދު، އަދި އެ ވެރިކަން ބަދަލުވިގޮތާއި ވެރިކަމުގެ ސައްޙަކަމާމެދު ސުވާލުއުފެދިފައިވީހިނދު، އެކަން ބެލުމަށްޓަކައި ކޮމަންވެލްތާއި އަދި ރާއްޖޭގައި މިހާރު މިއޮތްވެރިކަމުގެ ފަރާތުން އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ (ކޯނި) އިން، ވެރިކަން ބަދަލުވީ ބަޣާވާތަކުންކަމަށް ނިންމައިފިނަމަ ކޯނީގެ ނިންމުން ޤަބޫލުނުކުރައްވާނެކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމު ވިދާޅުވެފައިވާކަމީ ކަންބޮޑުވާންޖެހޭކަމެކެވެ.

މިއަދު ދިވެހިރާއްޖެއަށް ދިމާވެފައިވާ ހިތާމަވެރި ޙާލަތަކީ، ރާއްޖޭގެ އިޤްތިސާދުގެ ދުވެލި އެތައް ތަނަކުން ދަށްވެ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމުގެ ކިތަންމެ މަސައްކަތްތަކެއް ހުއްޓި، ވަޒީފާގެ ފުރުސަތުތައް ލިބޭނޭ މަގުތައް ބަންދުވެ، ރައްޔިތުންގެ އާންމުދަނީ ދަށްވެ، އެތައްގޮތަކުން ރައްޔިތުންނަށް ނުތަނަވަސްކަން ކުރިމަތިވެފައިވެއެވެ.

ވޭތުވެދިއަ 3 އަހަރެއްހާ ދުވަހުގެތެރޭގައި ދިވެހިރައްޔިތުން ސިޔާސީގޮތުން ހޯދާފައިވާ ކިތަންމެ ކުރިއެރުމެއް މިހާރު މިދަނީ ހަނިވަމުންނެވެ. ފުލުހުންގެ އަނިޔާވެރިކަން ބޮޑުވެ، ދިވެހިރައްޔިތުންގެ އިންސާނީ ޙައްޤުތައް ގެއްލި، ރައްޔިތުންނަށް ބިރުވެރިކަންކުރިމަތިވެ، ރައީސް މައުމޫނުގެ 30 އަހަރުވީ ވެރިކަމުގައި އޮތް ޚުދުމުޚުތާރު އަނިޔާވެރި ސަޤާފަތަށް ދިވެހިރާއްޖެ އަލުން މިދަނީ ބަދަލުވަމުންނެވެ.

މިދެންނެވި ޙާލަތުގައި އަޅުގަނޑުމެންގެ މިރާއްޖެ މިހާރު އޮތްއިރު، އެ ޙާލަތުން އަރައިގަތުމަށް ކުރެވޭނޭ ކަންކަމަށް ގޮންޖައްސަވައި، އަދި ކޮމިޝަން އޮފް ނެޝަނަލް އިންކްއެރީ (ކޯނި) އަށް މައުލޫމާތު ދެއްވުމަށް ފަހުގައި ވެސް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އެ ކޮމިޝަނުގެ ނިންމުން ޤަބޫލުނުކުރައްވާނޭކަމަށް ވިދާޅުވެފައިވާކަމީ އެމަނިކުފާނު މި ޤައުމުގެ ކަންކަމުގައި މި ޤައުމުގެ މަސްލަޙަތު އިސްކުރެއްވުމުގެ ބަދަލުގައި ކުރިއެކޭ ވެސް އެއްފަދައިން އެމަނިކުފާނުގެ އަމިއްލަފުޅު މަސްލަޙަތު އިސްކުރައްވާކަން އެނގޭ ކަމެކެވެ. އެހެންކަމުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެކަމާ ނުހަނު ކަންބޮޑުވުން ފާޅުކުރާހިނދު އެކަންކުށްވެރިކުރަމެވެ.


ބަޔާން ނެރުނީ: އިމްތިޔާޒް ފަހުމީ
ސްޕޯކްސްޕާސަން
7777852