މިހާރުދެން ހަދާނެގޮތް ހުސްވެ ތެޅިފޮޅެނީއެވެ.

ފުނަމާ

އަނިޔާވެރި ކަމާއެކު މިގައުމުގައި އިއްޔެވެސް މިއަދުވެސް މީހުން މެރީ ކޮންބައެއްކަން ދުނިޔެއަށް އެނގެއެވެ. ހަތިޔާރެއްނެތް އެތަކެއް ގައިދީން ބަޑިޖަހައި ރަހުމެއްނެތި މަރައިލީ ކޮންބައެއްކަން ދިވެހީންނަށް އަލަކުން ބުނެދޭކަށް ނުޖެހޭނެއެވެ. މިއަދުވެސް މިގައުމުގައި އަނިޔާވެރި ކަމާއެކު މީހުން މަރަނީ ކޮން ސިއްކައެއްގެ ވެރިބައެއްކަން މިއޮތީ ހާމަވެ އެނގޭށެވެ.

ގާނޫނުގެ ކުރިމަތީގައި ދިވެހި އެންމެހައި ރައްޔިތުން ހަމަހަމައެވެ. އެހެންވީއިރު ދިވެހި ކޮންމެ ރައްޔިތެއްގެ ފުރާނައިގެ އަގުވެސް އެއްވަރު ވާން ވާނެތާއެވެ. ނަމަވެސް ވަކިބަޔަކު މަރާލުމުން ސުކޫތު ގެނައުމާއި، ދިދަ ބައިދަނޑިއަށް ތިރިކުރުމުގެ ސަގާފަތެއް މިއަދު މިވަނީ ފާހަގަކޮށްފައެވެ. ކިތަންމެ އަނިޔާވެރިކޮށް މަރާލިޔަސް އެހެންމީހުންގެ ފުރާނައިގެ އަގެއް ނެތޭ ހީވާ ކަހަލައެވެ. މިހެން ވެގެން ނުވާނެއެވެ. އެއްވެސް ދިވެހިރައްޔިތަކީ ތަފާތު ކުރެވިގެން ވާނެ މީހެއް ނޫނެވެ. އަނިޔާވާނީ ހަމަ އަނިޔާއަށެވެ. މަރުވާނީ ހަމަ މަރަށެވެ. މުޖުރިމުން ވާނީ ހަމަ މުުޖުރިމުންނަށެވެ. އިސްލާމީ ޝަރީއަތުގެ ޙުކުމަކުން މެނުވީ އެއްވެސް މީހަކު މަރައިގެން ނުވާނެއެވެ.

ކަން މިހެން އޮންނާން ޖެހުނަސް މިއަދު މިގައުމުގައި ކޮންމެ ޕާޓީއެއްގެ މީހަކު ނުކުމެ ޖަރީމާއެއް ހިންގިޔަސް އެކަމުގެ ޒިންމާ ބޮލުއަޅާން ޖެހޭކަމުގައި ބާޣީ ސަރުކާރުން މިބުނަނީ އެމްޑީޕީއެވެ. ކީއްވެ ހެއްޔެވެ؟ ކާށިދޫގައި ފުލުހަކު ރަހުމެއްނެތި މަރާލައި އޭނާގެ އާއިލާއަށް ކަރުނައޮއްސަން ޖެއްސީ ކޮންޕާޓީއެއްގެ ކާކުހެއްޔެވެ؟ އެކަމަކު އެކަމާ ގުޅިގެން ހައްޔަރު ކުރާން މިޖެހެނީ އެމްޑީޕީގެ އިސް މެންބަރެއް ކަމުގައިވާ މުޙަންމަދު މާހިރު އީސާ (މާހިރުބެ )އެވެ. ޒިންމާ އުފުލަން ޖެހޭކަމުގައި އެބުނަނީ އެމްޑީޕީގެ ލީޑަރޝިޕުންނެވެ. މިއީ އަޖާއިބުވެ އަންތަރީސްވާ ވަރުގެ ކަމެއް ނަމަވެސް މިއަދު މިގައުމުގައި އަދުލެއް އިންސާފެއް ނެތް މިންވަރު މިކަމުންވެސް މިދަނީ ހާމަވަމުންނެވެ.

މިގައުމުގެ ރައްޔިތުން ނުކުމެ ވޯޓުދީގެން ދެހާސް އަށެއްގައި ނިންމި ނިންމުން ރައްޔިތުންގެ ބުނުމަކާ ނުލައި އުވާލައި ގަދަކަމުން ވެރިކަމުގެ ބާރުތައް އަތުލައިގެން ތިބި ބަޔަކު އެމީހުންގެ އެހަޑި، މުޑުދާރު އަމަލުތަކުގެ ސަބަބުން މިގައުމު ފުންއަނދިރި ވަޅުގަނޑަކަށް މިވަނީ ވައްޓާލާފައެވެ. ޔަހޫދީންގެ ސިކުނޑިތަކުގެ ބެރަށް ނަށަމުން ނުކުތް މުނާފިގުންގެ އަލާމާތްތައް ފެންނާންހުރި ބަޔަކު މިގައުމުގެ ކޮންމެވެސް ބަޔަކު މަގުފުރައްދައި ހަލާކުކޮށްގެންނެވެ. ރިޝްވަތުގެ ނަޖިސް ފައިސާއިން މިވެށި ކިލަނބު ކޮށްގެންނެވެ. ތިމާއަކީ މާބޮޑު ތަގުވާވެރިއެއް ކަމުގައި ދައްކާންވެގެން މިންބަރަކަށް އަރައިހުރެ ދެބަހުން އެއްބަސް ކިޔާފައި އަޑުތުރުތުރު އަޅުވައި ރޮވޭކަމުގައި ހަދައިގެން ގިސްލިއެއް ކަމަކު މުނާފިގުން ހަމަ ވާނީ މުނާފިގުންނަށެވެ. އަނިޔާވެރިން ހަމަ ވާނީ އަނިޔާވެރީންނަށެވެ.

މިއަދު މިގައުމުގެ ޖަލުތައް ފުރިފައި އެވަނީ ސިޔާސީ ކުށްވެރީންގެ އެތަކެއް ސަތޭކަ މީހުން ލައިގެންނެވެ. އަދިވެސް އެމީހުން އެބުނާހެން އެމްޑީޕީގެ އެންމެން ހިފައި ހައްޔަރެއް ނުކުރެވެއެވެ. އެކަމަކު އެކަން ނުވެގެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކައިގެން މިގެންދަނީ ރައްޔިތުންތަކެއް ހައްޔަރު ކުރަމުންނެވެ. ލަދެއް ހަޔާތެއްނެތި ބާޣީ ސަރުކާރުން އެގެންދަނީ ރައްޔިތުންނަށް އަނިޔާ ކުރަމުންނެވެ. މިކަމާ އިދިކޮޅަށް ބަހެއް ބުނާ ކޮންމެ މީހަކަށް އެގެންދަނީ މަރުގެ އިންޒާރު ދެމުންނެވެ. އަހަރެމެންނަށް ދުވާލަކު ދެތިންފަހަރު މަރުގެ އިންޒާރު ދެމުން އެމީހުން އެގެންދަނީ މިހެން ބުނާތީ ހެއްޔެވެ؟ އެމީހުން އެބުނާހެން ހައްޔަރުކޮށް ހަތަރެސްފައި ބުރިކުރިޔަސް ދޫ ސަލާމަތުން އޮތިއްޔާ ހަމަ ބުނާނަމެވެ. މިއަދު މިގައުމަށް ވެރިވެގެން އެހެރަ ބާޣީ އާއި އޭނާގެ ބައިވެރީންނަކީ މިގައުމުދުށް އެންމެ ނުލަފާ ޚާއިނުންނެވެ. އަހަރެމެންގެ ދޫތައް ބުރިކުރިޔަސް މާދަމާވެސް އަހަރެމެންގެ ފަހަތުން ނުކުމެ މިކަމަށް ހެކިދޭނެ ކިތަންމެ ހާސް ރައްޔިތުންނެއް މިގައުމުގައި ތިބޭނެކަން މިއަދު އެބާޣީންނަށްވެސް ކަށަވަރު ވާނެއެވެ. އެކަމަކު ލަދެއް ހަޔާތެއް، އަގަލެއް، ކުލުނެއްނެތް ލުއްޗާއިން ތަކަކަށް ހެޔޮމަގެއް ދުވަހަކުވެސް ނުފެންނާނެއެވެ. އެމީހުން އަބަދުމެ ތިބޭނީ ހާސްކަމުގެ ތެރޭގައެވެ.

މިއަދު ގައުމުގެ އެތެރެއާއި ބޭރުން އެބާޣީންނަށް ދެމުންދާ ޕުރެޝަރާ ގުޅިގެން ހާސްވެ އެތިބަގެން ތެޅެނީ ބޮލުރޮނދި ކެނޑިގެންނެވެ. ތިމާމެންގެ އާރާއި ބާރު ހުރިކަން ގައުމަށާއި ބޭރު ދުނިޔެއަށް ދެއްކުމަށް އެމީހުން އެތިބަގެން ފުފިއަރަނީއެވެ. އެކަމަކު ހަގީގަތުގެ މައްޗަކަށް ފަހެއް ނޭޅޭނެއެވެ. ކިތަންމެ ވަރަކަށް ފޮރުވާން އުޅުނަސް ހަގީގަތް މިއަދު މިވަނީ މުޅިދުނިޔެއަށް ވެސް ހާމަވެފައެވެ. މިއަދު ބޭރު ގައުމުތަކުގެ ޓީމުތަކުންވެސް ބުނަމުން އެގެންދަނީ މިގައުމުގެ ގާނޫނީ ވެރިކަން ވައްޓާލީ ޣައިރު ގާނޫނީ ގޮތުން ކަމުގައެވެ.

މިހިސާބަށް ދިއުމުން ކިތަންމެ ބައިވަރު ޔަހޫދީންނަކަށް ފައިސާ ދީގެން ބާޣީ ސަރުކާރުގެ މޫނުމަތި ދޮންކުރާން އުޅުނެއް ކަމަކު އެދަނީ ވަތަކުތޯ ޖެހެމުންނެވެ. ބާޣީ އަކަށް މިއަދަކު ހަމަނިންޖެއް ނުނިދެއެވެ. ގަންނާ ކުރައްވާ ބިރުންނެވެ. މާދަމާ ދަމާ ބަނދެގެން ތިމާއާއި ބައިވެރީން، ނެރެ މިގައުމުގައި ގަންހިންގާނީ ގާނޫނީ ހައިސިއްޔަތު ލިބިގެން ތިބި ބައެއްކަން އެނގި ކަށަވަރުވާތީއެވެ. ކީހާޅެން ފަރިއްސަށްވެ މުޅިގައުމު އިގުތިސާދީ ގޮތުން ދުވަހަކު އަރައި ނުގަނެވޭފަދަ އަނދަވަޅަކަށް ވައްޓާލެވިއްޖެ ކަން ޔަގީންވާތީއެވެ. ގައުމުގައި ތިމާމެން ގެނުވި ބަޣާވާތުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި ކުނޑިކުނޑިވެގެން ހިނގައްޖެކަން ބަޔާންވެ އެނގުނީމައެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް މިއަދު ބާރުވެރިކަން ފޭރިގަނެގެން އެތިބަ ބާޣީންނަށް އެމީހުންގެ ނިމުން ކަށަވަރުވެ ޔަގީންވަމުން މިހިރަގެން އަންނަނީއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އެމީހުންގެ ގޮތެއްނެތް ކަމުގެ ވާހަކަތައް އެދަނީ ސިކުންތުން ސިކުންތަށް އިތުރުވަމުންނެވެ. ބިތުފަންގި ނެގި ބަރަހަނާ ވަމުންނެވެ. މިހައިރުންދެން އެމީހުންނަށް ކުރެވޭނީވެސް މިނޫންދެން ކޮންކަމެއް ހެއްޔެވެ؟ މާހިރުބެއާއި، މިނޫންވެސް އެމީހުން ބަޣާވާތް ގެނައުމުގައި އަނިޔާކުރި މީހުން ހޯދައި ހިފައި ހައްޔަރު ކުރުން ނޫންގޮތެއް ދެންހަމަ މިހާރު ނެތީއެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ އެންމެހައި މެންބަރުން ދަނމާ ބަނދެގެން މަރައި ހުސްކުރުން ނޫންގޮތެއް މިބާޣީ ސަރުކާރަކަށް މިއަދަކު ފެންނާކަށް ނެތެވެ. އެކަމަކު އެވަރުންވެސް އެމީހުންނަށް ސަލާމަތް ނުވެވޭނެކަން މިއަދު ކަށަވަރުވެ އެނގޭތީވެ މިއަދުދެން ހަދާނެގޮތް ހުސްވެ ތެޅިފޮޅެނީއެވެ.