އެމްޑީޕީގެ އިސްސަފުގައި ގުނާލެވޭ ފަރާތްތައް ހައްޔަރުކުރަމުން ގެންދާތީ އެކަން ކުށްވެރިކުރުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 86
ތާރީޚް: 30 ޖުލައި 2012 (ހޯމަ)

އެމްޑީޕީގެ އިސްސަފުގައި ގުނާލެވޭ ފަރާތްތައް ހައްޔަރުކުރަމުން ގެންދާތީ އެކަން ކުށްވެރިކުރުން

މި ޕާޓީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާ މި ޕާޓީގެ އިސްސަފުގައި ގުނާލެވޭ ފަރާތްތަކަށް އަމާޒުކޮށް އަނިޔާވެރި އަމަލު ހިންގައި އެފަރާތްތައް ހައްޔަރުކުރަމުން ދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އެ ގޮތުން މިއަދު ހަވީރު ސީދާ ހަރަކާތުގެ ތެރެއިން ބޭއްވި އެމްޑީޕީގެ ސައިކަލް ބުރަށް ހުރަސްއަޅައި، މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ އަމީންއާންމުގެ ނައިބު ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް އާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ މި ދަނޑިވަޅުގައި ފުލުހުން އެމްޑީޕީގެ ލީޑަރޝިޕާއި، ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އަމާޒުފަތްގަނޑަކަށް ހަދައި ތަކުރާރުކޮށް އެފަރާތްތަކާ މެދު އަނިޔާވެރިއަމަލު ހިންގަމުންދާކަން ފާހަގަކުރާ ހިނދު، މިއަދު ހައްޔަރުކޮށްފައިމިވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 3 މެންބަރުންނަކީ ވެސް ސީދާ ހަރަކާތުގައި އެއްފަހަރަށް ގިނަ ފަހަރު ފުލުހުންގެ އަނިޔާވެރިކަމާ ކުރިމަތިލާފައިވާ 3 މެންބަރުންކަން ފާހަގަކޮށް، މިހާރަކަށް އައިސް ހަމައާއި އިންސާފުން އެއްކިބާވެފައިވާ ފުލުހުންގެ މިފަދަ ނާތަހުޒީބު އަމަލުތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

އެހެން ކަމުން ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި މި ފަދަ ލާއިންސާނީ އަމަލުތަކަށް ފާރަވެރިވެ، އެ އަމަލުތައް ހުއްޓުވުމަށް ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށާއި، ރައްޔިތުންގެ މަޖިލީހަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް