އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރު މާހިރު ހައްޔަރުކުރުމާއި ގުޅިގެން އެ މަޖިލީހުން ނެރޭ ނޫސް ބަޔާން


އިސްތިއުނާފް ފަޑިޔާރު މަޖިލީސް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ދިވެހިރާއްޖެ

މިމަޖިލީހުގެ މެމްބަރު މުޙައްމަދު މާހިރު ޢީސާ ކޯޓުއަމުރެއްގެ ދަށުން ބަންދުކޮށް 10 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމުގެ ހުއްދަ ކޯޓުން ދެއްވާފައިވާތީ މިމަޖިލީހުން އެމައްސަލަ ދިރާސާކުރި އިރު އަންނަނިވި ކަންތައްތައް މިމަޖިލީހަށް ފާހަގަކުރެވެއެވެ.

1- ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލައާއި ގުޅިގެން ޤާނޫނު އަސާސީގެ 244 ވަނަ މާއްދާގެ (ނ) ގެ ދަށުން ފުލުހުންގެ މަޤުޞަދަކަށް ވާންޖެހޭނީ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާނޭ ތައްޔާރީތައް ކުރުން ކަމުގައިވާއިރު މިމައްސަލަ އާއި ގުޅިގެން މުޙައްމަދު މާހިރު ޢީސާގެ ބަޔާން މިހާރު ނަގާ ނިމިފައިވުމާއި އުސްފަސްގަނޑުގައި ދެއްކި ވާހަކައިގެ ރެކޯޑިންގ ފުލުހުންކޯޓަށް ހުށަހަޅާފައިވުމުން އެރެކޯޑިން ފުލުހުންނަށް ލިބިފައިވާކަން އެނގެއެވެ. ވީމާ، އިތުރަށް މުޙައްމަދު މާހިރު ޢީސާ ބަންދުގައި ބަހައްޓައިގެން ފުލުހުން ކުރަންޖެހޭ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރެވެއެވެ.

2- މުޙައްމަދު މާހިރު ޢީސާ ބަންދުކޮށްފައި ބަހައްޓަންޖެހޭ ސަބަބެއްކަމުގައި ކްރިމިނަލް ކޯޓުން ކޯޓު އަމުރުގައި ލިޔުއްވާފައިވަނީ ފުލުހުން ހުށަހަޅާ ކަންތައްތަކަށް ބަލާއިރު މުޖުތަމަޢަށް ނުރައްކާތެރި މީހެއްކަމުގައި ބުނެފައިވާއިރު މުޙައްމަދު މާހިރު ޢީސާ އަކީ ނޫ ޤާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަމާއި، އަތޮޅު ކައުންސިލަރު ކަމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ނައިބުކަމާއި، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާ ކަމުގެ މަޤާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. މުޖުތަމަޢަށް ނުރައްކާތެރި މީހުންނަކީ ތަކުރާރުކޮށް ކުށްކުރާ އަދި އެކަމުގެ ރެކޯޑް ކަމާއިބެހޭ ފަރާތްތަކުގައި އޮންނަ މީހުންނެވެ.

3- ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުޢާހަދާ ތަކުގެ ތެރެއިން އިންޓަރނޭޝަނަލް ކޮވަނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ އާޓިކަލް 9 ގެ 3 ވަނަ ޕެރެގްރާފްގައި ޝަރީޢަތަށް މައްސަލަ ހުށަހެޅެންދެން ބަންދުގައި ބެހެއްޓުމަކީ އާންމު އުޞޫލެއް ކަމުގައި ވެގެން ނުވާނެކަމަށް ބުނެފައިވުމާއި، ބޮޑީ އޮފް ޕްރިންސިޕަލްސް ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް އަންޑަރ އެނީ ފޯމް އޮފް ޑިޓެންޝަން އޯރ އިމްޕްރިޒަންމަންޓްގެ ޕްރިންސިޕަލް 9 އަކަށް ބަލާއިރު ފުލުހުންގެ މަސައްކަތަށް ވާންވާނީ ޤާނޫނު އަސާސީގެ 244 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ފަދައިން މައްސަލަ ތަޙްޤީޤުކުރުމާއި، ހެކި ރައްކާކޮށް ބެލެހެއްޓުމާއި، މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ބޭނުންވާ ތައްޔާރީތައް ކުރުން ކަމުގައިވާއިރު މިމައްސަލައާއި ގުޅިގެން ހެކީގެ ގޮތުގައި ބޭނުންވ,ާ މުޙައްމަދު މާހިރު ޢީސާ އުސްފަސްގަނޑުގައި ދެއްކި ވާހަކައިގެ ރެކޯޑިންގ އާއި އަދި އެބޭފުޅާގެ ބަޔާން ފުލުހުންނަށް ލިބިފައިވާތީ، މިހާރު މުޙައްމަދު މާހިރު ޢީސާ ބަންދުގައި ބަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު2010/SC-A/19 އާއި 2010/SC-A/20 ޤަޟިއްޔާގައި ބުނެފައިވާ ޟަރޫރަތަށްވުރެ އިތުރަށް ކަން ފާހަގަކުރެވެއެވެ.

4- މުޙައްމަދު މާހިރު ޢީސާ ދެއްކެވި ވާހަކައިގެ މުޅި ޖުމްލަ މަޤްޞަދަކީ ބަޔަކަށް އަނިޔާކުރުން ނޫންކަން މުޅި ސްޕީޗަށް ބަލާއިރު އެނގެން އޮންނަކަމާއި ވާހަކަދެއްކުމުގެ ތެރޭގައި އެއްވެސް ހިސާބެއްގައި އެންމެފަހަރަކު ނަމަވެސް ފުލުހުންނަށް ނުވަތަ ސިފައިންނަށް ނުވަތަ ސަލާމަތީބާރުތަކަށް ހަމަލާދިނުމަށް ނުވަތަ ތެޅުމަށް ގޮވާލާފައިނުވާކަމާއި ބާޣީންނާއި ބެހޭގޮތުން އިސްލާމްދީނުގައި އޮތްގޮތް ޢިލްމްވެރިޔަކު ވިދާޅުވިކަމަށްބުނެ، ބުނެފައިވާ ބަހަކީ ފުލުހުންނަށް ރައްދުކޮށްފައިވާ ބަހެއްކަމުގައި ފުލުހުންނަށް ތަރުޖަމާކުރެވުމަކީ މިމަޖިލީހުން ކަންބޮޑުވާ ކަމެކެވެ. 2012 ފެބުރުއަރީ 7 ވަނަ ދުވަހު ފުލުހުން ހިންގި ޢަމަލުތައް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފެނިފައިވީނަމަވެސް ފުލުހުންނަށް އެބައިމީހުންނަކީ [ބާޣީން] ކަމަށް ޤަބޫލުކުރެވި ބާޣީންނޭ މީހަކު ބުނާ ކޮންމެފަހަރަކު އެރައްދުވަނީ ފުލުހުންނަށްކަމަށް ޤަބޫލުކޮށް ކަންކަން ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމުގައި މިމަޖިލީހުން ޤަބޫލުކުރަމެވެ.

އިސްވެބަޔާން ކުރެވުނު ކަންތައްތަކަށް ބަލާއިރު މުޙައްމަދު މާހިރު ޢީސާ، މިހާރު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނާތީ އެބޭފުޅާ މިނިވަންކުރުމަށް ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ.
30 ޖުލައި 2012

ބަޔާންނެރުނީ: އިސްތިއުނާފް ފަޑިޔާރު މަޖިލީސް މެންބަރުން