ބަދުރުގެ އިސްތިއުފާ އިން ދޭހަކޮށްދެނީ ރާއްޖޭގައި އެމްޑީޕީން ދިއްލި ޑިމޮކްރަސީގެ ހުޅުކޮޅު ކަނިވެ ނިވެމުންދާކަން – ރީކޯ މޫސަ

އެތައް ފާޑުކިޔުމަކަށް ފަހު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން، އެ ކޮމިޝަނުގެ ރައީސް ބަދުރުއް ނަސީރު އިސްތިއުފާ ދެއްވުމުން، އެ ކަމުން ދޭހަކޮށްދެނީ އެމްޑީޕީން ދިވެހިރާއްޖޭގައި ގާއިމްކުރި ޑިމޮކްރަސީ ދުވަހެއް ދުވަހަކަށް ފަނޑުވަމުންދާކަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން މޫސަ މިއަދު ވިދާޅުވީ ބަދުރުގެ އިސްތިއުފާގެ ބަޔާނަށް ބަލާއިރު، ބަޣާވާތަކުން ދިވެހި ސަރުކާރާއި ހަވާލުވެގެން ތިބި ފަރާތްތަކުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ކަނޑުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، އެ ފަރާތްތަކުން ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ގާއިމްކުރަން ބޭނުން ނޫން ކަން ވަރަށް ރަގަޅަށް ދޭހަވެ، މިނިވަން މުވައްސަސާތަކުގެ ބާރު މަޑުމަޑުން ކެނޑެމުންދާ ކަމުގެ ކުލަވަރު ފެންނަމުންދާ ކަމަށެވެ.

“ބަދުރުގެ އިސްތިއުފާ އިން ދޭހަކޮށްދެނީ ރާއްޖޭގައި އެމްޑީޕީން ދިއްލި ޑިމޮކްރަސީގެ ހުޅުކޮޅު ކަނިވެ ނިވެމުންދާކަން. ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ރާއްޖޭގައި އަލުން ގާއިމްކުރުމަށްޓަކައި، މިނިވަން މުވައްސަސާތަކުގައި ތިއްބެވި ފަރާތްތައް ސާބިތުކަމާއެކު ދެމިތިއްބެވުމަކީ ވަރަށް މުހިންމު ކަމެއް.” މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ މިނިވަން މުޥައްސަސާތަކުގައި ތިއްބަވާ ޒިންމާދާރު ފަރާތްތައް އެތަންތަނުން ފެއަށް ވަޑައިގަންނަވަނީ މި ބަޣާވާތުގެ ސަރުކާރުގެ ޑިމޮކްރަސީ އާއި ބީރައްޓެހި، ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށާއި، ރާއްޖޭގައި އަލުން އަނބުރައި ޑިމޮކްރަސީ ގާއިމްކުރުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތް ކުޑަވެސް މަޑުޖެހުމެއްނެތި ކުރިޔަށް ގެންދާނޭ ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް އަރުވާ ކަމަށެވެ.