އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދުގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވައިފި

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ މައްސަލައެއްކަމަށް ބުނާ މައްސަލައެއްގައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ދައުވާ އުފުލުމުން އެ ދައުވާ ސާފު ވެވަޑައިނުގަންނަވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވެ، އެ ފުރުސަތަށް އެދިވަޑައިގެންނެވިއެވެ.

ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ދިވެއްސަކަށް ވެވަޑައިގަތީ ހަމައެކަނި ދިވެހި މައެއްގެ ބަނޑުން އުފަންވެ ވަޑައިގަތުމުން ނޫންކަމާއި އެހެންނަމަވެސް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި ރައްކާތެރިކަމާއި ހަމަހަމަކަން އެމަނިކުފާނަށްވެސް ޙައްގުވާތީކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން މިފަދަ ދައުވާތައް ކުރައްވާ އިރު މިފަދަ ކަންކަމަށް ރިއާޔަތް ކުރެއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޝަރީއަތުގެ މަޖިލީހަށް ފަހު ކްރިމިނަލް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މިހާރު މިއޮތް ވެރިކަމުގެ ފަރާތުން މި ފަދަ ދައުވާތައްކޮށްގެން، “ނަގުލަށް ފިތޭނެކަމަށް” ހީނުކުރުމަށާއި، މިފަދަ ދައުވާތަކަށް ސާބިތުކަމާއެކު ޝަރީއަތުގައި ޖަވާބުދާރީ ވެވަޑައިގަންނަވާނެކަމަށެވެ. އަދި އެމަނިކުފާނު ކުށެއް ކުރައްވާފައިވާ ކަމާ މެދު ކިރިޔާ ޝައްކެއް އުފެދޭ ނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ ކޮށްދެއްވުމަށް ވެސް ޕީޖީ އަށް މިއަދު އަލީ ވަހީދު ގޮވާލެއްވިއެވެ. އަދި އެކަންތައް އެގޮތަށް ކުރި ނަމަވެސް އެމަނިކުފާނުގެ އަޒުމެއް ބައްޔެއް ނުވާނެ ކަމަށާއި، އެ ގޮތުން އެކުރެވޭ ދައުވާ އަކީ އެމްޑީޕީގެ 50000 މީހުންނާ ދެކޮޅަށާއި، ތޮއްޑޫ ދާއިރާގެ އަޣްލަބިއްޔަތާއި ދެކޮޅަށް ކުރެވޭ ދައުވާއެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދުގެ ކޯޓުގެ ޝަރީއަތް ނިންމާލުމަށްފަހު 9 އޮގަސްޓް ވަނަ ދުވަހުގެ 12 އަށް އަލުން ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އެމަނިކުފާނަށް ވަނީ ޗިޓު ރައްދުކޮށްފައެވެ. އަދި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތުދީފައެވެ.

މިއަދު އަލީ ވަހީދު ޝަރީއަތަށް ހާޒިރުކުރެވުނު އިރު، އެމަނިކުފާނާއި އެކުގައިވާ ކަން ހާމަކުރުމުގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙަންމަދު ޞޯލިހާއި އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ އާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު (ކުބޭ) ވެސް ކޯޓު ސަރަހައްދަށް ވަޑައިގެން ތިއްބެވިއެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ބެރިކޭޑް ޖަހައި، ފުލުހުން ބަންދުކޮށްފައިވީ ނަމަވެސް އަލީ ވަހީދާއެކު ތިބިކަން ހާމަކޮށްދިނުމަށް އެމްޑީޕީގެ ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓު ހުންނަ ޖަސްޓިސް އިމާރާތުގެ ވަށައިގެންވާ އެކި ސަރަހައްދުތަކަށް އެއްވެފައެވެ.