ބަރަކާތްތެރި މައްސަރެކެވެ.

ފުނަމާ

ބަރަކާތްތެރި ރަމަޟާން މަހުގެ ކުރީދިހައިގެ ދުވަސްތައް އަޅުގަނޑުމެންނާއި އަލްވަދާއު ކިޔަނީއެވެ. ރޯދައިގެ މަތިވެރި ސަވާބާއި ދަރުމައަށް އެދިގެން ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގައި މުސްލިމުން ނަފުސުގެ މައްޗަށް ޝަހުވަތު ކުރިއަރައި ނުދިއުމަށް މަތިވެރި ޖިހާދެއް ކުރަމުން ގެންދަނީއެވެ. މިމައްސަރުގެ ހެޔޮކަން ލިބިނުގަތް ކޮންމެ މީހަކީ އަބާއްޖަ ވެރިއެއްކަން ދީނީ ބަސްފުޅުތަކުން އެނގި ކަށަވަރު ވެއެވެ. މިމައްސަރުގައި ކުރެވޭ ކޮންމެ އަމަލަކީ އެހެން މައްސަރުތަކުގައި ކުރެވޭ ކަންކަމާ ޚިލާފަށް ޖަޒާދެއްވުމުގައި ގުނަތަކެއް އިތުރުވެގެންވާ މައްސަރެކެވެ. ހެޔޮޢަމަލު ތަކަށް އެތަކެއް ދަރަޖަ ސަވާބު އިތުރު ވެގެން ދާއިރު ފާޙިޝް ޢަމަލުތަކަށް އަޒާބުލިބުމުގައިވެސް ދަރަޖަ އިތުރުވެގެން ދާނެކަމީ ޝައްކެއް ނެތި އެނގޭ ކަމެކެވެ.

ރަމަޟާން މަހަކީ ޖިހާދުގެ މައްސަރެވެ. ނަސްރުގެ މައްސަރެވެ. މައްކާ ހިއްޕެވުމާއި، ބަދުރުގެ ހަނގުރާމަ އެމައްސަރެއްގެ ތެރޭގައި ކުރެވި މުސްލިމުން މަތިވެރިވެ ޢިއްޒަތް ދެމިގެންދިޔަ މައްސަރެވެ. އަނިޔާ ލިބެމުންދިޔަ މުސްލިމުން އެއަނިޔާއާއި އިދިކޮޅަށް ފުރިހަމަ ގޮތުގައި ޖިހާދުކޮށް ކެތްތެރި ކަމާއެކުގައި ކުރިއަރައިދިޔަ މައްސަރެވެ. މިއަދު އަޅުގަނޑުމެން މިތިބީ ޖިހާދުގެ ކަމަރު ބަނދެގެންނެވެ. މެދުނުކެނޑި އަނިޔާއާއި އިދިކޮޅަށް ކުރަމުންއައި ޖިހާދުގެ ނިމުމާއިމެދުގައި އުންމީދު އިތުރުކޮށް ފިސާރި ކެތްތެރި ކަމާއެކުގައެވެ. އަޅުގަނޑުމެން އަނިޔާއެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑުމެންގެ މިގައުމަށް ވެރިވެގަނެގެން އެތިބަ ޚާއިނުން އެގެންދަނީ އަޅުގަނޑުމެންނަށް އަނިޔާ ކުރަމުންނެވެ. ރެޔާއި ދުވާލުއެވެ. އަނިޔާގެ އިންތިހާއެވެ.

މިއަދު ބާޣީން އެގޮވައި ނަގަނީ އަޅުގަނޑުމެންނަކީ މިގައުމު ފަސާދަކުރާ ބައެއް ކަމުގައެވެ. އަޅުގަނޑުމެން އެލީޑަރެއްގެ ފަހަތްޕުޅުގައި ނުކުމެ މިތިބަ ލީޑަރަކީ އަނިޔާވެރި ޚާއިނެއް ކަމުގައެވެ. އެހެންކަމުގައި ވާނަމަ އެހެން އެގޮވާ މީހުންނަކީ ކޮންބައެއްކަން އެބަދެނެ ގަންނާން ޖެހެއެވެ. އިއްޔެ ރައްޔިތުންގެ ކުރިމައްޗަށް އައުމުން ރައްޔިތުން ނޫނެކޭ ބުނެ ، މިދައުލަތުގެ ބާރުތައް ދޭންބޭނުންނުވި އެންމެންނަކީ މިއަދު ރައްޔިތުންގެ ބަހަކާއި، ރުހުމަކާއި ނުލައި މިގައުމުގެ މަށްޗަށް، މިދައުލަތުގެ މަށްޗަށް ވެރިވެގަނެގެން ރައްޔިތުންނަށް އަނިޔާކުރުމުގައި ފޫގަޅައިގެން ތިބި ބައެކެވެ. އެމީހުންނަށް އޮތީ ކޮން ޙައްގެއް ހެއްޔެވެ؟ އެމީހުންނާއި ވެރިކަން މަތިކުރީ ކޮންބައެއް ހެއްޔެވެ؟

މިގައުމު ސީދާމަގުން އެއްކިބާކޮށް މިގައުމުގައި ފެޝަންޝޯތައް ބާއްވައި ހަދަނީ އިއްޔެ މިގައުމުގައި އިސްލާމްދީނެއްނެތޭ ބުނެ ދީން ޙިމާޔަތް ކުރުމުގެ ނަމުގައި އަރުވާޖަހާ ނުކުތް ބައެކެވެ. އެމީހުންގެ ބަހަކާނުލައި މިކަންކަން ކުރެވިދާނެކަމުގައި ގަބޫލުކުރާނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެއެވެ. މީހުންމެރުމާ މާރާމާރީ މިގައުމުގައި މިވަނީ އިތުރުވެފައެވެ. ރައްޔިތުން މިތިބީ ޙާލުގައި ޖެހި، އަތްމަތި ނުތަނަވަސް ވެފައެވެ. އިއްޔެ ލިބުނު ހިލޭބޭސްކޮޅު މިއަދަކު ނުލިބެއެވެ. ސިއްހީގޮުތުން ރައްކާތެރިކަމެއް އަމުދުން ނެތްެއިރު ފުލުހުންނާއި ސިފައިން ފާޅުގައި ރައްޔިތުންނަށް އެގެންދަނީ އަނިޔާވެރި ވަމުންނެވެ. ކޮންމެ ރައްޔިތެއްގެ ދުލުން އިވެނީ ވޭންދެނިވި އާހުތަކުގެ އަޑެވެ. މުޅިގައުމު ގިސްލައި ރޮމުންގޮވަނީ އުތީމު މަހާރަދުންނާއި ދޮންބަންޑާރައިންފަދަ ކެރޭ ދިވެހި ދަރީންތަކަކަށެވެ.

ކަނޑުގެ ބާޒު މިގައުމުގައި ވެރިވެ ގަނެގެން ތިބިއިރު އެމީހުންނާއި އިދިކޮޅަށް އުތީމު ތިންތަކުރުން ތެދުވުމުން އެމީހުންނަށް ދިންނަމަކީ އުތީމު ތިންބަދަވީންނެވެ. އެމީހުންނަކީ ޚާއިނުން ކަމުގައި ހަދައި އެމީހުންގެ ބޯތައް ކަނޑައި ގަތުމަށް އަމުރު ނެރެވުނެވެ. އެގޮތުން އަލިތަކުރު ފާނުންގެ އިސްތަށިފުޅު ކަނދުރާއިން ވަކިކޮށްލެވުނެވެ. ( އެމަރުޙޫމަށް ކީރިތި ﷲ ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރު ކުރަށްވާށިއެވެ. އާމީން .) ނަމަވެސް ޖިހާދުގެ ފަހުލަވާނުންގެ އަޒުމަކަށް ކުޑަވެސް ފިނިކަމެއް ނުގެނެވުނެވެ. ދެހާޖީންނާއި ދަންޑެހެލާ ގޮވައިގެން އެންމެ ފަހުން މިގައުމު ޚާއިނުންގެ ކިބައިން މިންޖުކުރެއްވީއެވެ.

މިއަދު މިގައުމުގައި އުފެދުނު އެތަކެއް ޚާއިނުން ނުކުމެ ރައްޔިތުންގެ ވެރިކަން ފޭރިގަނެ ރައްޔިތުންނަށް އަނިޔާ ކުރަމުން ގެންދާއިރު އެކަމާ އިދިކޮޅަށް އަޑުއުފުލާ ކޮންމެ މީހަކީ ތާކުން ތާކުނުޖެހޭ މީހެއް ކަމުގައި ގޮވަމުން ބާޣީން އެގެންދަނީ އަނދިރި އަނދިރީންނެކޭ އެއްގޮތަށެވެ. ދިވެހި ރައްޔިތުންނަށް އަނިޔާ ކުރަމުން އެގެންދަނީ ހަމަ ކަނޑުގެ ބާޒުގެ ލަޝްކަރުގެ މީހުން އަނިޔާކުރި ބީދައިންނެވެ. މިއަދަކު މިގައުމަކު އަދުލު އިންސާފެއް ނެތެވެ. އަނިޔާއާއި ދުއްތުރާކޮށް ރައްޔިތުން ބިރުގަންނަވާ އިނދަޖެއްސުމަށްފަހު ވެރިކަމުގައި ދެމިތިބުން މެނުވީ އެހެން ބޭނުމެއް ބާޣީންގެ އޮތްކަމުގައި ވާނަމަ އެއީ މިގައުމުގެ ޚަޒާނާ ލޫޓުވާލުމެވެ. މިއަދު އެގެންދަނީ އެކަންވެސް ކުރަމުންނެވެ. ފައިސާ ޗާޕުކޮށް މިގައުމުގެ އިގްތިސާދު އިނދަ ޖައްސާލަނީއެވެ. މުދަލުގެ އަގުތައް އިންތިހާއަށް އުފުލިދާއިރު ރައްޔިތުންނަށް ދުލެއް، ގަލަމެއް، ނަފުސެއްގެ މިނިވަންކަމެއް ނެތެވެ. ފެނިހުރެގެން މިގައުމު ދާޚިލީ ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް މިވަނީ ވަށްޓާލާފައެވެ.

ރައްޔިތުން މިއެދި ގޮވަނީ އަވަސް އިންތިޚާބަކަށެވެ. ބާޣީން އެތިބީ ނުކުޅެދި ބިރުގަނެ، ފިލައެވެ. ކުރީގައި މިގައުމުގައި ވޯޓުފޮށީގައި ބަނޑުއަޅައިގެން ނެރުނު ނަތީޖާ މިއަދު ނުނެރެވޭނެތީއާއި، ބާޣީންނަށް ކުރިނުލިބޭނެކަން ޔަގީންވާތީއެވެ. މިހާލަތުގައި ރައްޔިތުންނަށް އަނިޔާވެރިވެ ދޫތައް ބަންދުކުރުން ނޫންކަމެއް އެމީހުންނަށް ކުރެވޭކަށް ނޯންނާނެއެވެ. ނަމަވެސް ރައްޔިތުން މިތިބީ އެއަށްވުރެ ހަރުދަނާ ކަންމަތީ އެމީހުންގެ އެއަނިޔާވެރިކަމާއި އިދިކޮޅަށް ނުކުމެއެވެ. ކިތަންމެ ވަރަކަށް ހައްޔަރު ކުރިޔަސް ކިތަންމެ އަނިޔާއެއްދިނަސް ފަހަތައް ޖެހޭކަށް ނެތެވެ. އާޚިރުގައި މިއަދު ބާޣީން އެތިބީ ގޮތްހުސްވެ ދެލޯމުދުނަށް އަރާފައެވެ.

މިމަތިވެރި މައްސަރުގައި އަޅުގަނޑުމެން މި ހިފަމުން ގެންދާ ރޯދައާއި އެކުއެކުގައި ކުރެވެމުންދާ އަޅުކަމުގެ އިތުރުން މުޅިގައުމުގެ ހެވާއި ލާބައާއި މަންފާއަށްޓަކައި މިކުރާ ޖިހާދަކީ ގެއްލެނިވެގެން ދާނެ ކަމެއް ނޫންކަން އަޅުގަނޑުމެން ދަނެގެންތިބެ އިހުނަށްވުރެ ހިތްވަރާއި ފަންވަރާއެކު އަނިޔާވެރި ޒާލިމުންނާއި ކުރިމަތިލައި އެމީހުންގެ ކިބައިން މިގައުމު ސަލާމަތް ކުރުމަށް އާއަޒުމެއް ކަނޑައަޅައިގެން މިކުރާ މަސައްކަތުގައި ކީރިތި ﷲ ބަރަކާތް ލަށްވައި އަޅަމެން ނަސްރުވެރި ކުރަށްވާށިއެވެ. އަޅަމެންގެ ފައިތިލަތައް ސާބިތު ކުރަށްވައި ދަމަހައްޓަވާށި އެވެ. އާމީން .