ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 83
ތާރީޚް: 28 ޖުލައި 2012 (ހޮނިހިރު)
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދު ކްރިމިނަލް ކޯޓަށް ޙާޟިރުވުމަށް އަމުރުކޮށްފައިވާތީ މި ޕާރޓީން ކަންބޮޑުވުން ފާޅުކުރުން
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދުގެ މައްޗަށް ދައުލަތުން ދައުވާކުރާ, ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ މައްސަލައެއްކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނު މާދަމާ (29 ޖުލައި 2012 ވަނަ ދުވަހު) ކްރިމިނަލް ކޯޓަށް ޙާޟިރުވުމަށް އަމުރުކޮށްފައިވާތީ މި ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ.
އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަލީ ވަޙީދުގެ މައްޗަށް މިބާވަތުގެ ދަޢުވާއެއް ދައުލަތުން ކުރާއިރު އެ ދަޢުވާއަކީ މުއާލާތްކެނޑިފައިވާ 2010 ވަނަ އަހަރުގެ ކަމަކާއި ގުޅުވައިގެން ކޮށްފައިވާ ދަޢުވާއެއްކަން އެނގިފައިވެއެވެ. އިންސާފު ޤާއިމުކުރުން ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ބުނާ ޤާނޫނީ ހަމަތަކާ އުސޫލުތަކަށް ވެސް ބެލުމެއްނެތި މުއާލާތް ކެނޑޭ ފަހުން މިބާވަތުގެ ދަޢުވާތައް ދައުލަތުން އުފުލައި ކޯޓުތަކުން ބަލަމުން ގެންދާއިރު، ފާޅުގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ނުބެލިވާކަމާއި އަދި އެފަދަ މައްސަލަތައް ކޯޓުތަކުން ބޭރުކޮށްފައިވާކަން ވެސް ފާހަގަކުރަމެވެ.
ރައްޔިތުން އިންތިޚާބުކުރި އެމް.ޑީ.ޕީ.ގެ ވެރިކަމެއްގެ މެދުތެރެއިން އެ ވެރިކަން ވައްޓާލާފައިވުމާއި، މިހާރު މި އޮތް ވެރިކަމުގެ ސައްޙަކަމާމެދު ރައްޔިތުން ސުވާލު އުފައްދާފައިވާހިނދު އަދި އެކަން ބެލުމަށްޓަކައި އިންކުއަރީ ކޮމިޝަނެއްގެ ތަޙްޤީޤު ވެސް ކުރިއަށްދާހިނދު، މިޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ވެސް އެމް.ޑީ.ޕީ. އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ސިލްސިލާއެއްގެ ގޮތުން މިހާރު މިއޮތް ވެރިކަމުން ދަޢުވާތައް އުފުލައި، ހައްޔަރުކޮށް، އަނިޔާކޮށް އަދި ގޯނާކުރަމުން ގެންދާގެންދިއުމުގެ ތެރެއިން ކޮށްފައިވާކަމެއްގެ ގޮތުގައި ދެކެމެވެ. އަދި އެއީ މި ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދެއްކުމުގެ ގޮތުން ކުރާކަމެއްގެ ގޮތުގައި ވެސް ދެކެމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް