ނޫސްބަޔާން: އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ ގުޅިފައިވާ ނޫސް ބަޔާން (12)

ނޫސް ބަޔާން

މިދިޔަ ހަފްތާގައި ޕީޕީއެމް އަށް ނިސްބަތްވާ މެންބަރަކު މަރާލައި، ޝަހީދުކޮށްލި ލާންސްކޯޕްރަލް އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރި ކަމަށް ލަފާކުރެވޭތީ މި މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމަށް ގޮވާލަމެވެ.

ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލިތާ ކުޑަހިނދުކޮޅެއްގެ ތެރޭގައި ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ހިންގަމުން ގެންދާ ޣައިރު ޤާނޫނީ ޖަމާއަތެއް ކަމަށްވާ 23 ޑިސެމްބަރު އިއްތިހާދުގެ ފަރާތުން ކުރީގެ ނައިބު ރައީސް މުޙަންމަދު ވަޙީދު ހަސަން މަނިކު، ދިޓީވީ މެދުވެރިކޮށް ފޯނުން ވާހަކަދައްކައި، މިކަން ވަކި ބައެއްގެ ބޮލުގައި އަޅުވަން މަސައްކަތްކުރި ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މިއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރާއި އެކު، ލާންސްކޯޕްރަލް އާދަމް ހަލީމް މަރާލި ގާތިލުގެ ފޮޓޯ ކަމަށް ބުނާ ފޮޓޯއެއް، ސޯޝަލް މީޑިއާތަކުގައި އާންމުވެގެން ދިއުމުން، މިކަން އިތުރަށް ތަހުގީގުކުރަން ޖެހިފައިވާ ކަމަށް ދެކެމެވެ.

މިއާއެކު ފުލުހުން ގައުމަށް ކުރަމުން އަންނަ ޚިދުމަތުގެ އަގު ހުރިހާ ފަރާތްތަކުން ވެސް ބަލައިގަނެ، އެއްބާރުލުން ދިނުމަށް ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ނަމުގައި ބަޔާން ނެރެ، އެކަމުގެ ހަގީގަތް އޮޅުވާލުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް ކަމުގައި ދެކި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ވުމާ އެކު ލާންސްކޯޕްރަލް އާދަމް ހަލީމް މަރާލި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރުމަށް ކަމާއިބެހޭ އެންމެހާ މުވައްސަސާތަކަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: މިލަންދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ
މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
: އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ)
: މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
: މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ)
: މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ)