އަޅުގަނޑުމެން ވަކާލާތު ކުރަމުން މިދަނީ އެމްޑީޕީގެ ވެރިކަން ގެއްލިގެންނެއް ނޫން، އަދި އަޅުގަނޑުގެ ރިޔާސަތު ގެއްލިގެނެއްވެސް ނޫން – ރައީސް ނަޝީދު

އަޅަގަނޑުމެން ދިވެހި ރައްޔިތުން މިއަދު އިޚްތިޖާޖް ކުރަމުން މިދަނީ އެމްޑީޕީގެ ވެރިކަން ގެއްލިގެން ނޫން ކަމަށާއި، އަދި އަމިއްލަފުޅު ރިޔާސަތު ގެއްލިގެންވެސް ނޫންކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ވެބްސައިޓް އިފްތިތާޙް ކުރެއްވުމަށް ރޭ ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުން ނުކުމެ އިޙްތިޖާޖް ކުރަމުން މިދަނީ، ޤާނޫން އަސާސީގައިވާ، ދިވެހި ވެރިކަން ބަދަލުވުމުގެ އުޞޫލުތަކާއި ހަމަތައް އަޅުގަނޑުމެންގެ ތެރެއިން ގެއްލިގޮސްފައިވާތީއާއި، އެކަންކަން ކިލަނބުވެ ގޮސްފައިވާތީއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުން އިންތިޚާބް ކުރާ ވެރިއަކު ބަދަލުކުރަން މިއޮތީ، ފުލުހުންނާއި ސިފައިން ޤާނޫނާއި ޚިލާފްވެގެން ހިންގާ ޢަމަލުތަކެއްގެ ތެރެއިން ކަމަށް އަޅުގަނޑުމެންނަށް ދެކެވެނީ ނަމަ، އެ އެޞޫލްގައާއި އެހަމައިގައި، ދިވެހި ވެރިކަން އަޅުގަނޑުމެންނަށް އަބަދުވެސް ބަދަލުކުރެވިދާނޭ ކަމަށެވެ. މިގޮތުން 2013 ވަނަ އަހަރު އިންތިޚާބެއް ބާއްވާފައި 2016 ވަނަ އަހަރު ބަޣާވާތްކޮށް ވެރިކަން ބަދަލުކުރެވިދާނޭ ކަމަށެވެ އަދި ހަމަ އެގޮތަށް 2018 ވަނަ އަހަރު އިންޚާބެއް ބާއްވާފައި 2020 ވަނަ އަހަރު އަނެއްކާވެސް ހަމައެގޮތަށް ވެރިކަން ބަދަލު ކުރެވިދާނޭ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެޞޫލެއްގެގޮތުން އަޅުގަނޑުމެން މި ދެކޭ ބަޣާވާތަކީ، ހަމައެއްކަމުގައި އަޅުގަނޑުމެން ދިވެހިނާއި، މި ޖީލު ބަލައިގެންފި ނަމަ، ދިވެހި ވެރިކަން ވަރަށް ބޮޑަށް ކިލަނބުވެގެން ދާނޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ކަނޑައެޅިގެން ބަޣާވާތެއްކޮށްފައިވާކަމާއި، އަދި އެފުލުހުންނާއި ސިފައިންގެ ޤާނޫންތަކާއި އެބައިމީހުން ޚިލާފްވެފައިވާކަން އަޅުގަނޑުމެންނަށް ވަރަށް ފުރިހަމައަށް ފެންނަން އޮތްއިރު، މިކަންކަމުގެ މައްޗަށް ދައުލަތުގެ ފަރާތުން އަޅާނުލާދާކަމުގައިވާ ނަމަ އެއީ ޤައުމަށާއި ދައުލަތަށް ލިބޭ ގެއްލުމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެމްޑީޕީން މިހާރު ރެއާއި ދުވާލު ވަރުބަލިކަމެއް ނެތި ކުރަމުން ގެންދާ މަތިވެރި އިޚްތިޖާޖްގައި ބައިވެރި ވަޑައިގަންނަވާ ހުރިހާ ރައްޔިތުންނަށް ހިތުގެ އަޑިން އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.