ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޑރ. ވަޙީދު ބައިވެރި ވަޑައިގަތުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އަމިއްލަ މަސްލަޙަތައް ވުރެ ޤަޢުމީ މަސްލަޙަތު އިސްކޮށް، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައް ހަމަ މަގައެޅުވުމަށް، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ބައިވެރިވެ ވަޑައިގަތުމަށް ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ރާއްޖެ ޓީވީގެ ވެބްސައިޓް އިފްތިތާޙް ކުރެއްވުމަށް ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްރަޙު ހަމަމަގަށް އެޅުވުމަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި، އެހެނިހެން ސިޔާސީ ޕާޓީތަކާއި އެއް މޭޒަކަށް ވަޑައިގެންނެވުމަށް މިއަދު ދިވެހިރާއްޖޭގެ ވެރިކަމުގެ އެންމެހާ ބާރުތަކުގައި ހުންނެވި ޑރ. ވަޙީދުގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއިއެކު އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ދިވެއްހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ބައިވެރިވުމާއިއެކު ހޮވިވަޑައިގަންނަވާ ބޭފުޅުކަށް ހެއްދެވުމަށާއި، އަވަސް އިންތިޚާބުގެ ދުވެއްޔަށް އިޖާބަދެއްވައި ޕާޓީތަކާއި މަޝްވަރާކޮށް، ސުލްޙަވެރިކަމާއި އޮމާންކަމާއިއެކު ރާއްޖޭގެ މަސްރަޙު ޙައްލުކުރެއްވުމަށް ވެސް ރޭ ރައީސް ނަޝީދު ވަނީ ޑރ. ވަޙީދުގެ ކިބައިން އެދިވަޑައިގެންފައެވެ.

ރޭގެ ޙަފްލާގައި ވާހަކަަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޤާނޫން އަސާސީގައި ރައްޔިތުންގެ އިންތިޚާބަކުން ހޮވިވަޑައިގަންނަވާ ވެރިޔަކު، ބަދަލުކުރެވޭނޭގޮތުގެ އުޞޫލްތައް ވަރަށް ސާފް އިބާރާތުން ވަރަށް ސަރީޙަކޮށް ބަޔާންކޮށްފައި ވަނިކޮށް، ފެބްރުއަރީ 7 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ނުކުމެ ކުރި ބަޢާވާތް ބެލުމެއްނެތި ދޫކޮށްލައިފިނަމަ ޒަމާންތަކަކަށް ދެމިގެންވާގޮތަށް ދިވެހިރާއްޖޭގެ ވެރިކަން ކިލަނބުވެގެން ދާނޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ރޭގެ ޙަފްލާގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ ގިނަ މެމްބަރުންތަކެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.