ނޫސްބަޔާން: ޤާނޫނު އަސާސީގެ ބާރުކެނޑޭގޮތަށް ރައީސް ނަޝީދު ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމްއަށް ކްރިމިނަލް ކޯޓުން ކުރި ޝަރުޠު ކުށްވެރިކުރުން

MDP-2012-PR-ނަންބަރު: 82
ތާރީޚް: 26 ޖުލައި 2012 (ބުރާސްފަތި)

ޤާނޫނު އަސާސީގެ ބާރުކެނޑޭގޮތަށް ރައީސް ނަޝީދު ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމްއަށް ކްރިމިނަލް ކޯޓުން ކުރި ޝަރުޠު ކުށްވެރިކުރުން

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްއަޅައި، ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމަށް ކްރިމިނަލް ކޯޓުން ކުރަމުން ގެންދާ މަސައްކަތް މިޕާޓީން އެންމެ ހަޜުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

އެގޮތުން 2012-07-20 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން ހައްޔަރުކުރި ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ދޫކޮށްލުމުގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުޠަކީ، ކަނޑައެޅިގެން ޤާނޫނު އަސާސީގެ އިސްވެ ދެންނެވުނު މާއްދާތަކުގެ ބާރު ކަނޑުވާލުމަށް ކޮށްފައިވާ ޝަރުޠެއް ކަމަށް މިޕާޓީން ދެކެމެވެ. އެހެނީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކެއް ކަމަށްވާއިރު، މިއިން ކަމެއް ނުކުރުމަށް، ނުވަތަ މިއިން ކަމެއްގައި ބައިވެރި ނުވުމަށް ކްރިމިނަލް ކޯޓަށް އަމުރު ނެރެވިދާނޭކަމަށް މިޕާޓީން ޤަބޫލެއް ނުކުރަމެވެ. އަދި މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަމުގެ ޙައްޤަށް އަރައިގަނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވާފައިވާ އާދިލް ސަލީމްގެ އަމިއްލަ ފޯން ވަގުތުން ވަގުތަށް އާދިލް ސަލީމަށް ރައްދުކުރުމަށްވެސް މިޕާޓީން ގޮވާލަމެވެ.

އަދި ދަށު ކޯޓުތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި ފުށުއަރާގޮތަށް ނެރުމުން ގެންދާ އަމުރުތައް ވަގުތުން ހުއްޓާލުމަށާއި ރާއްޖޭގެ ޖުޑިޝަރީ މިނިވަންކޮށް، މިހާރަށް ވުރެން ޒިންމާދަރުވުމަށް މިޕާޓީން ގޮވާލަމެވެ.
މި ފުރުސަތުގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، 29 ވަނަމާއްދާއިން ލިބިދީފައިވާ މައުލޫމާތު ހޯދުމާއި، މައުލޫމާތު ދިނުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކުރުމަށް ރައްޔިތުންނަށް ހުރަސް އަޅާ، ރައްޔިތުންނަށް ބިރުދެއްކުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތް ވަގުތުން ވަގުތަށް ހުށްޓާލުމަށް ފުލުހުންގެ މުއައްސަސާއަށް މިޕާޓީން ގޮވާލަމެވެ. އަދި ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ގޮވާލާ ގޮވާލުން އަނެއްކާ ވެސް ތަކުރާރުކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް