ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވަމުންގެންދަވާ އެއްމެހާ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ.
ދިވެހިރާއްޖޭ އިސްތިއުމާރީ ބާރުތަކުން ސަލާމަތްވެ މިނިވަން މުސްތަގިއްލު ޤައުމެއްގެ ގޮތުގައި ވޭތުކުރަމުން ދިޔަ ދުވަސްތަށް ތާރީޙްގެ ފަތްފުއްތަކުން ދައްކާފައިވަނީ މި ޤައުމުގެ ރައްޔިތުންގެ ފަރުދީ މިނިވަންކަން ގެއްލި އަޅުވެތި ކަމުގެ ކަސްތޮޅު އެޅިފައިވާ ހާލު އަނިޔާއާ ލާއިންސާނީ އަދަބު ތަކުން ރައްޔިތުންގެ ހިތްތަށް ބިރުވެރި ކުރުވާ ނާމާންކަން ވެރިކުރުވި ދިގު ޒަމާންތަކެއްގެ ގޮތުގައެވެ.
ފަހުގެ ތާރީޙް ގައި ފަރުދީ މިނިވަންކަމަށް ބުރަ މަސައްކަތް ކޮށް ރައްޔިތުން މިނިވަން ކަމުގެ ނޭވާއެއް ލީ މި ޤައުމުގައި އިސްލާހު ކުރެވުނެ ޤާނޫނު އަސާސީއަކުން ރައްޔިތުންގެ ބައިވެރިވުމާއެކު 2008 ވަނަ އަހަރު ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކުރެވުނު ހިސާބުން ފެށިގެނެވެ. އެދުވަހު ދިވެހި ރައްޔިތުންނަށް ލިބުނު އުފަލާ މިނިވަންކަން ގިނަދުވަސްތަކެއް ނުވެ، މިއަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު މި ޤައުމެގެ މަދު ބަޔަކު ގެނައި ބަޣާވަތަކުން މި ޤައުމުގެ ވެރިކަން ފޭރިގަނެ މިއަދު މިވަނީ އަނެއްކާވެސް ނާމާންކަމާ ބިރުވެރިކަން މި ޤައުމުގައި އާއްމުވެފައެވެ. ޙިޔާލު ފާޅު ކުރުމާ، އެއްވެ އުޅުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅާ، އެއްވެސް ހަމައެއް ނެތި މީހުން ހިފާ ހައްޔަރުކޮށް ވެރިކަމުގެ ފަރާތުން ރައްޔަތުންނަށް ދޭ އަދަބެއްގެ ގޮތުގައި ނުވަތަ ދައްކާ ބިރެއްގެ ގޮތުގައި މި ވަނީ އާއްމު ވެފައެވެ.
މިފަދަ ދަޑިވަޅެއްގައި ރައްޔަތުން އަޒުމް ކަޑައަޅަންވީ އަވަސް އިންތިޙާބަކުން މި ޤައުމުގައި ރައްޔިތުންގެ ވެރިކަމެއް ޤާއިމް ކުރުމަށެވެ.
މާތް ﷲ މި ޤައުމާ ރައްޔިތުން މިނިވަންކަން މަތީ އަބަދަށްމެ ލަހައްޓަވާށިއެވެ. މިނިވަންކަމަށް އެދި ޖިހާދު ކުރާ އެންމެހާ ދިވެހިންނަށް ފަށްފަށުން ތަހުނިޔާ ދަންނަވަމެވެ.
ތާރީޚް: 26 ޖުލައި 2012 (ބުރާސްފަތި)