ނޫސްބަޔާން: ފުލުހުން ހައްޔަރު ކޮށްފައިވާ މިޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހުގެ މެމްބަރ އަދި އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރުގެ ނައިބުކަންވެސް ކޮށްފައިވާ މުހައްމަދު މާހިރު އީސާ ދޫކޮށްލުމަށް ގޮވާލުން

MDP-2012-PR-ނަންބަރު: 81
ތާރީޚް: 24 ޖުލައި 2012 (އަންގާރަ)

ފުލުހުން ހައްޔަރު ކޮށްފައިވާ މިޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހުގެ މެމްބަރ އަދި އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރކަންވެސް ކޮށްފައިވާ މުހައްމަދު މާހިރު އީސާ ދޫކޮށްލުމަށް ގޮވާލުން

އެމްޑީޕީން މިހާރު އަވަސް އިންތިހާބަކަށް ގޮވާލާ ކުރިޔަށް ގެންދާ ސީދާ ހަރަކާތް ހުށްޓުވުމުގެ ގޮތުން މިޕާޓީގެ އިސްބަޔަކަށް އަމާޒުކޮށް ފުލުހުން ގާނޫނާއި ގަވާއިދާއި ޚިލާފަށް އަނިޔާތައް ދެމުންގެންދާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އެގޮތުން މިއަދު އެމްޑީޕީ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިހުގެ މެމްބަރ، އަދި އެމްޑީޕީ ސަރުކާރުގެ ސްޓޭޓްމިނިސްޓަރކަންވެސް ކުރައްވާފައިވާ މުހައްމަދު މުހައްމަދު މާހިރު އީސާ ( މާހިރުބެ ) އެބޭފުޅާއަށް ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމާއި ގުޅިގެން ހައްޔަރުކުރި ކުރުމަކީ އެ ބޭފުޅާ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓުވުމަށް ފުލުހުން ރާވާއިގެން ހިންގާފައިވާ ގާނޫނު އަސާސީ އާއި ޚިލާފް އަމަލެއް ކަމަށް މިޕާޓީން ދެކެމެވެ.

އަދި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، 29 ވަނަމާއްދާއިން ލިބިދީފައިވާ މައުލޫމާތު ހޯދުމާއި، މައުލޫމާތު ދިނުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކުރުމަށް ރައްޔިތުންނަށް ހުރަސް އަޅާ، ރައްޔިތުންނަށް ބިރުދެއްކުމަށްޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތް ހުށްޓާލުމަށް ފުލުހުންގެ މުއައްސަސާއަށް މިޕާޓީން ގޮވާލަމެވެ. އަދި ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ގޮވާލާ ގޮވާލުން އަނެއްކާ ވެސް ތަކުރާރުކުރަމެވެ.

ފުލުހުން މިއަދު ހައްޔަރުކޮށްފައިވާ މުހައްމަދު މާހިރު އީސާ ހައްޔަރުކޮށްފައިވަނީ، އެބޭފުޅާއަށް ގާނޫނު އަސާސީން ލިބި ކަށަވަރު ކޮށްދީފައިވާ ގޮތުގެ މަތީގައި ހުންނަވަނިކޮށްކަމަށްވާތީ ވަގުތުން އެބޭފުޅާ ދޫކޮށްލެއްވުމަށް މިޕާޓީން ގޮވާލަމެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ހުށްޓާލާ، ގައުމުގައި ސުލްހަ މަސަލަސް ކަމާއި އަމަން އަމާންކަން ގާއިމު ކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންނަށް މިޕާޓީން އިލްތިމާސް ކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް