ރާއްޖެ ޓީވީއަށް އެއްބާރުލުން ނުދޭން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިންމާފައިވާތީ އެކަން ކުށްވެރިކުރުން

ދިވެހި އެތައް ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ ރާއްޖެ ޓީވީ އަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ނިންމައި، މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަޔާނެއް ނެރެފައިވަނީ، ބަޣާވާތަކުން ވެރިކަމަށް އައިސްފައިވާ ފަރާތްތަކުން އެ ވެރިކަން ދެމެހެއްޓުމަށްޓަކައި، މީޑިޢާތަކުގެ އަޑުކަނޑުވާލައި، ތެދު މައުލޫމާތު ފޯރުކޮށްދޭ މީޑިއާތަކަށް ޖެއްސުންކޮށް ގޯނާކުރުމަށް، ކަމަށް މި ޕާޓީން ދެކޭ ހިނދު، ރާއްޖެޓީވީއާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ނާތަހުޒީބު އަމަލުތައް މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ސަލާމަތީ ޚިދުމަތްތަކުން އަމަލުކުރާ އުސޫލުތަކާ ފުށުއަރާ ގޮތަށް، ދިވެހި ފުލުހުންގެ އަމަލުތައް 7 ފެބްރުއަރީގެ ބަޣާވާތަށް ފަހު ބައްޓަންކޮށްފައިވާކަން މި ޕާޓީން ހިތާމައާއެކު ފާހަގަކުރަމެވެ. އެ ގޮތުން މީޑިއާއަށް ޖެއްސުން ކުރުމާއި ފުރައްސާރަކުރުން އާންމުވެ، ނޫސްވެރިންނަށް އަނިޔާކޮށް، ހިފައި ހައްޔަރުކުރަމުން ދާތީ މި ޕާޓީން އަބަދުވެސް މިދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން ފުލުހުންނާ މެދު އަނިޔާވެރިވެ، ފުލުހުންގެ ގައިގައި ރޯކޮށް ފުލުހުންނާ މެދު އެތައް ޖަރީމާއެއް 23 ޑިސެމްބަރު އިއްތިހާދަށް ނިސްބަތްވާ ފަރާތްތަކުން ހިންގި އިރު، އެ އަމަލުތަކަށް ހިއްވަރުދީ އޭރުގެ އިދިކޮޅު މީޑިއާތަކުން ޚަބަރުފަތުރަމުން ދިޔަ އިރު، އެ ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި، ފުލުހުން ވަގަށް ޕެޓްރޯލްނަގާ ކަމަށް ބުނާ ވީޑިއޯއެއް ރާއްޖެޓީވީން ދެއްކުމުން، އެއީ ދޮގު ޚަބަރެއް ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީން އެކަމަށް މާފަށް އެދުމަށް އެންގި އެންގުމަކީ ވެސް މީޑިއާތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުން ކަމަށް މި ޕާޓީން ދެކެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަަޓް