ނަންބަރު: MDP –PG-2012-PR-009
ތާރީޚް:24 ޖުލައި 2012
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބިރުދެއްކުމުގެ ޢަމަލުތައް ހުއްޓުވުމަށް ގޮވާލައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުންނެރޭ ބަޔާން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި، ވާޖިބުތަކަށް ހުރަސް އެޅޭގޮތަށް ދައުލަތުގެ ބައެއް މުއައްސަސާތަކުން ޢަމަލުކުރަމުންދާ ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމަކަށްވީ ހިނދު، ވަކި ސިޔާސީ ޕާޓީއަކުން އެޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަރަށް އަވަހަށް ހޯދާނެކަމަށްބުނެފައިވާ މިދަނޑިވަޅުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފުލުހުންގެ ޢައިރުޤާނޫނީ ޢަމަލުތަކުގެ ޝިކާރައަކަށް ވެފައިވަނީ ހާއްސަކޮށް މިޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަމަށްވެފައި، ތަކުރާރުކޮށް އެކި ގޮތްގޮތުން ހައްޔަރުކުރަމުންދާ ދިއުމާ މެދު ނުހަނު ކަންބޮޑުވަމެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ދަޢުވާލިބޭ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމުން އެމައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ނުގެންގޮސް ބެހެއްޓުމަށްފަހު، އެތައްއަހަރެއް ފަހުން ވަރަށްކުއްލިގޮތަކަށް މި ޕާޓީގެ ޕާލަމެންޓަރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު ގެ މައްޗަށް ޝަރީއަތް ހިންގުމަށް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވުމުން، މިޕާޓީގެ ޕާލަމެންޓަރީ ގްރޫޕަށް ޤަބޫލުކުރެވެނީ މިއަދުގެ ސިޔާސީ ހަލަބޮލިކަމުގެ ނާޖާއިޒު ފައިދާއެއް ބަޔަކަށް ހޯދައިދިނުމަށް ޝަރުއީ ނިޒާމުން މަސައްކަތްކުރަމުން ދާކަމެވެ. އެހެންކަމުން ޝަރުޢީ ނިޒާމުން ޢަދުލުވެރިކަމާއި، އިންޞާފުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި ކަންކަން ކުރަމުން ގެންދިއުމަށް މި ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުން އިލްތިމާސްކުރަމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނޫއަސާސީގެ 220 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ ” ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސެކިއްޓަރ ޖެނެރަލެއް ހުންނަންވާނެ” ކަމަށާއި ކުއްލިއަކަށް މިދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ މައްޗަށް ވަރަށް ކުއްލިއަކަށް ދައުވާކުރުމަށް ހުށަހެޅިގެންދާ ދިއުމަކީ މިއަދުގެ ސިޔާސީ ހާލަތަށް ބަލާއިރު ޕްރޮސެކިއުޓަރ ޖެނެރެލްގެ މިނިވަންކަމާ، ވަކިފަރާތަކަށް ނުޖެހި މުސްތަޤިއްލު މަސައްކަތް ކުރުމަށް ހުރަސްތަކެއް ހުރިކަން ހާމަވާނެ ފެންނަމުންދާކަމީ ނުހަނު ހިތާމަ ކުރާ ކަމެކެވެ.
ބަޔާން ނެރުނީ: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކު ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރ އިބުރާހިމް މުހައްމަދު ސާލިޙް