ނޫސް ބަޔާން
ޑިއުޓީގައި އުޅެނިކޮށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ލާންސް ކޯޕްރަލް އާދަމް ހަލީމްގެ މަރު ސިޔާސީ ކަމަކަށް ހަދައި ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ ، ދައުލަތާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ސިފަކުރަމުން މުހައްމަދު ވަހީދު ހަސަން މަނިކު، މަރުވި މައްޔިތާ ކޮނޑުޖަހައިގެން ވީޓީވީއަށް އަރާ ވަގުތުން އިންޓަވިއު ދިނުމަކީ ވަގުތުގެ ބޭނުން ނާޖާއިޒްގޮތުގައި ހިފައިގެން މުޖުތަމައުގައި ނަފުރަތު އުފައްދާ ރައްޔިތުންބައިބައި ކުރުންކަމުގައި ދެކެމެވެ.
މާތްވެގެންވާ އިސްލާމުދީނުގައި ފިތުނަފަސާދަ އުފެއްދުމަކީ ގަތުލުކުރުންހާ ނުބައިކަމެއް ކަމުގައިވީހިނދު މިފަދަ ހުތޫރަތްތެރި ދަނޑިވަޅެއްގައި މިކަމުން ސިޔާސީ ފައިދާނަގަން މަސަތްކަތް ކުރުމަކީ މުހަންމަދު ވަހީދު ހަސަންމަނިކު އިސްވެހުރެ ގަސްތުގައި މުޅިގައުމުގައި ހުޅުޖެހުން ކަމުގައި ދެކެމެވެ.
ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނަށް ބިރުހުރިތަނެއްކަމުގައި ހަދާނެކަމަށް ބުނެ ފުލުހުންގެ މުއައްސަސާގެ ގަދަރާއި އިހުތިރާމު ކުޑަވާގޮތަށް އާންމު ރައްޔިތުންނަށް ތަފާތު ގޯނާކުރުމަށް ހިއްވަރުދިނުމާއި 7 ފެބުރުއަރީގައި ފުލުހުންގެ އަނިޔާއިން ޝަހީދުވެދިއަ މ ނަލަހިޔާ މަންޒިލް މުހަންމަދު ސަރީފު (ބޭލާސަރީފު) ގެ ދަރިފުޅު އަލްމަރުހޫމް ފާތުމަތު ސަރީފުގެ މަރުގެ މައްސަލައާއި ފެބުރުއަރީ ހަތެއް އަށެއްގައި ހިންގި ލާއިންސާނީ އަމަލުތަށް ނުބަލާނެކަމަށް ޕޮލިސް ކޮމިސަނަރު ބުނި ބުނުމަކީ ސަރުކާރުން މުޅިގާނޫނުއަސާސީ މުގުރާލުންކަމުގައިވެސް ދެކެމެވެ .ވީމާ ފުލުހުންގެ ލާންސް ކޯޕްރަލް އާދަމް ހަލީމްގެ މަރުގެ މައްސަލަ ސިޔާސީކޮށް މުޖުތަމައު ބައިބައިކުރަން ސަރުކާރުއިސްވެ ކުރަމުންގެންދާ މައްސަލަ ހަރުކަށިއިބާރާތުން ކުށްވެރިކުރުމާއެކު އެފަދަ ހުރިހާ މައްސަލަތަށް ތަފާތުކުރުމެއްނެތި ތަހުގީގުކޮށް ބެލުމަށް ކަމާބެހޭ ފަރާތްތަކަށްގޮޥާލަމެވެ.
23ޖުލައި 2012
ބަޔާން ނެރުނީ:
:މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ
:މުހައްމަދު ރަޝީދު (މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރ)
: އިބުރާހިމް ރަޝީދު ( މާފަންނު ދެކުނު ދާއިރާގެ މެންބަރ)
: މުހައްމަދު ތޯރިޤު (މަނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޤަސަމް (ތިނަދޫ ދާއިރާގެ މެންބަރ)
: މުހައްމަދު ޝިފާޒު (ބާރަށު ދާއިރާގެ މެންބަރ)
: މުހައްމަދު ނާޒިމް ( މަޑަވެލި ދާއިރާގެ މެންބަރ)
: މުހައްމަދު ރަޝީދު ( ހިތަދޫ އުތުރު ދާއިރާގެ މެންބަރ)