ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 79
ތާރީޚް: 23 ޖުލައި 2012 (ހޯމަ)
މަރަށް މަރު ހިފުމަށް ތާއީދުނުކުރައްވާ ކަމަށް ހާމިދު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ހާލަތުގެ ސަބަބުން
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރަށްމަރު ހިފުމަށް ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް ފެއިލްވެ އެ ނިޒާމަށް ދިވެހިރައްޔިތުންގެ އިތުބާރު ގެއްލިފައި ވުމުން، މި ފަދަ ނިޒާމެއް އޮތް ދަނޑިވަޅެއްގައި މަރަށް މަރުހިފަން ފަށައިފިނަމަ އެކަމުގެ ސަބަބުން އިޔާދަ ނުކުރެވޭނޭ ފަދަ ގެއްލުން ގައުމަށް ކުރިމަތިވެ، ގައުމުގެ ހާލަތު އިތުރަށް ނުރައްކާ ވެދާނޭ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް މި ޕާޓީން ދެކެމެވެ.
އެމްޑީޕީގެ މެނިފެސްޓޯ ވެސް އެކުލެވިގެންވަނީ އިސްލާމީ ޝަރީއަތާ ޚިލާފް ނުވާ ގޮތުގެ މަތީން ކަމަށްވީ ހިނދު، ހާމިދު މިއަދުގެ ނޫސް ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުތަކުން ބައެއް ނަގައިގެން އެމްޑީޕީ ބަދުނާމް ކުރުމަށް މީޑިއާތަކުން ޚަބަރުފަތުރަމުންދާތީ އެކަން މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް