މިއަދު އެމްޑީޕީން ބޭއްވި ނޫސްކޮންފަރެންސް ގައި ރޭގެ ވަގުތެއްގައި މަރާލެވުނު ފުލުސް ލާންސް ކޯޕްރަލް އާދަމް ހަލީމްގެ މަރާބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަނޭޝަނަލް އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ސެކްރެޓަރީ ޖެނެރަލް ހާމިދު އަބްދުލް ގަފޫރު ވިދާޅުވީ އެ މަރަކީ އެއްގޮތަކަށްވެސް ސިޔާސީ ކުރާވަރުގެ ކަމެއް ނޫން ކަމަށާއި އެއަށްވުރެ މާ ހިތާމަވެރި ކަމެއްކަމަށެވެ.
“ފުލުސް އޮފިސަރ ގެ މަރުގެ ސަބަބުން ގައުމު މިއޮތީ ފުން ހިތާމައެއްގައި، މީ އެއްގޮތަކަށްވެސް ސިޔާސީކޮށް، ޕާޓީ ނުވަތަ އެކަކު އަނެކަކަށް އިނގިލި ދިށްކުރަންވީ ވަގުތެއްނޫން، ” ހާމިދު ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމަކީ ވަރަށް ދެރަ ކަންކަން ކަމަށާއި އެއްގޮތަކަށްވެސް ކޮންގެންވާނޭ ކަންކަން ނޫންކަމަށް ހާމިދު ވިދާޅުވިއެވެ. އަދި މިކަމަކީ އެމްޑީޕީގެވެސް އަދި އެހެން ސިޔާސީ ޕާޓީ ތަކުގެ ބޮލުގައިވެސް އެޅުވޭނޭ ކަމެއްނޫންކަމަށްވެސް ހާމިދު ވިދާޅުވިއެވެ.
ހާމިދު ވިދާޅުވި ގޮތުގައި މީހުން މެރުމާއި އެފަދަ ބޮޑެތި ކުށްތައް މިގައުމުގައި ގިނަވެގެން މިދަނީ މިގައުމުގެ ޝަރުއީ ނިޒާމް ފެއިލްވެފައި އޮތުމުގެ ސަބަބުންނެވެ. އަދި މަޖިލީހުގައި ހުރި ޝަރުއީ ދާއިރާ ހަރުދަނާކުރުމުގެ ބިލްތައް ނިންމުމަށް މަޖިލީހުގެ މެޖޯރިޓީ އޮތް މީހުން މަސައްކަތެއްނުކުރެއެވެ. އަދި މިގައުމު މިހާރު މި އޮތީ އެމްޑީޕީގެ ސަރުކާރުން 3 އަހަރު ދުވަހުގެ މަސައްކަތުން ގެނައި ޑިމޮކްރަސީ އޮޔާދުއްވާލައި 2008 އަވަނަ އަހަރުގެ ކުރިން އޮތް ހާލަތަށް ވަށްޓާލާފައިކަމަށްވެސް ހާމިދު ވިދާޅުވިއެވެ.
މި ހިތާމަވެރި ހާދިޘާ އާއި ގުޅޭ ގޮތުން ހާމިދު މިއަދު ވާހަކަ ދެއްކެވި އިރު އެ ހާދިޘާ ކުށްވެރިކޮށް މި ޕާޓީން ވަނީ މިއަދު ނޫސްބަޔާންނެއްވެސް ނެރެފައެވެ.