MDP-2012-PR-ނަންބަރު: 78
ތާރީޚް: 23 ޖުލައި 2012 (ހޯމަ)
ފުލުހުން ހައްޔަރު ކޮށްފައިވާ މިޕާޓީގެ މާލެ ސިޓީގެ ރައީސް އަދި އެހެނެހެން ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ގޮވާލުން
އެމްޑީޕީން މިހާރު އަވަސް އިންތިހާބަކަށް ގޮވާލާ ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގެން ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން ވަކި ބަޔަކަށް އަމާޒުކޮށް ފުލުހުން ގާނޫނާއި ގަވާއިދާއި ޚިލާފަށް އަނިޔާތައް ދެމުންގެންދާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އެގޮތުން ރޭ އެމްޑީޕީ މާލޭ ސިޓީގެ ރައީސް، އަދި ރ. އަލިފުށި ދާއިރާގެ ރައީސްކަންވެސް ކުރައްވާ ، އެމްޑީޕީ ސަރުކާރުގެ ސްޓޭޓްމިނިސްޓަރކަންވެސް ކުރައްވާފައިވާ މިޕާޓީގެ ގައުމީ މަޖިލިސްގެ މެމްބަރ މުހައްމަދު ރަޝީދު ހުސެއިން ( ބިގޭ ) އެބޭފުޅާއަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގު އެއްމެ ހެޔޮ ގޮތުގައި ބޭނުންކުރައްވަމުން ގެންދަވަނިކޮށް އެކަމަށް ހުރަސް އަޅާ ހައްޔަރުކުރި ކުރުމަކީ މި ބޭފުޅާ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓުވުމަށް ފުލުހުން ރާވާއިގެން ހިންގާފައިވާ ގާނޫނު އަސާސީ އާއި ޚިލާފް އަމަލެއް ކަމަށް މިޕާޓީން ދެކެމެވެ.
އަދި މީގެ އިތުރުން ރޭވެސް ސީދާ ހަރަކާތުގެ ބައިވެރިން ސުލްހަވެރިކަމާއިއެކު އިހްތިޖާޖް ކުރަމުން ގެންދަނިކޮށް، ގާނޫނު އަސާސީން އެބޭފުޅުންނަށް ލިބިފައިވާ ހައްގުތަކަށް ބެލުމެއްނެތި ފުލުހުންވަނީ އަނިޔާވެރިކަމާއި އެކުސީދާ ހަރަކާތުގެ ބައެއް ބައިވެރިން ހައްޔަރުކޮށްފައެވެ. ފުލުހުން ގާނޫނު އަސާސީ އާއި ހިލާފަށް ހިންގަމުން މިގެންދާ ފިނޑި އަމަލުތައް މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުނަށް ކަށަވަރުކޮށްދީ، ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ގޮވާލާ ގޮވާލުން އަނެއްކާ ވެސް ތަކުރާރުކުރަމެވެ.
އަދި އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް