ހާމިދު އިތުރު 5 ދުވަހަށް ބަންދުގައި ބަހައްޓަނީ
ރައީސް ނަޝީދު، ހާމިދުގެ އާއިލާގެ ބޭފުޅުންނާ އެކު މިއަދު ކްރިމިނަލް ކޯޓުގެ ބޭރުގައި

އެމްޑީޕީގެ ސީދާ ހަރަކާތުގައި އިއްޔެ ހަވީރު ފުލުހުން ހައްޔަރުކުރި އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު އިތުރު 5 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ހާމިދު ގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރު ކޮށްފައިވާ އިރު އާދިލް ސަލީމް ވެސް ވަނީ މީގެ ދެ ދުވަސްކުރިން 5 ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފައެވެ.

މުލަ ރޯދަ ދުވަހު އެމްޑީޕީން ހިންގި ސީދާ ހަރަކާތުގައި ފުލުހުން ހައްޔަރުކުރި 36 މީހުންގެ ތެރެއިން 31 މީހަކު ރޭ ވަނީ ވަކި ކަމަކަށް ޝަރުތުކޮށް ދޫކޮށްލާފައެވެ. އެއީ 30 ދުވަސް ވަންދެން ރޭނގަޑު 8 ކުން ފެށިގެން ހެނދުނު 8 ކަށް އެއްވެސް އެއްވުމެއްގައި ބައިވެރިނުވުމެވެ.

ސީދާ ހަރަކާތުގެ ތެރެއިން ހައްޔަރުކުރަމުންގެންދާ މީހުން ކޯޓުން ދޫކޮށްލާއިރު ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ގެއްލޭގޮތަށް ކަމަށް ބުނެ މަޝްހޫރު ގާނޫނީ ވަކީލުން ދަނީ ކްރިމިނަލް ކޯޓުގެ ނިންމުންތަކަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.