މޯލްޑިވްސް ޕޮލިސްސާރވިސްއިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބުދުލް ޣަފޫރު ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރުން.


ނަންބަރު: MDP –PG-2012-PR-006
ތާރީޚް: 22 ޖުލައި 2012

މޯލްޑިވްސް ޕޮލިސްސާރވިސްއިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބުދުލް ޣަފޫރު ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން، ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ ހައްގު ލިބިގެންވާހިނދު، އެފަދަ ހައްގެއް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ބޭނުންކުރަމުން ދަނިކޮށް ގަސްތުގައި ހުރަސްއަޅާ ޤާނޫނަކަށް ޤަވާއިދަކަށް އެއްވެސް ބެލުމެއް އިހްތިރާމެއްނެތި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފުލުހުން ހައްޔަރުކުރި ކުރުން މޯލްޑިވިއަން ޑިމޮކުރެޓިކް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ށ)ގެ ދަށުން “ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދަޢުލަރުގެ ސަލމަތީ ޙިދުމަތްތަކަން މަސައްކަތް ކުރަންވާނެ” ކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ހިމާޔަތާއި ރައްކަތެރިކަން މެންބަރުންނަށް ދެއްވަން ތިބި ބައެއްގެ ކިބައިން ތަކުރާރުކޮށް ފުލުހުންގެ ޤާނޫނާއި ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކުޓާ ޚިލާފަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް ގެ ފުލުހުން ގަސްތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދީފައިވާ އަނިޔާތައް ބަލާ ތަހުގީގުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑު ޕްރޮސެކިއުޓަރ ޖެނެރަލް އަށް އިލްތިމާސް ކުރަމެވެ.

އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިންނާއި، ފުލުހުން، ތަކުރާރުކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއްވެސް ސަބަބެއް ނެތި ހައްޔަރުކުރަމުންދާ ދިއުން ހުއްޓުވުމަށްގޮވާލާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބުދުލް ޢަފޫރު މިހިނދުން މިހިނދަށް ދޫކޮށްލެއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އިލްތިމާސް ކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން ހަދާފައިވާ ޤަވާއިދަކަށްވެފައި، އެ ޤަވާއިދަކީ ޤާނޫނު ބާރުލިބިފައިވާ ޤަވާއިދަކަށްވާއިރު، އެޤަވާއިދާއި ޙިލާފަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ފުލުހުންނަކަށް ވެސް އަދި އެނޫންފަރާތްތަކުން ވެސް ޢަމަލުނުކުރެވޭނެކަން އެނގެން އޮތް ހިނދު، އެޤަވާއިދުގެ 202 ވަނަ މާއްދާގެ (ށ) އާއި ޙިލާފަށް ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން “ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނާންގާ” ހައްޔަރު ކުރަމުންދާ ދިއުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފުރިހަމަ ޒިންމާއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 3ވަނަ މާއްދާގައި ބަޔާންކޮށްފައިވުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި އެމަޖިލީހުގެ ހުރުމަތާއި ޤަދަރު ހިފެހެއްޓުމަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފުރިހަމަ ޒިންމާއެއް ކަމަށްވީހިނދު،

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފުލުހުން ޤާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ހައްޔަރު ކުރަމުންދާ ދިއުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް ނުކުޅެދިފައިވާތަން ބަލަން ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަގޮނޑި ކޮންޓްރޯލް ކުރަމުންދާ މޯލްޑިވިއަން ޑިމޮކުރެޓިކު ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުތިބޭނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤަބޫލުކުރަންޖެހޭނެ ކަމުގައި މިފުރުސަތުގައި ހަނދާންކޮށްދެމެވެ.

ބަޔާން ނެރުނީ: މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރ އިބުރާހިމް މުހައްމަދު ސާލިޙް