ރައީސް ނަޝީދު އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ މަޖުބޫރުން. އެހެން ކަމުން އެ އިސްތިއުފާ އަކީ ގާނޫނާ އެއް ގޮތަށް ހިނގި ކަމެއް ނޫން – ރެސްޓެޑް ޑިމޮކްރަސީ

ރައީސް ނަޝީދު އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ މަޖުބޫރުވެވަޑައިގެން ކަމަށާއި، އެހެން ކަމުން އެ އިސްތިއުފާ އަކީ ގާނޫނާ އެއް ގޮތަށް ހިނގި ކަމެއް ނޫން ކަމަށް ރާއްޖޭގައި 7 ފެބްރުއަރީގައި ހިނގައިދިޔަ ބަޣާވާތާއި ބެހޭ ގޮތުން “ރެސްޓެޑް ޑިމޮކްރަސީ” ގެ ނަމުގައި ޑެންމާރކްގެ 3 ބޭފުޅަކު ނެރުއްވި ރިޕޯޓުގައި ބުނެފިއެވެ.

ޑެންމާރކްގެ އެސޯސިއޭޓް ޕްރޮފެސަރ އެންޑާސް ހެންރިކްސެންއާއި ގާނޫނީ ވަކީލެއް ކަމަށްވާ ކިއެފާ ކްރިސްޓެންސެން އަދި ޖޯނަސް ޕަރެލޯ ޕްލެސްނާ އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށާއި ދެއްވި އިސްތިއުފާއަކީ އަމިއްލަފުޅު އިހުތިޔާރުގައި އަދި ގާނޫނާ އެއްގޮތަށް ހިނގި ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކުން ފާއިތުވި ހަމަސް ދުވަސް ތެރޭގައި އިންސާނިއްޔަތާ ހިލާފު ގިނަ ކަންތައްތަކެއް ހިންގާފައިވާ ކަމަށާއި އެކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭނީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓާއި، ތާރީޚް ލިޔުންތެރިޔާ ހ.ނަވާގަން އަލީ މޫސާ ދީދީ، ބަޣާވާތާއި ބެހޭ ގޮތުން ލިޔުއްވާފައިވާ ފޮތް ނެރެދެއްވުމަށް ރޭ މާލެ ސިޓީ ހޯލުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރިޕޯޓާއި، ފޮތް ވެސް ނެރެދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތް ދަމަހައްޓަން މަސައްކަތްކުރަނީ، އެ ބަޣާވާތް ގެނައި 300 ވަރަކަށް ފުލުހުންނާއި ސިފައިން ކަމަށެވެ. އަދި ބަޣާވާތް ދެމެހެއްޓުމަށްޓަކައި އެ ފަރާތްތަކުން ދިވެހިރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.