ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 75
ތާރީޚް: 21 ޖުލައި 2012 (ހޮނިހިރު)
އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް ހާމިދު އަބްދުލްޣަފޫރާއި ސީދާ ހަރަކާތުގެ އެހެން ބައިވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލުން
ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް އަނބުރައި ހޯދައިދިނުމަށް އެމްޑީޕީން މިހާރު ފަށާފައިވާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގެން ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރައްވަމުން ގެންދެވި މި ޕާޓީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް، އަދި މި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރާއި، ސީދާހަރަކާތުގެ އެހެން ބައިވެރިން ވަގުތުން ދޫކޮށްލުމަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.
މީގެ އިތުރުން މިއަދު ހައްޔަރުކުރުމަށްފަހު ދޫކޮށްފައިވާ މި ޕާޓީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ މުޙަންމަދު ޞޮދުރީ (ދުންމާރި ނާޒިމް) ހައްޔަރުކޮށްފައިވަނީ އިހުތިޖާޖުގެ ތެރެއިން ނޫންކަމާއި، އޭނާގެ ގެ ކައިރިއަށް ކުލަ ހެދުމުގައި ތިބި ފުލުހުން ކަމަށް ބުނާ ބަޔަކު ގޮސް އޭނާ “ޖަހައިގަނެގެން” ކަމާއި، ހައްޔަރުކުރުމަށްފަހު ދޫކޮށްލީ، “އޭނާ ހައްޔަރުކުރީ ބަޔާނެއްގައި ސޮއިކުރުމަށް” ކަމަށް ބުނެކަން މި ޕާޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
އަދި، ހާމިދު އާއި ސީދާ ހަރަކާތުގެ އެހެން ބައިވެރިން ވެސް ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީ އާއި، ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި، ގަވައިދުތަކާއި، ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާއި، ދިވެހިރާއްޖެ އިން ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް ހާލަތާ ނުބައްދަލު، އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން ކަމަށް ވީ ހިނދު،
ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި މި ފަދަ ލާއިންސާނީ އަމަލުތަކަށް ފާރަވެރިވެ، އެ އަމަލުތައް ހުއްޓުވުމަށް ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް