އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމަށް އީވާ އާއި އިންތި ރޭ ޖެނިވާ އަށް ފުރައިވަޑައިގެންފި

އެމް.ޑީ.ޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ސަލާމަތީ ޚިދުމަތްތަކުން ތަކުރާރުކޮށް އަނިޔާކޮށް، ޤާނޫނާ ޚިލާފަށް ހައްޔަރުކޮށް، ގޯނާކުރަމުންގެންދާތީ އިންޓަރ-ޕާރލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ ހިޔުމަން ރައިޓްސް ކޮމެޓީއަށް އެމް.ޑީ.ޕީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތަކާގުޅިގެން ބާއްވާ އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީގެ 2 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އައި.ޕީ.ޔޫ އިން ދިން ޚާއްޞަ ދައުވަތެއްގައި އެމް.ޑީ.ޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އީވާ ޢަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރ އިމްތިޔާޒް ފަހުމީ ރޭ ޖެނީވާ އަށް ފުރާވަޑައިގެންފިއެވެ.

އައި.ޕީ.ޔޫ ގެ ހިޔުމަން ރައިޓްސް ކޮމެޓީގެ މި ބައްދަލުވުން އޮންނާނީ 23 ޖުލައި 2012 ވަނަ ދުވަހު، ޖެނީވާގައި ހުންނަ އައި.ޕީ.ޔޫ ގެ ހެޑްކްއާރޓާރސްގައެވެ. މި ބައްދަލުވަމަކީ 7 އަދި 8 ފެބްރުއަރީ 2012 ގައި ސަލާމަތީ ޚިދުމަތްތަކުން އެމް.ޑީ.ޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަނިޔާކޮށް ޤާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަތައް މިއަހަރުގެ އޭޕްރިލް މަހު ޔޫގެންޑާގައި އޮތް އައި.ޕީ.ޔޫ ގެ ބައްދަލުވުމަށް އީވާ ޢަބްދުﷲ އާއި އިމްތިޔާޒް ފަހުމީ ވަޑައިގެން ހުށަހަޅުއްވާފައިވާއިރު، އެތާރީޚުން ފެށިގެން މިއަދާހަމައަށް ހިނގާފައިވާ ކަންކަމާގުޅިގެން ވާހަކަދައްކައި މަޝްވަރާކުރުމަށް ބާއްވާ 2 ވަނަ ބައްދަލުވުމެވެ.

ޔޫގަންޑާގައި ބޭއްވި އައި.ޕީ.ޔޫ ގެ ބައްދަލުވުމަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން އައި.ޕީ.ޔޫ އިންވަނީ ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަށް ސުވާލުތަކެއް ރައްދުކޮށްފައެވެ. އަދި އެފަހަރުގެ ދަތުރުފުޅުގައި އީވާ ޢަބްދުﷲ ވަނީ އައި.ޕީ.ޔޫ ގެ އަންހެނުންގެ ކޮމެޓީގައި އޭޝިޔާ-ޕެސިފިކް ގްރޫޕް ތަމްސީލުކުރައްވާނެ މެމްބަރުގެ ގޮތުގައި އިއްތިފާޤުން ހޮވިވަޑައިގެންފައެވެ.