ޢިބުރަތް ލިބިގަންނާށެވެ!

ފުނަމާ

މިގައުމު އިއްޔެ އޮތީ ކިހާހިސާބެއްގައި ހެއްޔެވެ؟ މިއަދު މިވަމުންދަނީ ކިހިނެއް ހެއްޔެވެ؟ އަނިޔާވެރިކަމުގެ ކަސްތޮޅުތައް ދިވެހީން ނުކުމެ ނައްތާލީ ހާދަ ކެއްތެރި ކަމާއެކުގައެވެ. ނަމަވެސް އަނިޔާވެރީން އަލުން އާބާރެއް ލައިގެން ނުކުމެ މިގައުމު އަނބުރާ އަނިޔާވެރި ހިލިހިލާ ތަކުގެ ތެރެއަށް ގެންގޮސް މިއޮށް ނިންމީއެވެ. މިއަދު އަނެއްކާ އަލުން، ބަލުން މިޖެހެނީ ރައްޔިތުން ނުކުމެ މިކަމުން ސަލާމަތްވާނެ މަގެއް ހޯދޭތާ އުޅޭށެވެ. މިއަކީ ކުޑަކަމެއް ނޫނެވެ. ގައުމު މިގޮތުގައި ފަނާވެ ދިޔަޔަސް ގޮތްދޫކުރާކަށް ބާޣީ ސަރުކާރަކުން ބޭނުމެއް ނޫނެވެ. އެމީހުންނަށް ދޫދީގެން ތިބޭކަށް ރައްޔިތުން ބޭނުމެއް ނޫނެވެ. ބާޣީ ސަރުކާރާ ގުޅޭނީ ބާޣީންނެވެ. އެނޫން އެންމެން މިތިބީ ނުކުމެ މިގައުމަށް ޓަކައި ޖިހާދުކުރާން ޖެހުނަސް ފިސާރި ކެރިގެންނެވެ.

އަމަލުން ގިނަބަޔަކު ސާބިތު ކަމާއެކު ބާޣީ ސަރުކާރާ އިދިކޮޅަށް ނުކުމެ މެދުނުކެނޑި އެތަކެއް ރެޔާއި، އެތަކެއްދުވާ ފާޅުގައި މަސައްކަތް ކުރަމުން ގެންދާއިރު ދުލާއި ގަލަމުން ނޫންނަމަ ހިތާ، ހިތުން މިހަރަކާތާ ބައިވެރިވާ މީހުންގެ އަދަދު އަދި މާގިނައެވެ. ކުރިކީލަ ގަނޑެއް، ތެޅިފައިވާ ކަންނާޑިއެއް ވަކިނުވާ މީހަކު އިރުއިރު ކޮޅުން އަރައި ދެތިން ސަތޭކަ މީހުންނޭ ގޮވާއިރު އެކަލޭގެ ދެލޯ ސަލާމަތުން އެބަހުރި ބާވަޔޭ މަހިތަށް އަރައެވެ. ވާނީވެސް އެހެންނެވެ. ވެރިކަން ފޭރިގަނެގެން މިއަދު އެތިބީ ދެންޖާނުވެސް ސަލާމަތް ނުކުރެވޭ ހިސާބަށް ވެއްޓި ނުތެދުވެވިފައެވެ. އެތެރެޔާއި ބޭރުން އެއަޅަނީ ހޫނުފެނެވެ. ފިހިމާލައިގެން އެންމެފަހުން ނުކުމެ އަލިފާނޯތް ގޮވަމުން ދުވާއިރު އަހަރެމެންވެސް ދުނިޔޭގައި ލަހައްޓަވައި ތިބިއްޔާ ފެންނާނެއެވެ.

އިއްޔެ ކޮންމެވެސް އަދީބަކާ، އަހުމަދެއް އެކުގައި އުޅުނު އެންމެން ގޮވައިގެން ނުކުމެ މަގުމަތީން ޑްރަގްސް ދީގެން ނޫންކަމެއްވެސް ނޭނގެއެވެ. ގޮވާނެގީ އެމްޑީޕީގެ ސަރުކާރުގައި ޓުއަރިޒަމް ބޮއިކަޓް ކުރުމަށާއި، ޓެކްސް ނުދެއްކުމަށެވެ. މިއަދު އެފަކީރުން މަޑުގޮނޑީގައި ތިބޭއިރު ކަށިހެރޭތީ އެތިބަ ތެޅިފޮޅެނީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ހަމަ އެހެން ބުނާތީ ކަންބޮޑުވެގެންނެވެ. އެމްޑީޕީގެ ސަރުކާރުގައި ޓުއަރިޒަމްއާއި، ޓެކުހުން ލިބުނު ފައިދާއިން ރައްޔިތުންނަށް ހައްދެއްނެތި ބައިއެޅިއެވެ. ރައްޔިތުންނަށް އުފާފާގަތިކަން ގެނެސް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރިއެވެ. ނަމަވެސް މިއަދު ބާޣީ ސަރުކާރުން އެބުނާ ފައިދާގަނޑު އެއްކަނުގައި ހިފައި ދަމައި ލޫޓުވާއިރު ރައްޔިތުންނަށް އޮތީ ކޮންމޮޅެއް ހެއްޔެވެ؟ އެމީހުންގާތު ނިކަން އަހާބަލާށެވެ.

މިގައުމު މިއަދު މިއޮށްގެން ފަނާވަނީއެވެ. ރައްޔިތުން ތަޅާރޯނާ ގަންނުވަނީއެވެ. ރައްޔިތުންގެ އަތަކާއި އަނގަޔަކާ ދިމަލެއް ނުވެއެވެ. ތަރައްގީގެ ހުރިހައި އުސްލޫބެއް ބިމާހަމަކޮށް އަވަދިކޮށްފިއެވެ. ބާޒާރުގެ އަގުތައް އިންތިހާއަށް ބޮޑުވެ ރައްޔިތުން ދެލޯބޮޑުވެފައި ތިއްބައި މިހަނދުބެލީ ރޯދަމަހަށެވެ. ޅަދަރީން އެތިބީ ބިކަވެފައެވެ. އިންޝާﷲ މިމުސީބާތުންވެސް އަޅުގަނޑުމެން ސަލާމަތް ކުރައްވާނެއެވެ. އެދުވަހަކުން އެތިބަ ބާޣީން ތިބޭނީ އިސްޖެހި ކަކޫމައްޗަށް ތިރިވެ އިނދަ ޖެހިފައެވެ. ﷲއީ އެންމެހައި ކަންކަން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ދުނިޔޭގެ ކޮންމެ ކަމެއް ނިންމަވަނީ އެއިލާހު ކަނޑައަޅުއްވާ ހަމަތަކެއްގެ މަތީންނެވެ. އިއްޔެ ރައްޔިތުންނަށް އަނިޔާވެރިވި މީހުންގެ ކިބައިން މިގައުމު ސަލާމަތްކޮށްމެ، އެއަނިޔާ ވެރީންނަކީވެސް މިގައުމުގެ އެއްބައި ކަމުގައި ދެކިގެން އެމީހުން ފަހާނުދުވުމުން އަލުން ކަށިން ހިއްވަރުލައިގެން ނުކުމެ އަމިއްލަޔަށް ބާޣީންނަށްވެ އެތިބީ އަވަދި ވެގެންނެވެ. މިއީ އަނިޔާވެރީންނަށް ހައްގު ޖަޒާ ދެއްވުމަށް ދެއްވި ފުރުސަތެއް ކަމުގައި މެނުވީ ނުދެކެމެވެ. އާޚިރުގައި މާދަމާ އެމީހުން ބަލިވެ ގޮތްހުސްވެގެން ދެން އެނބުރި ދާން ހަމަގައިމުވެސް ޖަލުތަކުގެ ތޭރިތަކުގެ ބިއްދޮށް މެނުވީ ނޯންނާނެކަން މިއަދު މިހިރަ ޔަގީންވަނީއެވެ.

ވެރިކަމުން ރައީސް ނަޝީދު ދުރުކޮށް އެމަނިކުފާނުން ދޫނިދޫއަށް ގެންގޮސް އަމީންދީދީގެ ދުވަސް ދުއްވާލިހެން ދުއްވާލުމަށް ރޭވިރޭވުން ބޭކާރުވެދިޔަ ފަދައިން ބާޣީ ފުލުހުންނާޢި ސިފައިން ނެރެގެން އެމަނިކުފާނުން މަގުމަގުމަތީގައި ފަހާބަލިކޮށް ކަޓަރުއަޅާ މީހުންނާއި ހަވާލުކުރާން އުޅުނު އުޅުންވެސް ދިޔައީ ފަނުފުލުންނެވެ. އެންމެފަހުން މިއަދު ގޮތްހުސްވެ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އެއުޅެނީ ޝަރީއަތުން ހުކުމެއްކޮށް އެމަނިކުފާނުންގެ ދުވަސް ދުއްވާލެވޭތޯއެވެ. އެކަމަކު އެކަން ކުރެވުމަކީ ހަމަ ނާދިރު ކަމެކެވެ. އިންޝާﷲ އެމްޑީޕީގެ އާރާއި ބާރާއި ކެރިތިބުން ގައިމުވެސް ބާޣީން ފަނާކޮށްލާނެއެވެ.

ވިސްނާލާށެވެ. ދާދިފަހުން މިގައުމުން އިވެންފެށީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނާ ހަމަޔަށް މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ގެނުވި ޚަބަރު ތަކެކެވެ. ބޮޑެތި މާވަހަރުތަކާއި ހުދަންބަރުތައް ހޮވާއަޑެވެ. ތިމަންނާއަށްވެސް އިރާދަކުރެއްވިއްޔާ ލިބޭނެޔޭ އެއްބަޔަކު ބުނަމުން ވާހިޔާ ގަނޑުތެރޭ މައްޔާ ގުޑާފައިހުރި ދިޔަވާ އޮޑިގަނޑު ބާލައިގެން ކަނޑުފަޅު ފީނަމުން ގެންދިޔައިރު އަނެއްބަޔަކު އުޅެނީ މާވަހަރުން އީދު އައިސް ގެންނެވެ. ހިތްތަށް ޝުކުރުން ފުރިގެން ރައްޔިތުން ހާއުފަލުން ފުރެމުން ދިޔައެވެ. ނަމަވެސް ބާޣީންނަކަށް އަމަށަކުން ނުތިބެވުނެވެ. އެއީވެސް ތިމަންނާމެންގެ ފުށުން ލިބެމުންދާ މޮޅުކަމެއް ކަމުގައި ބުނެ ފާޅުގައި އޭގެތެރެއަށްވެސް ފުންމާލީއެވެ. “އިއްޔެ އެމީހުންގެ އުސްތާޛު ވެރިކަމުން ފައިބައިގެން ދަމުން ދިޔައީ ” އުޑުގައިހުރި ފެނާއި، ކަނޑުގައިހުރި މަސްކޮޅުވެސް ދަމާ ކޫއްތައި ހިފައިގެން” ކަމުގައި ބުނި ދޫތަކުން މިއަދު މިއިވުނު އުފާވެރި އަޑުތަކަކީ އެމީހުންގެ މޮޅުކަމުން މިގައުމަށް ލިބިދިން ނިއުމަތްތަކެއް ކަމުގައި އެދިޔައީ ބުނެ އަންގައި ދެމުންނެވެ. އެންމެ ފަހުން ދެކިބަލާށެވެ. ކަންވެ ނިމިދިޔަ ހިތްދަތިގޮތް އަމިއްލައަށް ނިކަން ވަޒަން ކޮށްލަ ބަލާށެވެ. އިއްޔެ ލިބުނު ނިއުމަތް ތަކައިގެން ހާއުފަލުން ދުވެއުޅުނު ރައްޔިތުން މިއަދު އެތިބީ ދެލޮލުން ކަރުނަ ނުހިކިފައެވެ. ބާޣީން އެކަމަކު އެތިބީ މާވަހަރު ސަރުކާރަކަސް ޖަނަވާރު ސަރުބީ ސަރުކާރަކަސް ދައުލަތުގައި ހުރިއްޔާ ހުރިހައި އެއްޗެއް ބަށްކޮށްގެންނެވެ. މިއަދު އަޅެބުނެބަލާށެވެ. އެމީހުންގެ މޮޅުކަމުން ދެއްވި ކަރާމާތެއް ކަމުގައި ބުނިހައި ބޮނޑިވަރުތައް ކޮބައި ހެއްޔެވެ؟

އިއްޔެ އެމްޑީޕީގެ ސަރުކާރުން ގުދާރު މުގުރައިގެން މިގައުމުގެ ރައްޔިތުންގެ ހިތްތަކަށް ގެނެސްދެމުން ގެންދިޔަ ހާއުފާވެރިކަމުގެ ސަބަބުން ﷲއިރާދަކުރެއްވީތީ ރައްޔިތުން ދެކެމުންއައި ހުވަފެންތައް ހަގީގަތަކަށް ވަނިކޮށް ފުނޑު، ފުނޑު ކޮށްލައި ބިލާހަކަށް ހަދާލި ފަދައިން މިބާޣީންގެ ސުންޕާ ދޫތަކުގެ ސަބަބުން އެތަކެއް ރައްޔިތުންނަށް ލިބިގެން އެދިޔަ ހާއުފާވެރިކަން ލޮލުން ފައިބާ ހިތިކަރުނަޔަށް ބަދަލުވެ ދިޔައީއެވެ. ﷲގެ ކުޅަދުން ވަންތަކަމެވެ. އެކަމަކު ހިތައް އެއްޗެއް އަރާނީ ޢާފިލު ކަމުގެ ތޮށިގަނޑު ފެޅޭވަރަށް ވެއްޓި ޖެހިގެންތާއެވެ. އެއްކަލަ އިލްމުވެރީންގެ ޖުއްބާ ލައިގެން ނުކުމެ މިގައުމު މަގުފުރައްދަން ދުވުނު ޖާހިލުންތައް މިއަދު ނުކުމެ ދެންގޮވާނީ ކީކޭ ބާވައެވެ.

ވިސްނާށެވެ. ބާޣީންނަށް ސަނާކިޔާހާ ހިނދަކު މިގައުމަށް އަދިކިއެއްތަ އެހެން ބަޔަކަށްވެސް އާރުލާ ކުރިއެރުމެއް ނޯންނާނެކަން މިހިރަ މިހިރަގެން ހާމަވަނީއެވެ. ﷲގެ ދެއްވުމާއި، ރުއްސެވުން ވަނީ ކެތްތެރީންނާއި އެކުގައެވެ. އާޚިރުގައި ހާއުފާވެރިކަން އާންމުވެ އަންނާނީ އަނިޔާވެރީން ނެތިދިއުމަށް ނުކުމެ ﷲގެ މަގުގައި ފުރިހަމަޔަށް ފައިތިލަ ސާބިތުކޮށްގެން ކުރެވޭ ޖިހާދުގެ ސަބަބުންނެވެ. އިއްޔެ އުފާވެރި ކަމުގައި ހަދާލުމަށް ފޭރިގަތް ދައުލަތުގެ ބާރުތައް މިއަދު މިބާޣީންނަށް ދެލޮލުގެ ނިދިން މަހުރޫމު ކުރުވި ވަބާއަކަށް ވެފައި ވީފަދައިން އެމީހުންގެ މިއަނިޔާވެރި ކަމުގެ ތެރޭގައި މިގައުމުގެ ރައްޔިތުންނަށް މިލިބުނު ކަމުގައި ބެލެވުނު ނިޢުމަތްތައްވެސް ހުވަފެނަކަށްވެ ދިޔައީއެވެ. އިބުރަތް ލިބިގަންނާށެވެ. ކިތަންމެ ބާރަށް މިބިމުގައި ފައިން ޖެހިއަކަސް އަދި ފަރުބަދައެއް ނުގުޑާނެއެވެ. އެކަމަކު ބިންގަނޑުގެ މަތީ ފަށަލައިގެ އަޑިން އަނދަވަޅަކަށް ވެއްޓި ފަނާވެދާނެއެވެ.
ކީރިތި ﷲ އަޅަމެން، މިގައުމަށް ވެރިވެ އެތިބަ ބާޣީންގެ ކިބައިން މުއްތިކުރަށްވާށިއެވެ. އާމީން !