ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 74
ތާރީޚް: 20 ޖުލައި 2012 (ހުކުރު)
އެމްޑީޕީގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ގޮވާލުން
އެމްޑީޕީން މި ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެ ސުލްހަވެރިކަމާއެކު އިއްޔެ ހަވީރާއި، މިރޭ އިހުތިޖާޖު ކުރަމުންދިޔަ މީހުންގެ ތެރެއިން މިހާތަނަށް 32 މީހަކު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާތީ އެކަން މި ޕާޓީން ހަރުކަށި އިބާރަތުން ކުށްވެރިކުރަމެވެ.
މިއަދު ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ރޭ ވެސް ފުލުހުން ގަދަ ބާރުން އަނިޔާވެރިކަމާ އެކު ފަހަތަށް ކްލިފް ބިޑި އަޅުވައި ހައްޔަރުކޮށް ފަހުން ދޫކޮށްލާފައިވާ ރައީސް ނަޝީދުގެ ކެބިނެޓްގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް އާއި، އެމްޑީޕީގެ “ފްލެގްމޭން” ގެ ނަމުން މަޝްހޫރުވެ އެމްޑީޕީގެ މެންބަރުންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ސަމަދު ހިމެނެއެވެ. އަދި ކުޑަކުއްޖަކާއި އެކު ހިނގާފައި ދަނިކޮށް އެ ކުޑަކުއްޖާގެ ކުރިމަތީގައި މީހަކު ހައްޔަރުކޮށް، ފިރިހެން ފުލުހުން އިހުތިޖާޖުގެ އަންހެން ބައިވެރިއަކު ގަދަކަމުން އަނިޔާވެރިކަމާ އެކު ހައްޔަރުކޮށްފައިވާކަން ވެސް މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. އަދި އާދިލް ސަލީމަށް ފުލުހުން ހައްޔަރުކުރުމުގެ ތެރޭގައްޔާއި ހައްޔަރުކުރުމަށްފަހު ދީފައިވާ އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވި އެތަނުން ފަރުވާ ދެވެން ނެތިގެން މާލޭގެ ހޮސްޕިޓަލަކަށް ގެންދިއުމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. ވީމާ އާދިލް ސަލީމާ މެދު ފުލުހުން ހިންގާފައިވާ ޣައިރު ގާނޫނީ އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މީގެ އިތުރުން 7 ފެބްރުއަރީގައި ޖުމްހޫރީ މައިދާނުގައި ބަޣާވާތްކުރި ފުލުހުންނާއި އާންމުން ސިފައިންނަށް ކޮންޓްރޯލް ނުކުރެވުނީ އެއްވުންތައް ކޮންޓްރޯލް ކުރުމުގެ ތަމްރީން ސިފައިންނަށް ލިބިފައި ނެތުން ބަހަނާއަކަށް ދައްކައިގެން ކަމަށް ވީ ނަމަވެސް މިއަދު ޖުމްހޫރީ މައިދާނަށް އެއްވި އެމްޑީޕީގެ ސަޕޯޓަރުން ކޮންޓްރޯލްކުރުމުގައި ސިފައިން ހަރަކާތްތެރިވެފައިވާކަން މި ޕާޓީން ފާހަގަކުރަމެވެ. އަދި ގްރީންޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކަށް ދިވެހި ރައްޔިތުންނަށް ވަނުމުގެ ފުރުސަތު ނުދީ ބިދޭސީންނަށް އެ ފުރުސަތު ދެމުން ގެންދާ ކަން ވެސް އަޅުގަނޑުމެން ފާހަގަކުރަމެވެ. މީގެ އިތުރުން ސުލްހަވެރިކަމާ އެކު އިހުތިޖާޖުކުރަމުންދާ ފަރާތްތައް މަޑުމަޑުން ތިއްބައި ފުލުހުން ވަދެ އެ އިހުތިޖާޖީން ޖަހައިގަނެގެން ގެންދިއުން އާންމުވެފައިވާތީ މިކަން ވެސް މި ޕާޓީން ކުށްވެރިކުރަމެވެ.
އެއްވެއުޅުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤަކީ ޑިމޮކްރަސީގެ އަސާސްތައް ކަމަށްވީ ހިނދު، އަދި މި ދެންނެވި ހައްގުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ކޮންމެ ދިވެހިރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވީ ހިނދު، ބަޣާވާތަކުން ވެރިކަން ފޭރިގެންފައިވާ ފަރާތްތަކުން މި ހައްގުތަކުން ދިވެހިރައްޔިތުން މަހުރޫމްކޮށް، އިންސާނީ ކަރާމަތާއި ޝަރަފަށް ބެލުމެއް ނެތި، ޑިމޮކްރަސީ ހީނަރުވާ ފަދަ އަމަލުތައް ތަކުރާރުކުރަމުންދާތީ އެކަން މި ޕާޓީން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. އަދި އެމްޑީޕީގެ ސުލްހަވެރި އެއްވުންތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރަމުން ދަނީ ގާނޫނު އަސާސީ އާއި، ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި، ގަވައިދުތަކާއި، ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާއި، ދިވެހިރާއްޖެ އިން ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް ހާލަތާ ނުބައްދަލު، އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން ކަމަށް ވީ ހިނދު،
ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި މި ފަދަ ލާއިންސާނީ އަމަލުތަކަށް ފާރަވެރިވެ، އެ އަމަލުތައް ހުއްޓުވުމަށް ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް