ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 73
ތާރީޚް: 20 ޖުލައި 2012 (ހުކުރު)
އެމްޑީޕީގެ އިސްސަފުގައި ގުނާލެވޭ ފަރާތްތަކަށް އަމާޒުކޮށް އަނިޔާވެރި އަމަލު ހިންގައި އެފަރާތްތައް ހައްޔަރުކުރަމުން ގެންދާތީ އެކަން ކުށްވެރިކުރުން
އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގެން ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން ވަކި ބަޔަކަށް އަމާޒުކޮށް ފުލުހުން ގާނޫނާއި ގަވާއިދާއި ޚިލާފު އަނިޔާވެރި އަމަލު ހިންގައި، ގާނޫނީ އިމުގެ ބޭރުން މި ޕާޓީގެ އިސްފަރާތްތައް ހައްޔަރުކުރަމުންދާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އެގޮތުން މިރޭ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) އާއި، ރައީސް މުޙަންމަދު ނަޝީދުގެ ކެބިނެޓްގެ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމް ވަރަށް އަނިޔާވެރިކަމާ އެކު ގަދަކަމުން ކްލިފްބިޑި އަޅުވައި ހައްޔަރުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވައިދުތަކުގެ ތަރަހައިގެ ބޭރުން ފުލުހުން ހިންގާފައި މިވާ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ފުލުހުންގެ މި އަމަލަކީ ޑިމޮކްރަސީ އާއި ދުޝްމަނު ބަޣާވާތުގެ ސަރުކާރަކުން ފުލުހުން ނާޖާއިޒް ގޮތުގައި ބޭނުންކޮށްގެން، އެމްޑީޕީން ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރަމުންގެންދާ މަސައްކަތަށް ވާގިވެރިވާ ފަރާތްތައް ހުއްޓުވުމަށް ރާވާއިގެން ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް މިޕާޓީން ދެކެމެވެ.
ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުނަށް ކަށަވަރުކޮށްދީ، ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ގޮވާލާ ގޮވާލުން އަނެއްކާ ވެސް ތަކުރާރުކުރަމެވެ.
އެހެން ކަމުން ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި މި ފަދަ ލާއިންސާނީ އަމަލުތަކަށް ފާރަވެރިވެ، އެ އަމަލުތައް ހުއްޓުވުމަށް ހިއުމަންރައިޓްސް ކޮމިޝަނަށާއި، ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް މި ޕާޓީން ހަރުއަޑުން ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް