ނޫސްބަޔާން: އެމްޑީޕީ ފޭދޫ ދާއިރާގެ ކައުންސެލަރ އަދި ހައްޔަރު ކުރެވިފައިވާ އެހެނިހެން ފަރާތްތައް ވަގުތުން ދޫކޮށްލުމަށް އަދި ފޭދޫ އެމްޑީ އޮފީހަށް ފުލުހުން ދިން ފޫނުބެދޭ ވަރުގެ ގެއްލުންތަކާ ދެކޮޅަށް

14 ޖުލައި ވީ ހުކުރު ދުވަހުގެރޭ އަްޑޫ ސިޓީ ފޭދޫ ދާއިރާގެ ޢާއްމު މެމްބަރުން އަދި ފޭދޫ ކައުންސެލަރ އަޙްމަދު މިރުޒާދު ރާއްޖެ ޓީވީ ބަލަން އެމްޑީޕީ ފޭދޫ އޮފީސް ސަރަޙައްދުގައި ޤާނޫން އަސާސީގެ 32 ވަނަ މާއްދާ އިން ލިބިދޭ ޙައްޤުގެ ބޭނުންކޮށްގެން ސުލްޙަވެރިކަމާ އެކު ތިއްބާ ރައްޔިތުން ވޯޓަކުން އިންތިޚާބުކޮށްފައިވާ ފޭދޫ ކައުންސެލަރާއި އޭނަގެ ބައްޕަ އަދި ބޮޑުބޭބެ މީގެ އިތުރުން އިތުރު އެމްޑީޕީގެ އެހެނިހެން މެމްބަރުން އިންސާނީ ކަރާމަތަށް އަރައިގަނެ އެތާ ތިބި އެތައް ބަޔަކަށް އަނިޔާދީ ފަހަތަށް ބިޑި އަޅައިގެން ލޮލަށް ޕެޕަރ ސްޕްރޭ ޖަހާ ހައްޔަރުކޮށްގެން ގޮސް ޕޮލިހުންގެ ވެހިކަލަށް އެއްލާލި މައްސަލަ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.އަދި ހަމަ އެހެންމެ އަންހަނަކު ނަގާ ބިންމައްޗަށް އެއްލާލާ ބައެއް އަންހެނުންގެ ގައިގައި މުގުރުން ތަޅާ،މޫނަށް ސްޕްރޭ ކޮށް އަންހެނުންގެ ޙައްޤުތަށް ނިގުޅާއިގަނެގެން އަންހެނުންނަށް ކުރި އަނިޔާވެސް އެމްޑީޕީ އައްޑޫ ސިޓީގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އަންހެނުންނަށް އަނިޔާ ނުކުރުމަށް ވެސް ގޮވާލަމެވެ.ޤާނޫން އަސާސީގެ 23 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖިނާއީ ކުށެއްކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖެގެ ކޮންމެ ކޯޓެއްގައި ދަޢުވާ ކުރުމުގެ ބާރުލިބިދީ ފައިވީ ހިނދު ދައުލަތުގެ 3 ބާރުގެ ތެރޭން ވެރިކަން ހިންގުމުގެ ބާރުން ފުލުހުންގެ މުއައްސަސާ ބޭނުންކޮށް ވަކު ފަރުދުންނަށް ޖަމާޢަތުގެ ޙައްޤު ތަކަށް އަރައިގަނެ ޤާނޫން އަސާސީ އާއި ޚިލާފަށް މައްސަލަތައް ބަލާ ދަޢުވާ ކުރުމަށް ޕްރެސެކިއުޓާރ ޖެނެރަލް އަށްވެސް ގޮވާލަމެވެ. އަދި ޤާނޫން އަސާސީގެ 189 ވަނަ މާއްދާ ގެ ށ ގައި ބުނެފައިވަ ގޮތަށް،ހިއުމަން ރައިޓްސް ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ ،މުސްތަޤިއްލު މުއައްސަސާ އެއްކަމަށް އަދި އެކޮމިޝަނުން އިންސާނީ ޙައްޤުތައް ކުރި އެރުވުމުގައި މަސައްކަތް ކުރަންވާނީ،އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި ތަޢައްސުބުން އެއްކިބާވެ ކަމަށް ވީހިނދު މިކޮމިޝަނުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަން ފާހަނގަކޮށް މި ކޮމިޝަން ޒިއްމާދާރުކުރުވުމަށް ވެސް ގޮވާލަމެވެ.

އަދި ހަމަ އެހެންމެ ޕޮލިސް އިންޓަރ ގްރިޓީ ކޮމިޝަންގެ ބަހެއް ރައްޔިތުންނަށް ފުލުހުން ބޮޑެތި ލާއިންސާލީ އަނިޔާތައް ކުރަމުން ދާއިރު ނުލިބޭތީ މި ކޮމިޝަންގެ މަސްއޫލިްޔަތުވެސް އަދާ ނުކުރެވޭ ކަމަށް އެމްޑީޕީ އައްޑޫ ިސިޓީގެ ފަރާތުން ފާހަނގަކޮށް މިފަދަ މިނިވަން މުއަައްސަސާތަށް ޒިއްމާދާރުކުރުވުމަށް އެންމެހައި ފަރާތްތަކުން މަސައްކަތް ކުރުމަށް ގޮވާލަމެވެ.

ފުލުހުންް އެމްޑީޕީ ފޭދޫ ހަރުގެއަށް އެއްވެސް ބެލުމެއްނެތި އެވެސް ކަހަލަ ޤާނޫނީ ހައިސިއްޔަތެއް ނެތި ވަދެ ތަނަށާ ތަނުގެ ހުރި އަގުބޮޑު މުދާތަކަށް ގެއްލުން ދީފައިވާތީ، މި ޢަމަލުތައްވެސް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ފުލުހުންނަށް އަދި ފުލުހުންގެ މުއައްސަސާ އަށް މިފަދަ ނާ ތަހުޒީބު ޢަމަލު ތައް ނުކުރުމަށް ވެސް ގޮވާލަމެވެ.މިގޮތަށް އައްޑޫ ސިޓީ އެމްޑީޕީގެ ހަރުގެ ތައް ފުލުހުން ހަލާކުކޮށް މީގެ ކުރީ 2 ފަހަރެއްގަ ވެސް ވަނީ މިފަދަި ބޮޑެތި ޖަރީމާތައް ހިންގާފައެވެ.މިއިން ކޮންމެ ފަހަރެއްގައިވެސް ހަރުގެ ތަކުގައި ހުންނަ ބޮޑެތި އަގުބޮޑު މުދާތައް ހަލާކުވެގެން ( ޕޮލިހުން ސީދާ މުދަލަށް އަމާޒު ކޮށް ހަލާކު ކުރައެވެ.) އެހެން ނަމަވެސް ރާއްޖޭގެ ޕާރޓީ ތަކުގެ ބަލަދުވެރި ފަރާތް ކަމުގައި އިލެކްޝަންސް ކޮމިޝަން ވީ ހިނދު އެފަރާތުން ވަނީ މިކަމާ ގުޅިގެން އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅާ އަދި ބަހެއްވެސް ވިދާޅު ނުވެފައެވެ. ވީމާ،އެމްޑީޕީ އައްޑޫ ސިޓީގެ ފަރާތުން މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އިލެކްޝަންސް ކޮމިޝަނަށްް އެމީހުން ފުރިހަމަ މަސްއޫލިއްޔަތު އަަދާ ކުރުމަށް ގޮވާލަމެވެ.

{އަދި އައްޑޫ ސިޓީ ފޭދޫ ދާއިރާއިން ހައްޔަރު ކޮށްގެން ގެންދިޔަ އެމްޑީޕީގެ ކުށެއްނެއް މީހުނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ހޯދުމަށް އެދުމުން އެކަމަށް ފުލުހުން ވަނީ ސީދާ ހުރަސް އަޅާ ފައެވެ. މިއިންވެސް ހާމަކޮށްދެނީ ފުލުހުން އެމީހުނަށް އިންސާނީ ޙައްޤުތަކާ ދެކޮޅަށް ކުރާ އަނިޔާ އެވެ.}އެހެންކަމުން މިކަން ކުށްވެރިކޮށް ހައްޔަރު ގައި ތިބި މީހުން ޑޮކްޓަރަށް ދެއްކޭނ މަގު ތަނަވަސްކޮށް ދިނުމަށް ވެސް ފުލުހުންނަށް ގޮވާލަމެވެ.

އަދި ޤާނޫން އަސާސީގެ 48 ވަނަ މާއްދާގެ ށ ގައި އެމީހަކު ހައްޔަރު ކުރި ވަގުތުން ފެށިގެން އެއިން ކޮންމެ މީހަކަށް ޤާނޫނީ ވަކީލެއް ގެ ބޭނުން ހިފަންޖެހޭ ނެކަމުގައި ވީ ހިނދު މި ފުރުޞަތުވެސް ވަނީ އެހިނދުގައި ކޯރޓަށް ގެންދިޔަ އިރު ޤާނޫނީ ވަކީލުން ހޯދުމުގެ ފުރުޞަތު ވެސް ނުދީފަ ކަންވެސްް ފާހަނގަކޮށް މިކަންވެސް ކުށްވެރިކުރަމެވެ.ވީމާ، މިއިން ދައްކައި ދެނީ ރާއްޖެގައި މިހާރު އޮއް ސަރުކާރުގެ ނާޤާބިލުކަމާ ސަރުކާރު ފެއިލް ވެފައިވާ ކަމެވެ.އެހެންކަމުން ވަގުތުން ވަގުތަށް ޕޮލިހުން އަނިޔާވެރިކޮށް ހައްޔަރުކޮށްގެން ދިޔަ ފޭދޫ ކައުންސެލަރ މިރުޒާދައި އެހެނިހެން ބައިވެރިން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ހަރުކަށި ޢިބާރާތުން އެމްޑީޕީ އައްޑޫ ސިޓީގެ ފަރާތުން ގޮވާލަމެވެ. އަދި ހަމައެހެންމެ އަންހެނުންގެ ޢިއްޒަތާއި ކަރާމަތަށް ގެއްލުންވާފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލަމެވެ. އަދި މިފަދަ ލާއިންސާނީ ނާތަހުޒީބު ޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލާ ރައްޔިތުން މިކުރަމުންދާ އިހުތިޖާޖް އަނިޔާ ވެރިކަމާއެކު ހުއްޓާލުމަށް މަގުފަހި ނުވާނެ މަގެއް ހުޅުވައި ދިނުމަށާއި އަވަސް އިންތިޚާބެއްގެ ތާރީޚްވެސްް ކަނޑަ އެޅުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް
އަޙްމަދު އަދުހަމް