ފުވައްމުލަކުގައި ވެސް ސީދާ ހަރަކާތް ފެށިއްޖެ

އެމްޑީޕީން މި ޖުލައި މަހުގެ 8 ވަނަ ދުވަހު ފެށި ސީދާ ކުއްލި ހަރަކާތަށް އެއްބާރުލުން ދިނުމުގެ ގޮތުން ފުވައްމުލަކުގައި ވެސް ރޭ ސީދާ ހަރަކާތް ފަށައިފިއެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ހަރަކާތް ފަށާފައިވަނީ މިސްކިތްމަގު އެމްޑީޕީ ޖަގަހަ ކައިރީންނެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ފުލުހުންގެ މަރުކަޒު ކައިރިއަށް ނިކުމެ އެމްޑީޕީގެ ސަޕޯޓަރުން ވަނީ ބާޣީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.

އެމްޑީޕީގެ ސީދާ ހަރަކާތުގެ ބައިވެރިން ފުލުހުންގެ މަރުކަޒު ހުރި ހިސާބުގައި އަޑު އުފުލަމުންދިޔައިރު ވ ފުލުހުން ވަނީ އެމީހުންގެ މަރުކަޒާއި، އެމަރުކަޒުގެ ކައިރީގައިވާ ހުރިހާ މަގުތަކެއްގައި ބެރިކޭޑު ޖަހައި މަގު ބަންދުކޮށްފައި ކަމަށް އެމްޑީޕީ ފުވައްމުލަކު އޮފީހުން ބުނެއެވެ. އަދި ބެރިކޭޑުތައް ޖަހާފައި ފުލުހުން ގޮސް ތިބީ މަރުކަޒުގެ އެތެރޭގައި ކަމަށާއި، މުޒާހިރާގެ ބައިވެރިން ފުލުހުންނާއި ދިމާލަށް “ފިނި ކޮޓަރީގައި ނުތިބެ ޝުއޫރުތައް އަޑުއަހަން ނިކުންނާށޭ!” ގޮވަމުން ދިޔައެވެ.

މާލޭގައި ކުރިޔަށްދާ އިހުތިޖާޖުތަކެކެ އެއްފަދައިން ފުވައްމުލަކުގައި ވެސް އަޑުއުފުލާފައި ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށާއި ފުލުހުން އާއްމުންނަށް އަނިޔާ ކުރުމާއި ދެކޮޅަށެވެ. އަދި މިހާރުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށާއި ސަރުކާރުގެ އިސް ވެރިން އިސްތިއުފާ ދިނުމަށް ގޮވާލިއެވެ.