އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ އުސްފަސްގަނޑުގައި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެއެވެ.

މިރޭ 8.30 ގައި އުސްފަސްގަނޑުގައި ފަށާ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކީ ރައީސް ނަޝީދާ މެދު ދައުވާކުރުމަށް ހުށަހަޅާފައިވާތީ އެކަމާމެދު އެމްޑީޕީންކަންތައް ކުރާނޭ އުސޫލެއް ކަނޑައެޅުމަށް ބާއްވާ ކުއްލި ބައްދަލުވުމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ނިންމަވާފައިވާތީ، އެކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށް 2 ކޮމިޓީއެއް ނަގާފައެވެ. އެއީ ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވާތީ އެކަން ބެލުމަށް ނެގި ފަސް މެންބަރުންގެ ކޮމިޓީއަކާއި، ގާނޫނީ ގޮތުން ހުރި ކަންތައްތައް ބެލުމަށް ނަގާފައިވާ އިތުރު ތިން މެމްބަރުންގެ ކޮމިޓީއެކެވެ.

އެމްޑީޕީގެ 5 މެންބަރުންގެ ކޮމިޓީގައި ހިމެނެނީ ރައީސް ނަޝީދުގެ ކެބިނެޓްގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް އާއި، އެމްޑީޕީ މާވަށު ދާއިރާގެ ރައީސް ފާރޫގު އުމަރު އާއި، އެމްޑީޕީ މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް (މާލިމީ) އިބްރާހީމް އަހުމަދު އާއި، އެމްޑިޕީ މާފަންނު އުތުރު ދާއިރާގެ ރައީސް އަދި ރައީސް ނަޝީދުގެ އެގްޒެކެޓިވް ސެކްރެޓަރީ މުޙައްމަދު ޒިޔާދު އާއި ރައީސް ނަޝީދުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލް އެވެ.

3 މެންބަރުންގެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ލީގަލަ ޑައިރެކްޓަރ އަދި އެމްޑީީޕީ އޭދަފުށީ ދާއިރާގެ ރައީސް އަލްއުސްތާޛާ ހިސާން ހުސައިން އާއި، ރައީސް ނަޝީދުގެ ޕޮލިސީ ސެކްރެޓަރީ އަދި އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ރައީސާ އާމިނަތު ޝައުނާގެ އިތުރުން އެމްޑީޕީގެ ގާނޫނީ ޓީމުގެ މެންބަރު އަލްއުސްތާޛް އަޙުމަދު ޢަބްދުﷲ އަފީފް އެވެ.