އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ކޮންމެ ތަނެއްގައި ޝަރީއަތް ހިންގި ނަމަވެސް އެމަނިކުފާނާއެކު އެމްޑީޕީގެ މެންބަރުން އެތަނަކަށް ދާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އުސްފަސްގަނޑުގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މައުމޫނާއި ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ 800 މިލިއަން ޑޮލަރުގެ މައްސަލަ ވެސް ބަލަންޖެހޭނެ ކަމަށާއި، އެ ދެ ބޭފުޅުންގެ މައްޗަށް ހުކުމެއް ނުކޮށް ރައީސް ނަޝީދުގެ މައްޗަށް ކުރާ ހުކުމެއް އެމްޑީޕީން ބަލައިނުގަންނާނޭ ކަމަށެވެ.
މޫސަ ވިދާޅުވީ އެންމެ ފުރަތަމަ 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ނަޝީދު ހޮވިވަޑައިގަތުމުން ވެސް އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް ހަމަ މިހާރު މިއޮތް ދަތިތައް ކުރިމަތި ކުރުވި ކަމަށާއި، “އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވިވަޑައިގެންފާނެތީވެ އިދިކޮޅު މީހުން އޭރުވެސް” މަސައްކަތް ކުރި ކަމަށެވެ. އެދުވަހުވެސް އެމްޑީޕީން ތިބީ ސާބިތުކަމާއި އެކީގައި ކަމަށާއި، “ހުކުމެއް ކުރަންޏާ ކުރަންޖެހޭނީ އެމްޑީޕީގެ ސާޅީސް ހާސް މެންބަރުންނަށް އެއްކޮށް،” ކަމަށް މޫސަ ވިދާޅުވި އެވެ.
“އަޅުގަނޑުމެންގެ ގައިގައި ތަޅާ ސުންނާފަތިކޮށް އަޅުގަނޑުމެން ފުނޑާލާފައި މިގައުމުގެ 30 އަހަރު ވެރިކަން ކުރި ބޮޑު މީހަކު ހުއްޓާ، އަޅުގަނޑުމެންނަށް މި އަނިޔާތައް ދިން މީހުން ބައިތިއްބާފަ އެހެން މީހަކު ކޯޓަށް ވައްދައިގެން ކުރާ ހުކުމެއް ބަލައިގަތުމެއް މިޕާޓީއަކުން ނޯންނާނެ.”، މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ހަރަކާތްތަކުގެ ޚަބަރުތަކާއި މައުލޫމާތު ގެނެސްދޭ އިންޓަނެޓް ޓީވީ ޗެނަލެއް ކަމަށްވާ އައިލެންޑް ޓީވީ (އައިޓީވީ) ރޭ ވަނީ އިފްތިތާޙްކޮށްފައެވެ. ޒުވާނުންތަކެއް އިސްނަގައިގެން ފެށި ޗެނަލް ލިބޭނީ ޔޫސްޓްރީމުންނެވެ. އެ ޗެނަލް އިފްތިތާހު ކޮށްދިނީ އެ ޗެނަލް އުފެއްދުމުގައި މަސައްކަތް ކުރާ ޒުވާނުންނެވެ.