ވަކި ބަޔަކަށް އަމާޒުކޮށް ފުލުހުން ހިންގަމުން ގެންދާ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލުން


ވަގުތުން ނެރުމަށް
MDP-2012-PR-ނަންބަރު: 72
ތާރީޚް: 18 ޖުލައި 2012 (ބުދަ)

ވަކި ބަޔަކަށް އަމާޒުކޮށް ފުލުހުން ހިންގަމުން ގެންދާ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލުން

އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގެން ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން ވަކި ބަޔަކަށް އަމާޒުކޮށް ފުލުހުން ގާނޫނާއި ގަވާއިދާއި ޚިލާފަށް އަނިޔާތައް ދެމުންގެންދާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އެގޮތުން މިރޭ އެމްޑީޕީ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރ އަދި މިޕާޓީގެ ގައުމީ މަޖިލިސްގެ މެމްބަރ ޝިފާ އަށާއި މިޕާޓީގެ އިންތިޒާމާއި ބެހޭކޮމިޓީގެ މުގައްރިރު އަދި ރައީސް ނަޝީދުގެ އެގްޒެކްޓިވް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) އަށް އަމާޒުކޮށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ. އެހެންކަމުން މި އަމަލަކީ މި ބޭބޭފުޅުން ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓުވުމަށް ފުލުހުން ރާވާއިގެން ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށް މިޕާޓީން ދެކެމެވެ.

އަދި މިރޭވެސް ސީދާ ހަރަކާތުގެ ގިނަބައިވެރިންތަކެއް ސުލްހަވެރިކަމާއިއެކު އިހްތިޖާޖް ކުރަމުން ގެންދަނިކޮށް، ގާނޫނު އަސާސީން އެބޭފުޅުންނަށް ލިބިފައިވާ ހައްގުތަކަށް ބެލުމެއްނެތި ފުލުހުންވަނީ އަނިޔާވެރިކަމާއި އެކު ހައްޔަރުކޮށްފައެވެ. ފުލުހުން ގާނޫނު އަސާސީ އާއި ހިލާފަށް ހިންގަމުން މިގެންދާ ފިނޑި އަމަލުތައް މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުނަށް ކަށަވަރުކޮށްދީ، ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ގޮވާލާ ގޮވާލުން އަނެއްކާ ވެސް ތަކުރާރުކުރަމެވެ.

އަދި އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް