ސީދާ ހަރަކާތަށް ދިއުން އުސްފަސްގަނޑުން

އެމްޑީޕީން މި ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ސިލްސިލާކޮށް ބާއްވަމުން އަންނަ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިރޭ 9 ޖަހާއިރު އުސްފަސްގަނޑަށް ވަޑައިގަންނަވާނެއެވެ.

އެމްޑީޕީން ވަނީ ރައީސް ނަޝީދުގެ އަރިހުގައި ސީދާ ހަރަކާތަށް ދާން ބޭނުންވާ ފަރާތްތައް މިރޭ 9 ޖަހާއިރު އުސްފަސްގަނޑަށް ދިއުމަށް ގޮވާލާފައެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ ވެސް ރައީސް ނަޝީދު ވަނީ އުސްފަސްގަނޑުގައި އެމްޑީޕީގެ މެންބަރުންނާ މުޚާތަބުކުރައްވައި ޖޯޝުން ފުރިގެންވާ ތަގުރީރެއް ކުރެއްވުމަށްފަހު، އެ ބައްދަލުވުމުގެ ބައިވެރިންނާ އެކު އެމްޑީޕީގެ ސީދާ ހަރަކާތް ހިންގަމުންދާ ރީފްސައިޑް ކައިރިއަށް ވަޑައިގެން ސީދާ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި ފުލުހުން ވަނީ އެރޭ ރައީސް ނަޝީދުގެ ލޯފުޅަށް އަމާޒުކޮށް ޕެޕަރސްޕްރޭ ޖަހާފައެވެ.

އެހެން ނަމަވެސް އޭގެ ފަހުން ވެސް އެމަނިކުފާނު ގެންދަވަނީ ސީދާ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުން ބަޣާވާތާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ހިއްވަރުދެއްވަމުންނެވެ.