އަންހެނުންގެ ޢިއްޒަތާއި ކަރާމާތަށް ގެއްލުންވާފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ގޮވާލަން

ދިވެހިރާއްޖޭގެ ސިވިލްސާރވިސަސް ކޮމިޝަންގެ މުވައްޒިފަކަށް ޖިންސީގޯނާ ކުރިކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖްލީސްގެ “މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް” ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެމައްސަލަ ސާބިތުވެ މިނިވަން މާހައުލެއްގައި ކަމިޝަންގެ ރައީސް އިސްތިއުފާ ދިނުމަށް ވަނީ އަންގާފައެވެ.

ދައުލަތުގެ މުއައްސަސާ ތަކުން އެއްވެސް ބެލުމެއްނެތި ޢާއްމުރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އަރައިގަންނަމުންދާ ދަނޑިވަޅެއްގައި އަންހެނުންގެ ޢިއްޒަތާއި ކަރާމާތަށް ގެއްލުންވާފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންހެނުންގެ ރޫޙުގެ ފަރާތުން ގޮވާލަމެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގެ 37 ވަނަ މާއްދާގެ ނ. ގައި ބަޔާންވެގެންވާ ފަދަ “ހަމަ ހަމަ ކަމާއިއެކު މުޢާމަލާމާތްކުރެވޭ ރައްކާތެރި މާޙައުލެއް” ގައި މަސައްކަތް ކުރުމަށް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ލިބިދޭ ޙައްޤު ހިމާޔަތްކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލްކަން ދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ގޮވާލަމެވެ.

ސިވިލްސާރވިސަސް ކަމިޝަންގެ ރައީސް އެކޮމިޝަންގެ އަންހެން މުވައްޒިފަކަށް ޖިންސީ ގޯނާކުރުމަކީ އަންހެނުންނަށް ޤާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ލިބިދޭ ރައްކާތެރިކަމަށް އަރައިގަތުން ކަމުގައި އެމްޑީޕީ އަންހެނުންގެ ރޫޙުގެ ފަރާތުން ދެކެމެވެ. އަދި އެ ޢަމަލު އެމްޑީޕީ އަންހެނުންގެ ރޫޙުގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރަމެވެ.

އަދި ސިވިލްސާރވިސަސް ކަމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން އޭނާ އެކުރީ އެކަށީގެންނުވާ ކަމެއް ކަމުން ޤާނޫނުއަސާސީގެ 187ވަނަ މާއްދާގެ ދަށުން އޭނާ ސިވިލްސާރވިސަސް ކަމިޝަންގެ މެންބަރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަށް ދަންނަވަމެވެ.

ސިވިލްސާރވިސަސް ކަމިޝަންގެ ރައީސަކަށް ހުރެ ރައްޔިތުންގެ މަޖްލިސްގެ “މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީން” އެމައްސަލަ ނިންމާފައިވާތީވެ މުޅި ސިވިލް ސާރވިސަސްގެ މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ޙަވާލުގައި އިސްވެ ހުންނަވާ ވެރިޔެއްގެ މިފަދަ ޢަމަލު ތަކަކީ ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫނެވެ. އަދި މިފަދަ ބޭފުޅަކު އެމުއައްސަސާގައި ހުންނެވުމަކީ އެ މުއައްސަސާއަށް ލިބޭ ހުތުރެއް ކަމުގައިވެސް ދަންނަވަމެވެ.

މިފަދަ މައްސަލަތަކުގައި އަންހެން ކަނބަލުންނަށް އެހީތެރިވެ ދެއްވުމަށާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އެ ކަމިޝަންގެ މެންބަރު ކަމުން ވަކިކޮށްދެއްވުމަށް ތިޔަ ޢިއްޒަތްތެރި މެންބަރުން ވޯޓްދެއްވުމަށް އަންހެނުންގެ ރޫޙުން ގޮވާލަމެވެ.


ބަޔާން ނެރުނީ: ޝިޔާމާ އަޙްމަދު
އަންހެނުންގެ ރޫޙުގެ ރައީސާ
790522
2