ނޫސް ބަޔާން
MDP-PG/2012/007
17 ޖުލައި 2012
ސަލާމަތީ ޚިދުމަތްތަކުން ތަކުރާރުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަނިޔާކޮށް، ހައްޔަރުކޮށް ގޯނާކުރާ މައްސަލަ ކުށްވެރިކުރުން
ސަލާމަތީ ޚިދުމަތްތަކުން ތަކުރާރުކޮށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަނިޔާކޮށް، ހައްޔަރުކޮށް ގޯނާކުރާ މައްސަލަ އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ، ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުންނާ ޚިލާފަށް، ރައްޔިތުން އިތުބާރުކޮށް ރައްޔިތުން ތަމްސީލުކުރުމަށް ރައްޔިތުން ވޯޓަކުން ހޮއްވަވާފައިވާ ރައްޔިތުންގެ މަންދޫބުންކަމަށްވީއިރު، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުވައިކޮށްގެން ތިބި ބަޔަކަށް ވީއިރު، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަކީ ޤާނޫނު އަސާސީން ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމަކަށްވީއިރު، އަދި ސަލާމަތީ ޚިދުމަތްތަކުން ތަބާވާންޖެހޭ ޤާނޫނުތައް ހަދާފަރާތަކީ ވެސް ރައްޔިތުންގެ މަޖިލިސްކަމަށްވީއިރު، އަދި ސަލާމަތީ ޚިދުމަތްތަކުގެ ޤާނޫނީ ވާޖިބުތައް އަދާކުރޭތޯ ބަލައި، ޒިންމާދާރުކުރަންޖެހޭ ފަރާތަކީ ވެސް ރައްޔިތުންގެ މަޖިލިސްކަމަށްވީއިރު، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ޤާނޫނު އަސާސީން ޚާއްޞަ އިމްތިޔާޒުތަކެއް ލިބިދީފައިވާ ބަޔަކަށް ވެސް ވީއިރު، ބަޣާވާތަށްފަހު، ސުލްޙަވެރި މުޒާހަރާތަކުގައި ބައިވެރިވާ އެމް.ޑީ.ޕީ. އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ މުޖުރިމުންގެ ގޮތުގައި ދެކެގެން، ސަލާމަތީ ޚިދުމަތްތަކުން އާންމު އުސޫލެއްގެގޮތުން ތަކުރާރުކޮށް މެމްބަރުންނަށް ޖިސްމާނީ އަނިޔާކޮށް، ހުތުރުބަހުން މުއާމަލާތްކޮށް، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދާ ވެސް ޚިލާފަށް މެމްބަރުން ހިފާ ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށް، ދޮގު ދަޢުވާތައްކޮށް، އަނެއްބައި ފަހަރު ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުމަށްފަހު ދޫކޮށްލައި، މިއެންމެހައި ގޮތްގޮތުން ގޯނާކުރަމުންގެންދާ ގެންދިއުމަކީ ރައްޔިތުންނަށްޓަކައި މެމްބަރުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ގަސްދުގައި ހުރަސްއަޅައި ބިރުދެއްކުމުގެގޮތުން ސަލާމަތީ ޚިދުމަތްތަކުން ހިންގަމުންގެންދާ ބޮޑުވެގެންވާ ޖަރީމާއެއްގެ ގޮތުގައި ދެކެމެވެ.
ވީމާ، ރައްޔިތުން އިންތިޚާބުކުރައްވާފައިވާ، އެމް.ޑީ.ޕީ އަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ސަލާމަތީ ޚިދުމަތްތަކުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށާއި، ރައްޔިތުންނަށް ލިބިގެންވާ ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށާއި، ޚިޔާލުފާޅުކޮށްގެންނާއި މުޒާހަރާތަކުން ބަންދުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ކަމާގުޅޭ މިނިވަން މުވައްސަސާތަކުން އެ މައްސަލަތައް ބައްލަވައިދެއްވުމަށް ވެސް ގޮވާލަމެވެ.
ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ޕާލަމަންޓްރީ ގުރޫޕުގެ ފަރާތުން