އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއި ބެހޭ ކޮމިޓީ (ޕޮލިސީ ކޮމިޓީ) ގެ ޓީމެއް މަތި ދެކުނު (ހުވަދޫ) ޕްރޮވިންސް ގައި ހަރަކާތްތެރިވަމުން އެބަދެއެވެ.
މި ޓީމުގައި ޕޮލިސީ ކޮމިޓީގެ މެންބަރު ހުސައިން އަމްރުގެ އިތުރުން ދެން ހިމެނެނީ ޕޮލިސީ ކޮމިޓީއާއެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީ ހައްގު ކޮމިޓީގެ މެންބަރު ޝަމާއު ޝަރީފް އާއި، ވޮލަންޓިއަރކޮށް އެމްޑީޕީ ޕޮލިސީ ކޮމިޓީއަށް މަސައްކަތްކޮށްދެއްވަމުން ގެންދަވާ އިބްރާހީމް އަމީރު އެވެ.
މި ޓީމުން ވަނީ ރޭ ތިނަދޫގައި އެމްޑީޕީ މެނިފެސްޓޯ ވޯކްޝޮޕެއް ބާއްވާފައެވެ. އަދި މިއަދު އެރަށުގައި ދޮރުން ދޮރަށް ހިނގައި އެމްޑީޕީގެ އާ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދާފައިވެއެވެ.
އެމްޑީޕީގެ ޕޮލިސީ ކޮމިޓީން މަތިދެކުނު ޕްރޮވިންސަށް މިކުރާ ދަތުރުގައި ތިނަދޫގެ އިތުރުން ކޮލަމާފުއްޓާއި، ވިލިނގިލި، ދާންދޫ އަދި ގައްދޫއަށް ޒިޔާރަތްކޮށް ކޮންމެ ރަށެއްގައި ވެސް މެނިފެސްޓޯ ވޯރކްޝޮޕެއް ބޭއްވުމުގެ އިތުރުން ދޮރުންދޮރަށް ހިނގައި، މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.