މިއަނިޔާ ވެރިކަން ދިގުދެމިގެން ހިނގައްޖެނަމަ!

ފުނަމާ

ވިސްނާލުން މުހިންމެވެ. ލަކުޑި ގަނޑެއްގައި ކަތުރުފަނި އަޅައި ބޮމުންދާން ފެށުމުން އެލަކުޑިގަނޑު އަތްވަށްނެރެ ހޫނުކޮށްލައި ބޭރުން ފެންނާންހުރި ފަނިތައް ދަމާނެރުމަށްފަހު ހަމައެލަކުޑި ގަނޑުގައި ކިތަންމެ ރީތި ދަވާދެއް ލާފައި ބެހެއްޓިޔަސް އެލަކުޑިގަނޑުގެ އެތެރޭގައި ފިލައިގެންތިބި ކަތުރުފަނިތައް އަލުން އެލަކުޑިގަނޑަށް ހަމަލާދީ އޭގެ ދުވަސް ދުށްވާލާނެކަން ކަށަވަރެވެ. ޖެހޭނީ އެލަކުޑިގަނޑުގައި އަޅާފައިވާ ހުރިހައި ފަންޏެއް ނައްތާލާށެވެ. ނޫނީ ލަކުޑިގަނޑު މުޅީން ދޫކޮށްލާށެވެ.

ދިވެހިރާއްޖޭގައި ޒަމާނަށް ދެމިގެންދިޔަ އަނިޔާވެރި ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް ގެނައުމަށްފަހު އަޅުގަނޑުމެން ޑިމޮކްރަސީއެއް ގާއިމް ކުރީމެވެ. ނަމަވެސް އަނިޔާވެރި މުޖުރިމުންނަށް އަޅުގަނޑުމެން އެކަށީގެންވާ ޖަޒާއެއް ނުދީއިހުމާލު ވުމުން ދެންވެދާނެ ހުރިހައިގޮތެއް މިއަދު މިވަނީ ވެގޮސްފައެވެ. އަލުން އަނބުރައި އަނިޔާވެރީން މިއަދު އެތިބީ މިގައުމަށް ފާވެގެންނެވެ. އެމީހުންގެ ނުބައި ނުލަފާކަމުގެ ހިތިރަހަ މިއަދު އަޅުގަނޑުމެންގެ އަރުގައި މިދަނީ ލަމުންނެވެ.

ސުވާލަކީ މިގޮތަށް މިއަދު މިގައުމުގެ މައްޗަށް ޚާއިނުންގެ ބަޔަކު ވެރިވެގެން މިތިބަގޮތުގައި ދެމިތިބެ ގިނަދުވަސްތަކެއް ހޭދަވާން ވެއްޖެނަމަ މިގައުމާއި ގައުމުގެ ރައްޔިތުންގެ ހާލަށް ވެގެންދާނީ ކިހިނެއް ހެއްޔެވެ؟ މިއަދު މިދަނީ ފިސާރި ރަނގަޅަށް އެކަން ތަޖުރިބާ ކުރެވެމުންނެވެ. ދިވެހީން މިއަދު މިވަނީ ބައިނަލް އަގްވާމީ ދުނިޔެއާއި އެކަހެރިވާން ފަށާފައެވެ. ލާއިންސާނީ އަމަލްތައް މިއަދުމިއޮތް ބާޣީ ސަރުކާރުން އެގެންދަނީ ފާޅުގައި ހިންގަމުންނެވެ. ރޯމާދުވާލު ފުލުހުންނާއި ސިފައިން ބާޣީސަރުކާރުގެ ވެރީންގެ އޯޑަރާއި އެއްގޮތަށް އެގެންދަނީ ރައްޔިތުންނަށ އަނިޔާވެރި ވަމުންނެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން މިވަނީ ނިގުޅައިގެންފައެވެ. ސުލްހަވެރި ކަމާއެކު ރައްޔިތުން ކުރަމުން ގެންދާ އިޙްތިޖާޖުތައް އެރޫޅާލަނީ އަނިޔާކޮށް ސުންނާފަތި ކޮށްގެންނެވެ. މިހާލުގައި ރައްޔިތުން ކެތްތެރިވެ ތިބޭނީ ކިހާދުވަހަކު ހެއްޔެވެ؟

އަނިޔާވެރިކަން އިތުރުވެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި އަނިޔާވެރީންނާއި އިދިކޮޅަށް ” އެއްނާޅިއަކުން ” މިނަން ނުކުމެއްޖެ ނަމަ ދެން ކަންވެގެންދާނެ ގޮތްއޮތީ ހީކޮށްލުމެވެ. މިއަދު އޮހޮރިގެން މިދަނީ ކުށެއްނެތް ޢާންމު ރައްޔިތުންގެ ލެޔެވެ. މުގުރެމުން އެދަނީ އާންމު ދިވެހި ދަރީންތަކެއްގެ އަގުންތަކެވެ. ނޫފައިގެން ފުފިއަރަނީ ” ތިމަންނާމެންގެ ވޯޓުގެ ޙައްގު ދޭށޭ ” ހަމައެކަނި ބުނެ ނުކުމެ އަޑުއުފުލާ އެތަކެއްހާސް މުއާތިނުންގެ ހަށިތަކުގެ އެތަންމިތަނުންނެވެ. މިއަދު މިގައުމުގެ ސަރުކާރާއި ހަވާލުވެ ގަނެގެން އެތިބީއަކީ އަގަލެއް ކުލުނެއް ހުރިބައެއް ނޫނެވެ. ކޮންމެ ގޮތަކުންވެސް އެމީހުންގެ ވެރިކަން ހިމާޔަތްކޮށް މިގައުމުގެ ބޭތުލްމާލުން އެމީހުންގެ ޖީބުތައް ފުރުނީމައި އެމީހުންނަށް އެނިމުނީއެވެ. ރައްޔިތުންގެ އަޑެއް އިވޭކަށް އެމީހުންގެ ކަންފަތެއް ނެތެވެ. ދެކޭކަށް ލޮލެއް ނެތެވެ.

މިއަދު މިގައުމުގައި ވެރިވެ އެތިބަ ބާޣީން ދެކޭގޮތުގައި އެމީހުންނަކީ މުޅިދުނިޔޭގެ އެންމެ ބޮޑުބާރެވެ. އެހީދޭ ގައުމަކަށް ދުނިޔޭގެ އެއްވެސް ޖަމާއަތަކަށް އެމީހުން ބޮލެއް ނުލަނބައެވެ. ކުރަނީ ހިތަށްއެރި ކަމެކެވެ. ހަދަނީ ހުސްދޮގެވެ. އދ އާއި ދުނިޔޭގެ ބާރުވެރީންނަށް އެމީހުން އެދެނީ ބީރުކަންފަތެވެ. ތިމަންނާމެންނީ މުޅިދުނިޔެއަށް ޙުކުމްކުރުމުގެ ބާރުއޮތް ހަމައެކަނި ބައެއް ކަމުގައި އެމީހުން އެތިބީ ގަބޫލުކޮށްގެންނެވެ. ރައްޔިތުން މިއަދު މިތިބީ ބިކަހާލުގައިޖެހި މަގުމަތި ވެފައެވެ. ގާނޫނުއަސާސީ ބުނާގޮތުން މިދައުލަތުގެ އެންމެ ބާރުވެރީންނަކީ ރައްޔިތުންނެވެ. އެކަމަކު އެރައްޔިތުންނަށް ބަހެއްބުނުމުގެ އެއްވެސް ޙައްގެއް މިބާޣީންގެ ސަރުކާރަކު ނެތެވެ. ގައުމުގެ އިސްފަޑީގައި މިއަދު މުޅީންހެން އެތިބަ ބަސްކިޔަނީ ރައްޔިތުން ބަލައިނުގެން އެއްލާލި ބައިގަނޑެކެވެ. ވެރިކަމަށް ކުރިމަތިލައި ރައްޔިތުން ގަބޫލުނުކުރި ބައެކެވެ. އެމީހުން އެހިފަނީ އޭގެ ބަދަލެވެ. ރެޔާދުވާލު ރައްޔިތުން މިގެންދަނީ ކަރުނައަޅަމުންނެވެ. މުޅިގައުމުގައި ހިތްދަތިކަމާ ހިތާމައެވެ.

ބާޒާރުގެ އަގުތައް އުފުލި ރައްޔިތުން މިތިބީ ހަނާވެފައެވެ. ޑިއުޓީ ކަނޑާލުމަކުން ރައްޔިތުންނަށް ލިބުނު ލުޔެއް ނެތެވެ. ޓެކުހުގެ ގޮތުގައި ނަގާ އާމްދަނީ ގަނޑުން ރައްޔިތުންނަށް އެއްވެސް ލާބައެއް މަންފާއެއް ނުކުރެއެވެ. ރަށްރަށުގެ ސިއްޙީ ހާލަތު ދުވަހަކު ދަށަށް ނުދާވަރަށް ދަށްވެއްޖެއެވެ. އާސަންދައިގެ ބޭސްކޮޅެއް ލިބޭކަށް ނެތެވެ. ދިވެހީންނަށް ޙަގީގަތަކަށް ވަމުންދިޔަ ހުވަފެންތައް ބިލާހަކަށް ހަދާލައި ރައްޔިތުން ބިކަކޮށްލައިފިއެވެ. މިއަދު މުޅިގައުމުގައި އިވެނީ ރުއިމުގެ އަޑެވެ. ނާމާންކަން މިވަނީ ގައުމަށް ފެތުރިފައެވެ. ދެޔޯތަކެއްހެން ރައްޔިތުންނާ ކުރިމަތިލައި ސުންނާފަތި ކުރަމުން އެގެންދަނީ އިއްޔެ އަހަރެމެންގެ ބޮލުގެ ފަޚުރުވެރި ތާޖުކަމުގައި އަހަރެމެން ބަލަމުން ގެންދިޔަ ސިފައިންނާއި ފުލުހުންނެވެ.

ގައުމުގެ ވެރިކަމުގައި ބަގުޑިލައިގެން އެހެރީ ރައްޔިތުންނާއި މެދުގައި އެއްވެސް އޯގާތެރިކަމެއްނެތް މީހެކެވެ. ފުލުހުންނަށް އަމުރުކުރާން އެހުރި މީހަކީ ރައްޔިތުންގެ ލެޔަށް ފެންބޮވައިގެންފައި ހުރި މީހެކެވެ. ވެރިކަން ހޯދީ ދަމައިގަނެގެންނެވެ. ރައްޔިތުން މަގުފުރައްދައި ފެލާލައިގެންނެވެ. މިފަދަ ބަޔަކުގެ އަނިޔާވެރިކަން މިގައުމުގައި ދެމި ، ދިގުލައިގެން ހިނގައްޖެ ނަމަ މިގައުމުގެ ކުރިމަގު އޮންނާނީ މިއަދު ސޯމާލިޔާގައި އެއޮތްފަދަ ގޮތަކަށެވެ. ޔުނީފޯމު އެޅި ބާރުވެރީން ރޯމާދުވާލު ގޭގެއާއި މީހުން ލޫޓުވަމުން ދާނީ މިއަދު ސޯމާލިޔާގެ މީހުން ކަނޑުފޭރޭ މިސާލުގައެވެ. އާންމު ރައްޔިތުން ތިބޭންޖެހޭނީ ފަލަސްތީނުގެ ރައްޔިތުންނަށް ޖެހިފައިވާ ޙާލުޖެހިފައެވެ. މިގައުމުގައި އަދުލެއް އިންސާފެއް ނޯންނާނެއެވެ. މީހެއްގެ ޙައްގެއް ނޯންނާނެއެވެ. ހުރިހައި އެއްޗަކާއި މިގައުމުގެ ރައްޔިތުންނަކީ ވެރިކަމުގައި އެތިބަ ބާޣީންގެ މިލްކުކަމުގައިވެ އެމީހުން ހިތުހުރިމީހަކު މަރައި ، ހިތުހުރި މީހަކު ދަންޖައްސަމުންވެސް ގެންދާނެއެވެ.

ދުނިޔޭގެ ކުރިމަތީގައި މިމީހުން ފަޟީޙަތްވެ ދުނިޔެ ގޮވާ ގޮވުންތަކަށް ބޯނުލެނބުމުގެ ނަތީޖާއަކަށްވާނީ ގައުމުތަކުން ރާއްޖެއަށްދޭ އެހީތައް ކަނޑައިލުމެވެ. ރައްޔިތުން އެދުވަހުން ޖެހޭނީ ބަނޑަށެވެ. ބާޣީ ސަރުކާރުގެ ޙިއްސާދާރުން ގޮވާނަގާނީ ތިމަންނާމެން މިތިބީ ރައްޔިތުންނަށް ވައުދެއްވެގެން ވެރިކަމަށް އައިހެއް ނޫނެވެ. އަދި ރައްޔިތުން ތިމަންނާމެން އިންތިޚާބު ކުރީމަކާވެސް ނޫނެވެ. އެހެންވީއިރު ރައްޔިތުންނަށް އެމީހުންގެ ފަރާތުން ހަމްދަރުދީގެ ކަންފުޅެއްވެސް ނުލިބޭނެއެވެ.

ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން މިއަދު ނިންމާން މިޖެހެނީ މިގައުމުގެ ކުރިމަގު ބައްޓަންކުރާނެ ގޮތެކެވެ. މިބާޣީންނަށް އަޅުދާސްވެގެން ތިބެ މިގައުމު ހަލާކުގެ ތެރެއަށް ވަށްޓާލާނީ ހެއްޔެވެ؟ ނޫނީ ޚާއިނުން ދުރުކޮށް މިގައުމު އަލުންއަނބުރައި މިނިވަން ކަމުގެ އައްސޭރިއަކަށް ގެންދާނީ ހެއްޔެވެ؟ ޖަވާބުއޮތީ ހަމައަޅުގަނޑު މެންގެ ކުރިމަތީގައެވެ. ބޭނުން ކޮންމެ ގޮތެއް ނިންމިދާނެއެވެ. އެކަމަކު މިއަނިޔާ ވެރިކަން ދިގުދެމިގެން ހިނގައްޖެނަމަ ދުވަހަކުވެސްދެން މިގައުމާއި ރައްޔިތުންނަކަށް ޑިމޮކްރަސީ ކީއްކުރަން މިނިވަން ކަމެއްވެސް ނުލިބޭނެއެވެ. ރައްޔިތުންގެ މޫނުތަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނާންނާނެއެވެ. އަޅުވެތިކަން މެނުވީ ނުދެކޭނެއެވެ.