އެމްޑީޕީން މަޖިލިސް ކުރިޔަށް ގެންދަން ބޭނުން ނުވާކަން ބަޔާންކޮށް ނެރޭ ނޫސް ބަޔާން

ރައްޔިތުންގެ މަންދޫބަކު ގާނޫނު އަސާސީ އާއި ޚިލާފަށް ހައްޔަރުކޮށްފައި ވަނިކޮށް މަޖިލިސް ކުރިޔަށް ގެންދިއުމަކީ ދިވެހި ރައްޔިތުން ބޭނުންވާނޭ ގޮތަކަށް ނުވާތީ އެމްޑީޕީން މަޖިލިސް ކުރިޔަށް ގެންދަން ބޭނުން ނުވާކަން ބަޔާންކޮށް ނެރޭ ނޫސް ބަޔާން

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މިލަންދޫ ދައިރާގެ މެންބަރު އަލީ ރިޒާ، ގާނޫނު އަސާސީ އާއި ޚިލާފަށް ބަންދުކޮށްފައި ވަނިކޮށް، އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ކުރިޔަށް ގެންދަން ބޭނުން ނުވާތީ މާދަމާ މަޖިލިސް ކުރިޔަށް ނުގެންދިއުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. އަދި އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ ސީދާ ކުއްލި ހަރަކާތުގައި ބައިވެރިވެވަޑައިގެން ސުލްހަވެރި ކަމާ އެކު އިހުތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް އަލީ ރިޒާ އާއި ސީދާ ހަރަކާތުގެ އިތުރު ބައިވެރިން ގާނޫނާއި ގަވާއިދާއި ޚިލާފަށް މިރޭވެސް ހައްޔަރުކޮށްފައި ވާތީ އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިގް އަށް ފުލުހުން އަނިޔާކޮށްފައި ވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އަލީ ރިޒާ މިރޭ ފުލުހުން ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާއިރު މީގެކުރިންވެސް އަލީ ރިޒާ ވަނީ މިހަރަކާތުގެ ތެރެއިން ހައްޔަރުކޮށްފައެވެ. އަދި ހަމަ މިހަރަކާތުގެ ތެރެއިން އެބޭފުޅާއަށް ވަރަށްބޮޑެތި އަނިޔާތަކެއްދީ ޒަހަމްކޮށްލާފައިވެއެވެ.

މީގެ އިތުރުން މިރޭ ފުލުހުން ވަނީ ޠޯރިގަށް ވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އެމްޑީޕީން އިންސާފަށްކުރާ ދަތުރުގައި ގިނަ ބައެއްގެ މަގުބޫލު ކަމާއި، ލޯބި ހޯދާފައިވާ “ނައީމާ ދައްތަ” ވެސް ފުލުހުން މިރޭ ވަނީ އަނެއްކާ ވެސް ހައްޔަރުކޮށްފައެވެ.

“ޠޯރިގުގެ ބުރަކަށީގައި މުގުރުން ޖެހުމުގެ ސަބަބުން ދިގުމިނުގައި 14 އިންޗި އަދި ފުޅާ މިނުގައި 2 އިންޗަށް ފިތްނަގައި، ފަޅައިގެން ގޮސް، ބުރަކަށިން މުގުރެއްގެ ފޮޓޯ ކޮޕީ ސިފަވާ ގޮތަށް ދުޅަވެފައިވާ” ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވިއެވެ.

ފުލުހުންގެ މި އަމަލުތަކަކީ އަވަސް އިންތިޚާބަކަށް ގޮވާލައި އެބޭފުޅުން އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުންދާތީ ދުރާލައި ރާވައިގެން، ސީދާ އެބޭފުޅުންނަށް ޒާތީގޮތުން އަނިޔާދީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމަށް ގާނޫނީ އިމުން ބޭރުން ހިންގަމުން ގެންދާ ފިނޑި އަމަލުތަކެއް ކަމަށް މި ޕާޓީން ދެކެމެވެ.

ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ދިރިހުރުމުގެ ހައްގާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ރައްޔިތުނަށް ކަށަވަރުކޮށްދީ، ފުލުހުންގެ ހަރަކާތްތައް ގާނޫނީ އިމުގެ ތެރޭގައި ބެހެއްޓުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް ބަޣާވާތުގެ ސަރުކާރުން އެކަމަށް ބީރު ކަންފަތެއް ދެމުން ގެންދާތީ މި ޕާޓީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.
އަދި އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކާއި ގުޅިގެން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އަލީ ރިޒާ އާއި “ނައީމާ ދައްތަ” އާއި، ފުލުހުންގެ ހައްޔަރުގައި ތިބި ސިދާ ހަރަކާތުގެ ބައިވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، އަދި ފުލުހުން ގާނޫނު އަސާސީއާއި ގާނޫނާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކުރަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް
3340044