ރައީސް ނަޝީދާ މެދު ކޮށްފައިވާ ދައުވާ އަނބުރައި ގެންދިއުމަށް ގޮވާލައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ނޫސް ބަޔާން


ނޫސް ބަޔާން
MDP-PG/2012/006
16 ޖުލައި 2012

ދިވެހި ރައްޔިތުން 11 ނޮވެމްބަރު 2008 ވީ އަންގާރަދުވަހު ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގައި ވާގޮތުގެ މަތިން އިންތިހާބުކުރި ސަރުކާރު، ފުލުހުންނާ ސިފައިންގެ ބަޔަކު ނުކުމެ 07 ފެބުރުއަރީ 2012 ގައި ބާގާވާތްކޮށް ވައްޓާލުގެ ތެރޭ ދިން ލާއިންސާނީ އެތައް އަނިޔާއަކާ، އެއަށްފަހު ތަކުރާރުވަމުންއަންނަ އަނިޔާވެރިކަމާއި ، މއ ކިނބިގަސްދޮށުގޭ އަލްއުސްތާޛް މައުމޫނު އަބުދުލްޤައްޔޫމު އޭނާގެ ވެރިކަމުގައި (11 ނޮވެމްބަރ1979 އިން 11 ނޮވެމްބަރ 2008 އަށް) ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، އާންމު ގާނޫނު ތަކާއި އަދި ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެއެޅިގެން ހިލާފުވެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ހިންގާފައިވާ ލާއިންސާނީ އަނިޔާތަކުގެ މައްސަލަތަކަށް ސަމާލުކަމެއް ނުދީ،

ގާނޫނު އަސާސީގެ 220 ވަނަ މާއްދާ ގައި ބަޔާންކުރާ ވަކިފަރާތަކަށް ބުރަނުވާ މުސްތަގިއްލު ޕުރޮސެކިއުޓަރ ޖެނެރަލް ގެ މަގާމުގައި ހުރެ، އަދި ބުނެވިދިއަ މާއްދާ ގެ (ނ) ގައި ބަޔާން ކުރާ ” މަސްއޫލިއްޔަތުތައް އަދާ ކުރުމުގައްޔާ އަދި ލިބިދީފައިވާ ބާރުތަކުގެ ބޭނުން ކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެން ނުވާނެކަމަށް ބަޔާން ކޮށްފައިވީ ހިނދު 13 ޖުލައި 2012 ވީ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ މުހިއްބުއްދީން ސްކޫލްގައި ބޭއްވުނު ޖަލްސާއެއްގައި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ފަރާތަކުން އެ ޖަލްސާގައި، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީ ގެ ރިޔާސީ ކެނޑިޑޭޓް ގ.ކެނެރީގޭ މުޙައްމަދު ނަޝީދު އާ ދެކޮޅަށް ދައުވާ ނުއުފުލައިފިނަމަ ޕްރޮސެކިއުޓަރ ޖެނަރަލް ގެ މަގާމުން ވަކިކުރާނެކަމަށް ގޮވާލިތާ 24 ގަޑި އިރުނުވަނީސް ،

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ ޕުރައިމަރީން އިންތިހާބު ކޮށްފައިވާ ރިޔާސީ ކެނޑިޑޭޓް ގ. ކެނެރީގޭ މުޙައްމަދު ނަޝީދު އާއި ދެކޮޅަށް ދައުވާ އުފުލުމަށް ކޯޓަށް މައްސަލަ ފޮނުވުމަކީ ކަންބޮޑުވެ ސުވާލު އުފެދޭކަމެކެވެ. މިއީ ސިޔާސީ ކުލަޖެހިގެން އެމްޑީޕީ އަށް ނިސްބަތްވާ ފަންސާސްހާސް ދިވެހިރައްޔިތުންނާއި ޑިމޮކްރަސީއާ ދެކޮޅަށް ކުރެވޭ ދައުވާއެއްކަމަށްވެސް އަޅުގަނޑުމެން ދެކެމެވެ. އަޅުގަނޑުމެން ދެކޭގޮތުގައި މިއަމަލަކީ ވޯޓުލައިގެން އަޅުގަނޑުމެންގެ ކެނޑިޑޭޓް ބަލިނުކުރެވޭނެކަން ސިޔާސީ ވާދަވެރިފަރާތްތަކަށް ކަށަވަރުވާތީ ޕްރޮސިކިޔުޓަރ ޖަނަރަލަށް ނާޖާއިޒް ނުފޫޒު ފޯރުވައިގެން ހިންގާ ދަށުދަރަޖައިގެ ފިނޑި އަމަލެކެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ހުޅުދާންވަމުންދާ ޑިމޮކްރަސީގެ ހުޅުކޮޅު ނިވާލުމަށް، ބަޔަކު ތަކުރާރުކޮށް ހިންގަމުންދާ މަކަރުވެރި ރޭވުންތަކުގެ މަޅިގައި މަނިކުފާނު ޖެހިވަޑައިނުގެން ސިޔާސީ ކުލަޖެހިފައިވާ މި ދައުވާ އަނބުރާގެންދަވައި ސާބިތުކަމާއެކު މަނިކުފާނުގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުންމަތީ ދެމިހުންނެވުމަށް އިލްތިމާސްކޮށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ޕާލަމަންޓްރީ ގުރޫޕުގެ ފަރާތުން