ނޫސް ބަޔާން
15 ޖުލައި 2012 ވީ އާދީއްތަ ދުވަހުގެރޭ ޗާންދަނީ މަގާއި ފަރީދީމަގާއި 4 އަގޮޅި ކަންމަތި ގުޅޭ ސަރަހައްދުގައި، މޯލްޑިވިއަން ޑިމޮކުރެޓިކު ޕާޓީގެ ފަރާތުން ސުލްހަވެރިކަމާއި އެކު ޤާނޫނު އަސާސީއާއި ޤާނޫންތަކާ އެއްގޮތްވާގޮތުގެމަތިން އެއްވި އެއްވުމުގައި، 7 ފެބުރުއަރީގައި ހިނގައިދިޔަ ބަޢާވާތާއި ދެކޮޅަށް އަޑުއުފުލައި ފެބަރުއަރީ 8ވަނަ ދުވަހު ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާ އާއި ދެކޮޅަށް ޝުޢޫރުފާޅުކޮށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަވަސް އިންތިހާބަށް ގޮވާލާ އިހްތިޖާޖު ކުރަމުން ދަނިކޮށް ޤާނޫނާއި ޤާނޫނު އަސާސީއާއި ހިލާފަށް ވަރަށް އަނިޔާވެރި ރަހުމްކުޑަ ގޮތެއްގައި އެމްޑީޕީ މަތިދެކުނު ޕްރޮވިންސްގެ ރައީސް އަލްފާޟިލް މުހައްމަދު ހަސަން( ކެޔޮޅޫ މުހައްމަދު) / ވިނަރެސް ގދ. ތިނަދޫ އާއި އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންނާއި އާއްމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ،
ޤާނޫނުއަސާސީގެ 27ވަނަ މާއްދާއިން ރައްޔިތުންނަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިދީފައިވީހިނދު. އަދި އެމާއްދާގައި ބަޔާންކޮށްފައިވާ އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތެއްގައި އިސްލާމްދިނުގެ އަސްލަކާއި ހިލާފުނުވާގޮތުގެމަތިން ދުލާއި ގަލަމުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގެންވީހިނދު، އަދި ޤާނޫނުއަސާސީ 32ވަނަ މާއްދާގައި، ކުރިން ހުއްދަ ހޯދުމަކާއިނުލައި އެއްވެ މުޒާހަރާކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާހިނދު،
ފަހަކަށްއައިސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސިގެ 246ވަނަ މާއްދާގެ (ހ) އަދި އެމާއްދާގެ (ށ) އާއި ހިލާފަށް ފުލުހުން އެއްވެސް ބެލުމެއްނެތި އަމަލުކުރަމުންދާކަން ހިތާމަޔާއިއެކު ފާހަގަ ކުރަމެވެ. ޤާނޫނު އަސާސީގެ 246ވަނަ މާއްދާގެ (ހ)ގައި ބުނަނީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުން އަމަލުކުރަންވާނީ ފަރުދުންގެ
މެދުގައްޔާއި ޖަމާއަތްތަކުގެ މެދުގައި ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު، އިސްލާމީ ރިވެތި އަޙުލާގާއި އިންސާނީ ޝަރަފާއި މީހުންގެ ޤަދަރަށް ޙުރުމަތްތެރިކޮށް ހިތައިގެންނެވެ. އަދި ހަމަ އެމާއްދާގެ (ށ)ގައި ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ މީހުން ސިޔާސީ އެއްވެސް ހަރަކާތެއްގައި، ނުވަތަ ސިޔާސީ ޕާޓީއެއްގައި ނުވަތަ މަސައްކަތްތެރީންގެ ޖަމްޢިއްޔާއެއްގައި ބައިވެރިވެގެނެއް ނުވާނެކަމަށް ބާޔާންކޮށްފައި ވާނެއެވެ. ނަމަވެސް ޤާނޫނު އަސާސީގެ އިސްވެދެންނެވުނު މާއްދާތަކާ ހިލާފަށް ސަލާމަތީ ހިދުމަތްދޭ ފަރާތްތަކުން ފަހަކަށްއައިސް އަމަލުކުރަމުން ގެންދާކަމަށްޓަކައި ހިތާމަކުރަމެވެ. ވަކިން ޚާއްޞަކޮށް ބަޢާވާތަކާއި ދެކޮޅަށް އަވަސް އިންތިހާބަކަށް ގޮވާލާ އެމްޑީޕީގެ ސުލްހަވެރި އެއްވުމުގައި ބައިވެރިވާ ފަރާތްތައް އަނިޔާވެރި ގޮތެއްގައި ހިފާ ހައްޔަރު ކުރަމުން ގެންދާ ގެންދިއުން ކުށްވެރިކުރަމެވެ.
ވީމާ،ކުށަކާނުލައި ހައްޔަރުކުރެވުނު މުޙައްމަދު ހަސަންއާއި އަދި ސިޔާސީ ކުށްވެރިންގެ ގޮތުގައި ހައްޔަރުގައި ތިބި އެންމެހާ ފަރާތްތައް ވަގުތުން ދޫުކޮށްލުމަށް ގޮވާލަމެވެ.
16 ޖުލައި 2012
ބަޔާން ނެރުނީ: މަޑަވެލި ދާއިރާގެ މެންބަރ މުޙައްމަދު ނާޒިމް